ވިޔަފާރި

ޑިފެންސަށް ކުރާ ހޭދަ މަދުކޮށް، އިސްކަމެއް މަޝްރޫއުތަކަށް

Jul 16, 2016
2
  • އަމާޒު ހުރީ ޖީޑީޕީއަށް ކުރިއެރުން ލިބޭނެ މަޝްރޫއުތަކަށް
  • ރައްޔިތުން ކުރަން ޖެހޭ ހޭދަ ކުޑަވެ، އަތްމަތި ތަނަވަސްވާނެ
  • ރައްޔިތުން ފުދުންތެރި ބަޔަކަށް ހެދުން ސަރުކާރަށް މުހިންމު

ސަރުކާރުގެ އަމާޒު ހުރީ ޑިފެންސަށް ކުރާ ހޭދަ ދަށްކޮށް ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރެވޭނެ ކަންކަމަށް ހަރަދު ކުރަން ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ. އެގޮތުން ނައިބު ރައީސް ވިދާޅުވީ، އައްޑޫ ސިޓީގައި އެމްޕީއެލް އިން އިއްޔެ ފެށި، އާ ދަތުރުފަތުރާއެކު އެ ސިޓީގެ ރައްޔިތުންގެ ފުދުންތެރިކަން އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށެވެ.

ނާއިބް ރައީސްގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު އައްޑު އަށް ކުރެއްވި ފުރަތަމަ ޒިޔާރާތުގައި ހިތަދޫގައި ރޭ ވާހަކަ ދައްކަވަމުން ޖިހާދު ވިދާޅުވީ އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުން ވެސް ފެނުނީ ސަރުކާރާއެކު ތިބިތަން ކަމަށާއި އެކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ. އަދި އެމްޕީއެލް އިން ފެށި އާ ދަތުރުފަތުރުގެ ސަބަބުން މުޅި އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސަރުކާރުގެ އަމާޒަކީ ޑިފެންސަށް ކުރާ ހޭދަ ދަށްކުރުން ކަމަށްވާ އިރު އެކަމަށް ރައްޔިތުން ސަރުކާރާ އެކު ތިބުން މުހިންމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި އަތޮޅު ރައްޔިތުންގެ ފުދުންތެރިކަން އިތުރު ވެގެން ދިޔައީ. ރައްޔިތުން އެއްތަނުން އަނެއް ތަނަށް ދިއުމާއި، ރައްޔިތުންގެ މުދާ އެއް ތަނުން އަނެއް ތަނަށް ގެން ދިއުމާ އިނގިރޭސި ބަހުން ދަންވާނަމަ 'މޮބިލިޓީ' އަކީ ޖީޑީޕީއަށް އެޅޭ ވަރަށް ބޮޑު ފަސޭހަކަމެއް. ރައްޔިތުން ދަތުރުކުރެވޭނަމަ ކުރިއެރުންތަކެއް ލިބިގެންދާނެ،" ޖިހާދު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރުކަންވެސް ކުރެއްވި ނާއިބް ރައީސް ވިދާޅުވީ ދަތުރުފަތުރާއެކު އައްޑޫ ސިޓީގެ އުފެއްދުންތެރިން މަތި ވެގެންދާނެ ކަމައިމެދު ޝައްކެއްނެތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އައްޑޫގެ ވިޔަފާރިތައް ފުޅާވެ، ފެށިފައި ހުރި ވިޔަފާރިތަކަށް ވެސް އިތުރު އާރޯކަމެއް އަންނާނެ ކަމަށް ވެސް ނައިބު ވިދާޅުވި އެވެ.

