ތުރުކީގެ އަސްކަރިއްޔާގެ ބައެއް ފައުޖުތަކުން ސަރުކާރު ވައްޓާލުމަށް ހިންގި ބަޣާވާތާ ދެކޮޅަށް އެ ގައުމުގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ، އަޑުއުފުލައި ސިފައިންއާ ކުރިމަތިލާން ފަށައިފި އެވެ. އަދި ރިސޯޓް ރަށެއްގައި ޗުއްޓީއެއްގައި ހުންނެވި އެ ގައުމުގެ ރައީސް ރިކެބް ތޮއްޔިބު އަރުދުގާން ވަނީ މިހާރު އިސްތަންބޫލަށް ވަޑައިގެންފަ އެވެ.
އިސްތަންބޫލާއި އަންކާރާގެ ބޮޑެތި މައިދާންތަކަށާއި އެއާޕޯޓްތަކަށް އަދި ހައިވޭތަކަށް އެތައްހާސް އާންމުންނެއް ނުކުމެ ސިފައިންގެ ބަޣާވާތާ ދެކޮޅަށް އަޑުއުފުލަން ފެށީ، ސިފައިންގެ ތެރެއިން، މަދުބަޔަކު ހިންގައިގެން އުޅޭ ބަޣާވާތާ ދެކޮޅަށް ރައްޔިތުން ތެދުވުމަށް އަރުދުގާން އެ ގައުމުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންތާ މާގިނައިރުތަކެއް ނުވެ އެވެ. ރިސޯޓް ރަށުގައި ހުންނަވައި އޭނާ ވިދާޅުވީ، ރައްޔިތުންނަށް ވުރެ ބާރުގަދަ އަޑެއް ނޯންނާނެކަން ބަޣާވާތްކޮށްގެން އުޅޭ ސިފައިންނަށް ދައްކައިދޭން ޖެހޭނެ ކަމަށާއި އާންމުތަންތަނަށް ވީހާ ވެސް ގިނަ ބަޔަކު އެއްވެ، ބަޣާވާތާ ދެކޮޅަށް އަޑުއުފުލުމަށް އެދޭ ކަމަށެވެ.
އެ ގޮވާލުމާ އެކު، އެތައްހާސް ބަޔަކު ވަނީ މަގުތަކަށާއި މައިދާންތަކަށް އަދި އެއާޕޯޓްތައް ހިމެނޭ ސަރަހައްދުތަކަށް އެއްވެ ސިފައިންނާ ދެކޮޅަށް އަޑުއުފުލަން ފަށައިފަ އެވެ. އަދި މަގުތަކުގައި ހުރި ޓޭންކްތައް ހުއްޓުވައި ޓޭންކްތަކުގެ ކުރިމަތީގައި މީހުން ވަނީ އޮށޯވެފަ އެވެ. އަދި ތުރުކީގެ ދިދަ ހިފައިގެން ތިބެ، އެތައް ހާސް ބަޔަކު އަންނަނީ ސިފައިންގެ ހަރަކާތްތަކާ ދެކޮޅަށް އަޑުއުފުލަމުންނެވެ. މުޒާހަރާ ކުރި ބައެއް މީހުންގެ ތެރެއަށް ބަޣާވާތް ކުރި ސިފައިން ބަޑިޖެހުމުގެ ސަބަބުން ބައެއް މީހުން ވަނީ ޒަހަމްވެސް ވެފަ އެވެ. އަދި ބަޣާވާތުގައި ހިމެނޭ ބައެއް ސިފައިން އެ ގައުމުުގެ ގާނޫނު ހަދާ މަޖިލީހަށާއި އެހެން ވެސް ބައެއް މުހިންމު އޮފީސްތަކަށް ވައިގެމަގުން ވަނީ ހަމަލާދީފަ އެވެ.
މީގެ ކުޑައިރުކޮޅެއް ކުރި އެރުދުގާން ވަނީ ޕްރައިވެޓް ޖެޓެއްގައި އެނބުރި އިސްތަންބޫލަށް ވަޑައިގެން މަގުތަކަށް އެއްވެފައިވާ އޭނާގެ ސަޕޯޓަރުންނާ މުހާތަބުކޮށްފަ އެވެ. އެއާޕޯޓް ބޭރުގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ، އެރުދުގާން ވިދާޅުވީ މިއީ ސިފައިންގެ ތެރެއިން މަދު ބަޔަކު ގައުމަށް ވީ ބޮޑު ހިޔާނާތެއް ކަމަށާއި ސިފައިންގެ ތެރޭގައި ތިބި ހިޔާނާތްތެރިންނަށް އެކަމުގެ ހައްގު އަދަބު ދެއްވާނެ ކަމަށެވެ. އުނދަގޫ މި ދަނޑިވަޅުގައި އަރުދުގާން ވިދާޅުވީ، އޭނާ އެއްވެސް ތަނަކަށް ނުދާނެ ކަމަށާއި ހުންނާނީ ރައްޔިތުންނާ އެކު އެ މީހުންގެ ހިދުމަތުގައި ކަމަށެވެ.
އެ ގައުމުގެ ބޮޑު ވަޒީރު ވިދާޅުވީ ބަޣާވާތްކޮށްގެން ތިބި ސިފައިން ބޭނުން ކުރަމުންދާ ހެލިކޮޕްޓަރު ނޫނީ އެހެން ވެސް ޖެޓެއް ނޫނީ ފްލައިޓެއް ނަމަވެސް ވަގުތުން ވައްޓާލުމަށް ސިފައިންގެ މައްޗަށް މިހާރު އަމުރުކޮށްފައިވާ ކަމަށެވެ. އެގޮތުން، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހަމަލާދެމުން އައި، އަސްކަރީ ހެލިކޮޕްޓަރަކަށް ރަޝިޔާގެ އެފް-16 ޖެޓަކުން ހަމަލާދީ ވަނީ ވައްޓާލައިފަ އެވެ. މި ހަމަލާތަކުގައި 42 މީހަކު ވަނީ މަރު ވެސް ވެފަ އެވެ. ބޮޑު ވަޒީރު ވިދާޅުވީ، ބަޣާވާތާ ގުޅިގެން 130 ސިފައިންގެ މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ގައުމީ ޓީވީ އިން ވެސް ބުނީ، ސިފައިންގެ ސްޓޭޓްމަންޓެއް އެ ސްޓޭޝަނުން އާންމު ކުރީ ބަޣާވާތް ކުރި ސިފައިން މަޖުބޫރުކޮށްގެން ކަމަށާއި އެކަމަށް ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. ފްލައިޓްތައް ހުއްޓާލައި ބަންދުކޮށްފައި އޮތް އެއާޕޯޓަށް ފްލައިޓްތައް ޖެއްސުމަށް ވަނީ ހުއްދަ ދީފަ އެވެ. އަދި ބަޣާވާތް ކުރި ސިފައިން ހުއްޓުވާލީ ސީއެންއެން ޓާކް އާއި އެހެން ވެސް ނިއުސް އެޖެންސީތަކުގެ ބްރޮޑްކާސްޓް މިހާރު ވަނީ އަލުން ފަށައިފަ އެވެ.