ހަބަރު

ޖިހާދު ވިދާޅުވަނީ ގޯސް ހެދީ ސަރުކާރުން ކަމަށް

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ދައުލަތުން ނުހައްގު މުއްސަނދިކަން ހޯދާފައިވާ ކަމަށް ބުނެ މިލިއަނަކަށް ވުރެ ގިނަ ރުފިޔާއިން ބަދަލު ހޯދުމަށް ސަރުކާރުން ވަނީ މައްސަލައެއް ކޯޓަށް ހުށައަޅާފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ގާނޫނުގެ ދަށުން ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ޖިހާދު ދިރިއުޅުއްވަން ދައުލަތުން ރެހެންދި3 ގެ ދެ ފްލެޓެއް ހަމަޖައްސައިދިން ކަމަށެވެ.

އަދި ބުނީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވުމުން އެތަން ހުސްކުރަން ދައުލަތުން ޖިހާދަށް އެންގުމުން ވެސް އެތަން ހުސް ނުކޮށް، ގާނޫނީ ހައިސިއްޔަތެއް ނެތި އެއް އަހަރާއި ތިން މަސް ވަންދެން ޖިހާދު އެތަން ބޭނުން ކުރެއްވި ކަމަށެވެ.

ޖިހާދު އެތަން ދޫކޮށްލެއްވީ ފެބްރުއަރީ 17، 2020 ގައެވެ.

އޭޖީ އޮފީހުން ބުނީ ގާނޫނީ ހައިސިއްޔަތެއް ނެތި ޖިހާދު ދައުލަތުގެ މުދަލެއް ބޭނުން ކުރެއްވި މުއްދަތަށް ކުލި ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދީ އަދި ޖިހާދު ނުހައްގު މުއްސަނދިކަން ހޯދާފައިވާތީ، އެތަނުގެ ކުއްޔާއި މެއިންޓެނަންސް ފީ އާއި ޔުޓިލިޓީ ފީސްގެ ގޮތުގައި ޖުމްލަ 1،109،227.36 ދައުލަތަށް އެކީ އެއްފަހަރާ ހޯދަން ސިވިލް ކޯޓަށް މިއަދު މައްސަލަ ވައްދާފައިވާ ކަމަށެވެ.

ނަމަވެސް ޖިހާދު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އަދި މައްސަލައިގެ އަސްލު ވިދާޅުވެ ދެއްވިއެވެ.

ރާއްޖެއިން ބޭރުގައި ހުންނަަވައިގެން އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ޖިހާދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އެމަނިކުފާނު ދިރިއުޅުމަށް ރެހެންދި3 ގެ ދެ ފްލެޓެއް ދިނުމަށްފަހު އެ ދެ ތަން ފައިސާ ދައްކައިގެން މިލްކު ކުރެވޭ ގޮތަށް ހައްދަވަން ނިންމެވި ކަމަށެވެ. ނަމަވެސް އެ ގޮތަށް އަމަލު ނުކުރެވޭނެ ކަމަށް އެންގުމުން ދައުރު ނިމުމާއެކު ފްލެޓްތަކުން ނިކުންނެވި ކަމަށެވެ.

"އަޅުގަނޑު ދައުރު ނިމުމާއެކު ކުރީ ސަރުކާރުން ނިންމާފައިވާ ގޮތަށް ފްލެޓްގެ ކަންކަން ހަމަޖެއްސުމަށް މަސައްކަތް ކުރުމުން އެކަން އިދާރާތަކުން ހުއްޓުވީ. އެ ހިސާބުން އަޅުގަނޑު ނިކުމެއްޖައިން ފްލެޓުން. އަދި ދެން އަމަލު ކުރާނެ ގޮތަކީ ކޮބައިތޯ ސުވާލު ކުރިން." ޖިހާދު ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ ހައުސިން މިނިސްޓްރީން ގުޅުއްވި ބޭފުޅަކު ފްލެޓްތަކުގެ ތަޅުދަނޑި ހަވާލު ކުރުމަށް އެދި ވަޑައިގަތް ކަމަށެވެ. ނަމަވެސް އެމަނިކުފާނާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރީ މުލިއާގެއިން ކަމަށްވެފައި، އެ ފްލެޓްތައް ހުރީ މުލިއާގޭގެ ނަންމަތީގައި ކަމަށްވާތީ އެ ތަނަށް ތަޅުދަނޑިތައް ހަވާލު ކުރަންތޯ ދެންނެވި ކަމަށާއި އެކަމާއި ގުޅިގެން ހައުސިން އިން ޖަވާބެއް ނުދޭ ކަމަށެވެ.