"މުދާތައް ފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް ގެންދެވޭނަމަ އެ މުދާ ފަސޭހަމާއެކު އެނބުރޭނެ. އެނބުރޭ މިންވަރު އިތުރުވެގެން އަންނާނެ. ހަމައެގޮތައް އެ މުދާ ވިއްކުމަށްވެސް ފަސޭހަ ވެގެން އަންނާނެ. އެހެންވެ އައްޑު އަތޮޅުގެ އިކޮނޮމީއަށް މީގެ ކުރިއެރުން ލިބޭ. އަޅުގަނޑު ދަންނަވާނީ މިއީ 'ބްރޭކް ތްރޫއެކޭ،" ޖިހާދު ވިދާޅުވި އެވެ.

ނާއިބް ރައީސް ވިދާޅުވީ އެމްޕީއެލްގެ މި ހިދުމަތުގެ ސަބަބުން ރައްޔިތުން ދަތުރުފަތުރަށް ކުރަން ޖެހުނު ހޭދަ އެތައް ގުނައެއް ކުޑަ ކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ކުރިން ދަތުރަކަށް 300ރ. ހޭދަ ކުރަމުން ދިޔަ ދަތުރަކަށް މިއަދުން ފެށިގެން މިއޮތީ އެންމެ ބޮޑު ވެގެން 30ރ.އަށް ކުޑަ ކުރެވިފައި. މީގެ މާނައަކީ ގާތްގަނޑަކަށް 90 ޕަސެންޓް ކުޑަވީއޭ. މިއީ ރައީސް ދެއްވި އީދު ހަދިޔާއެއް،" ނާއިބް ރައީސް ޖިހާދު ވިދާޅުވި އެވެ.

ނާއިބް ޖިހާދު ވިދާޅުވީ ނައިބް ރައީސްގެ މަގާމާ ހަވާލުވުމަށްފަހު، ފުރަތަމަ ރައީސް ޔާމީން ފޮނުއްވި ރަށަކަށް އައްޑޫ ވުމަކީ އެ ސިޓީއާ މެދު ރައީސް ޔާމީން ބަހައްޓަވާ ގަދަރާއި ލޯބި އެނގިގެންދާ ކަމެއް ކަމަށެވެ.

"އައްޑޫގައި ފެށި ރަސްމިއްޔާތުން ދެ ކަމެއް ހާމަވެއްޖެ. އެއް ކަމަކީ ދަތުރުފަތުރުގެ ކަންކަން ފަސޭހަ ވެއްޖެ. މިހާރު ކޮންމެހެން ވިސްނާކަށް ނުޖެހޭ ޓެކްސީ ނުލިބިގެން އުޅޭކަން. ކޮންކޮ، ދައްތަ ނޫނީ ބޭބެ ބަލައި ކާރެއް ނޫނީ ސައިކަލް އަންނަން ދެން މިހާރު ހުންނާކަށް ނުޖެހޭ. މިހާރު އަޅުގަނޑުމެންގެ ބައްޕަ މި އަތޮޅުގެ ކޮންމެ ތަނަކުން ވެސް ގެނެވޭ،" ނާއިބް ރައީސް ވިދާޅުވި އެވެ.

އައްޑޫގެ އެކި ހިސާބުތަކުން ޖަލްްސާ އަށް ދިޔަ އެތައް ސަތޭކަ ބަޔަކާ މުހާތަބުކޮށް ނާއިބް ރައީސް ޖިހާދު ވިދާޅުވީ ރައީސް ޔާމީންއަކީ ވައުދުވެ، އެ ވައުދު ފުއްދަވާ ބޭފުޅެއް ކަމަށެވެ.

"ބައެއް މީހުން ބުނި ނުވާނެއޭ. ނަމަވެސް އިރާދުކުރެއްވިއްޔާ ދެ އަހަރާ ބައިގެ ތެރޭގައި މިއޮތީ މި ވައުދުވެސް ފުއްދަވާ ދެއްވާފަ. ރައްޔިތުންގެ ކެކުޅުންތަކަށް އިޖާބަދެއްވާ ރައީސެއް މި ހުންނެވީ،" ނާއިބް ރައީސް ވިދާޅުވި އެވެ.