އަބްދުއްރަހީމް އަބްދުﷲ

"ޖިހާދާއި މުނައްވަރު ސާބިތުކޮށްދެއްވީ އެނގުމާ ނޭންގުމުގެ ތަފާތު"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ސާބިތުކޮށްދެއްވީ އެނގުމާ ނޭންގުމުގެ ތަފާތު ކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދަރަނީގެ ހިސާބުތައް ސާފުނުވާތީ އެ ކަން އޮޅުންފިލުވުމުގެ ގޮތުން އެމަނިކުފާނުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޖިހާދާއި، އަހުމަދު މުނައްވަރާއި، މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ.

މިއަދުގެ ޖަލްސާގައި ދެކެވުނު ވާހަކަތަކަށް އިޝާރާތް ކުރައްވާ އިދިކޮޅު ލީޑްކުރައްވާ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ފިންނޭސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެއްކެވި ސާބިތު ކަމަށް އައްސަރިބަހާ ސާބަސް ދަންނަވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން ކަންކަން ކުރި ހަރުދަނާ ގޮތް ރައީސް ނަޝީދާއި އެމްޑީޕީގެ މެންބަރުންނަށް އޮޅުންފައިވާ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ރައީސް ސޯލިހާއި ރައީސް ނަޝީދާއި އެ ދެ ބޭފުޅުންގެ ވަފާތެރިން ހަދަމުން ގެންދާ ދޮގު އޮޅުވާލުންތައް ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެފައިވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ހަގީގަތުގައި މިއަދު މިވަނީ އެމްޑީޕީ ރަނގަޅަށް ބޮލާފޮށާ އެޅިފައި. އަދި ނަޝީދުގެ އަތަށް ގޮވާފައި،" މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.

ޗައިނާ އިން ލޯނު ނަގަނީ އެ ލޯނުތައް ދައްކަން ދިގު މުއްދަތެއް ލިބިފައި އިންޓްރެސްޓް ރޭޓް ކުޑަވުމުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު އަދި ފަހުން ނާއިބް ރައީސްކަން ކުރެއްވި އަބްދުﷲ ޖިހާދު ވަނީ ކުރީ ސަރުކާރު ދިފާއު ކުރައްވާފައެވެ.

ޖިހާދު ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ ފިނޭންސް މިނިސްޓަރު ކަމުގައި ޗައިނާ އިން ލޯނު ނަގަން ނިންމީ ދުނިޔޭގެ އެއްވެސް ތަނަކުން އެހާ ލުއިކޮށް ލޯނު ލިބެން ނެތުމުން ކަމަށެވެ.

"ކީތް ވެގެންތޯ ޗައިނާ އިން ލޯނު ނަގަނީ... އެ ލޯނުތަކުން ދައުލަތް ދަރާފާނެއޭ... މިއީ ރަނގަޅު ސުވާލެއް ކުރަން! އަޅުގަނޑު ހުރިއިރު ޗައިނާ އެގްޒިމް ބޭންކްއިން ލޯނު ނެގިން. އެއް ކަމަކީ ބްރިޖަށް ބޭނުންވާ ލޯނު. އެއް ކޮންޕޯނެންޓްއަކީ ގްރާންޓް [ހިލޭ އެހީ] އަނެއް ކޮމްޕޯނެެންޓަކީ ލޯނު. އެހެން ނަމަވެސް އެއީ ސޮފްޓް ލޯނެއް. ދިގު މުއްދަތެއްގައި ވަރަށް ކުޑަ އިންޓްރެސްޓެއްގައި ޕޭކުރާ ލޯނެއް. އެވަރުގެ ލޯނެއް އެހެން ފަރާތަކުން ދޭން އަޅުގަނޑު ބެލިއިރު ނެތް،" ޖިހާދު ވިދާޅުވި އެވެ

ޖިހާދު ވިދާޅުވި ގޮތުގައި ޗައިނާގެ ލޯނު ތަކަކީ ދައުލަތަށް މާބޮޑު ބުރައެއް އަންނާނެ ކަންކަމެއް ނޫން ކަމަށެވެ.

"ޑެޓް މިބަލަނީ، ޑެޓް އޭސް ޕަސެންޓޭޖް ޖީޑީޕީ ޑެޓް ސާވިސް ރޭޝިއޯ. މި ހުރިހާ އެއްޗެއް ބަލާފައި ނޫން ގޮތަކަށް އެއްވެސް އެއްޗެއް [ލޯނު] އެއް އެޕްރޫވްކޮށްފައެއް ނޯންނާނެ. ކޮންމެ ފަހަރަކު އައިއެމްއެފް ކޮންސެލްޓެންޓުން އައިސް ހުރިހާ އެއްޗެއް ވަރަށް ތަފުސީލްކޮށް ބަލާނެ. ހުރިހާ ލޯނުތަކެއް،" ޖިހާދު ވިދާޅުވި އެވެ.

ގަވަރުނަރުކަން ވެސް ކުރެއްވި ޖިހާދު ވިދާޅުވި ގޮތުގައި ކޮންމެ ގައުމަކުން ވެސް ލޯނު ދިނުމުގައި "ސިންގަލް އެކްސްޕޯޝާ ލިމިޓް" އެއް އިންނާނެ ކަމަށެވެ. އަދި ވިދާޅުވީ ލޯނަކީ މިއަދު ވެގެން އުޅޭކަމެއް ނޫން ކަމަށާ، މިއީ ޒަމާނުއްސުރެން ފެށިގެން ވެސް އެކަން އޮންނަ ގޮތް ކަމަށެވެ.

"އަޅުގަނޑުމެން ކިތަންމެ ވަރަކަށް ލޯނު ބޭނުންވި ނަމަވެސް ސިންގަލް އެކްސްޕޯޝާ ލިމިޓެއް އިނދޭ. ޗައިނާ ސަރުކާރުން ލޯނެއް ދުލެއް ނުކުރާނެ ސިންގަލް އެކްސްޕޯޝާ ކަންޓްރީ ލިމިޓަށްވުރެ މައްޗަކަށް. ޗައިނާ ސަރުކާރުން ވެސް ލޯނު ދިން ނަމަވެސް ލިމިޓްގައި ހިފަހައްޓާނެ. އެއީ ސައޫދީ ކަމަށްވިއަސް ގަތަރު ވިއަސް ޔޫއޭއީ ވިއަސް،" ޖިހާދު ވިދާޅުވި އެވެ.