"މި ހުރިހާ ދުވަސް މިދިޔައީ އެހެން. އަޅުގަނޑު އަމަލު ކުރަންވާނީ އޮންނަ ގޮތަކަށް ދެއްތޯ. މުލިއާގޭގެ ދަށުގައިވާ ދެ ފްލެޓެއްގެ ތަޅުގަނޑި އެހެން އިދާރާއަށް ހަވާލު ކުރަން އަންގާނަމަ އެކަމުގެ ސަބަބު ބުނެދޭން ވާނެ ދެއްތޯ. އެ ސުވާލު ކުރެއްވީމަ ޖަވާބެއް ނުދެއްވި،"

ޖިހާދު ވިދާޅުވީ އެ ހިސާބުން ފެށިގެން އެ ފުލެޓްގައި އެމަނިކުފާނުގެ އެއްވެސް އެއްޗެއް ވެސް ބަހައްޓާފައި ނުވާނެ ކަމަށެވެ. އަދި އެތަނުގައި އެމަނިކުފާނު ވެސް އަދި އާއިލާގެ ބަޔަކުވެސް ދިރިއުޅެފައި ނުވާނެ ކަމަށެވެ. އަދި މުލިއާގެއިން ގުޅައި ތަޅުދަނޑިތައް ހަވާލު ކުރަން އެންގުމުން ހަަމަ އެ ދުވަހު އެކަން ކޮށްފައިވާނެ ކަމަށެވެ.

"މި ދެންނެވީ އަޅުގަނޑު މިއިން ދުވަހަކު އެތަނުގައި ނޫޅެން. އެތަނުގެ ބޭނުމެއް ނުކުރަން. ދެން ކޮން މާލީ މަންފާއެއްތޯ. ކޮބައިތޯ އަޅުގަނޑު ހޯދި ނު ހައްގު މަންފާއަކީ. މިއީ ސީދާ އަޅުގަނޑުގެ އަބުރު ކަތިލުމުގެ ގޮތުން ހިންގި ކަމެއް. އަޅުގަނޑު ނުހައްގުން ހޯދި މުއްސަދިކަމެއް ނުދެއްކޭނެ. ތިރީސް އަހަރުވީ ގައުމުގެ މުހިންމު އެތައް މަގާމެއް އަޅުގަނޑަށް އަދާ ކުރެއްވިއްޖެ، މާލޭގައި ފްލެޓެެއް ގެއެއް ގޯއްޗެއް ނޯންނާނެ. އަޅުގަނޑުގެ ފަޅު ރަށެއް، ފަޅެއް، ރިސޯޓެއް، ވިޔަފާރިއެއް ނެތް. އެންމެ ކުޑަމިނުން އުފަން ރަށް ތިނަދޫގައިވެސް އަމިއްލަ ގެއެއް ނެތް." ޖިހާދު ވިދާޅުވިއެވެ. "އަޅުގަނޑުވެސް މާލެ ހައުސިން ސްކީމްތަކަށް އަދި އަތޮޅުތެރޭގެ ހައުސިން ސްކީމްތަކަށްވެސް ފޯމްލާން. ނަމަވެސް އަދި ނުލިބޭ އެެއްވެސް ތަނެއް. އެހެންވީމަ ކޮބައިތޯ މަންފާއެއް ހޯދަން އަޅުގަނޑު ފޯރުވި ނުފޫޒަކީ، ނެތެއް ނޫންތޯ. އެހެންވީމަ ބެލި ވަރަކަށް ފެންނާނީ މި ހަގީގަތް."

ޖިހާދު ވިދާޅުވީ ދައުލަތަށް 30 އަހަރު ކޮށްދިން ހިދުމަތުގެ އަގަކީ ހުތުރު ދޮގު ބަދުނާމެއް އެޅުވުމަށްފަހު ދައުވާ ކުރުން ކަމަށެވެ. އަދި ދައުވާއިން ސާބިތު ކުރެވޭނެ ކުށެއް ކުރައްވާފައި ނުވާނެ ކަމަށާ އެކަމާ ކުރިމަތިލައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"އަޅުގަނޑަށް ދެއްކޭނެ ވާހަކަ އެބަހުރި. އެކަމަކު އެ ބޭފުޅުންނަށް ގާއިމް ކުރެވޭނެ ހުއްޖަތެއް ނޯންނާނެ. ކޮބައިތޯ އަޅުގަނޑު ހޯދި ނުހައްގު މަންފާއަކީ. ސަރުކާރުގެ އިހުމާލު އޮތީ. ނުބައި މަގަކުން ތަޅުދަނޑި ހޯއްދަވަން ކުރެއްވި މަސައްކަތް އެއީ ސަރުކާރުން ހެއްދެވި ގޯހެއް. އަޅުގަނޑަށް ތަޅުދަނޑި ހަވާލުކުރި ތަނުން ގުޅާފައި ބުނުމުން ހަމަ އެދުވަހު އަޅުގަނޑުވާނީ އެ ތަކެތި ހަވާލުކޮށްފައި. އެކަން ކުރަން އަޅުގަނޑަށް ފަސޭހަވާނެ ނޫންތޯ އަޅުގަނޑު އުޅުނީ އެ ފްލެޓްތަކުގައެއް ނޫން. އެއީ ހުސްކޮށް ހުރި ތަންތަން." ގިނަ ދުވަސްތަކެއް ވަންދެން ފިނޭސް މިނިސްޓަރުކަން ކުރެއްވި ޖިހާދު ވިދާޅުވިއެވެ.

ގަވަރުނަރު ކަމާއި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވެވި ޖިހާދަކީ ރައީސް އަބްދުﷲ ޔާމީންގެ ތިން ވަނަ ނައިބު ރައީސެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމުން ޖިހާދު ވަނީ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާ ގުޅި ވަޑައިގެން ސިޔާސީ މަސައްކަތް ފައްޓަވާފަ އެވެ.