ފިނިޕޭޖް

4426ގެ ޓީޒާ ދައްކާލައިފި، ބިރުވެރިކަމުގެ އިންތިހާ

0%
0%
0%

ދިވެހި ސިނަމާތަކުގައި އެންމެ ގިނައިން ދިވެހިން ރޮއްވާފައިވާ ފިލްމް ޕްރޮޑިއުސަރަށް ހަމަ ޔަގީނުން ވެސް ފާތުމަތު ނަހުލާ ވާނެ އެވެ. ކިތަންމެ ވަރަކަށް ރޮއްވި ނަމަވެސް ނަހޫގެ ފިލްމަކަށް ނޫނެކޭ ނުބުނާނެ އެވެ. ފިލްމަށް އިންތިޒާރު ކުރާނެ އެވެ. މިހުރިހާ ކަމަކާއެކު އެތައް އަހަރެއްގެ މެދުކެނޑުމަކަށްފަހު ނަހުލާ އަނެއްކާވެސް ފިލްމެއް ހަދަން ފަށާފަ އެވެ. އިންތިޒާރުގެ ވަގުތުތައް ފަށައިގެން އުޅޭތާ ހަތަރު މަހަށްވުރެ ގިނަ ވީ އެވެ. މި ފިލްމުގައިވެސް ރޮއްވާލާނެ އެެވެ. އިހުސާސްތަކާއި ކުޅެލައިގެންނެއް ނޫނެވެ. ބިރުގަންނަވާލައިގެންނެވެ.

ފިލްމުގެ ޓީޒާ ރޭ ބޭއްވޮ ހާއްސަ ރަސްމިއްޔާތެއްގައި މިވަނީ ލޯންޗުކޮށްފަ އެވެ. އިންތިޒާރުގެ ބޮޅަށް އިތުރު ބޮޅެއް ގެނެސްދިން ކަމަކަށް ނޫނީ ނުވާނެ އެވެ. މާދިގު އިންތިޒާރެއް ކުރާކަށް ނެތެވެ. އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު ފިލްމު އަޅުވަން ވަނީ ނިންމާފަ އެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގެ ސީނިއާ ބައެއް ފިލްމީ ތަރިން ކަމަށްވާ ޔޫސުފް ޝަފީއު، ޝީލާ ނަޖީބު، އިބްރާހިމް ޖިހާދު (ޖިމީ)، އަހްމަދު ސައީދު އަދި މުހައްމަދު ފައިސަލްވެސް ފެނިގެންދާއިރު ކުޅަދާނަ ތަރި އަލީ ފާރޫގްވެސް މި ފިލްމުން ފެނިގެންދާނެ އެވެ. ކުރިއަރަމުން އަންނަ މަރިޔަމް އައްޒަ، އަހްމަދު ޖުމައިހް އަދި މުހައްމަދު ޖުމައްޔިލް ނިމާލްގެ ހުނަރުތައްވެސް މި ފިލްމުން ފެނިގެންދާނެ އެވެ. އަދި ސަޕްރައިޒެއް ގޮތުގައިވެސް އިތުރު ތަރިއަކު ފެނިގެންދާނެ ކަމަށް ނަހުލާ ބުންޏެވެ.

ފިލްމުގެ ދެ ޑައިރެކްޓަރުން. --- ފޮޓޯ ކްރިސްޓަލް އެންޓަޓެއިންމަންޓް

ރޭ ބެލުންތެރިންނަށް ދޫކޮށްލި ޓީޒާއަކީވެސް ފިލްމުގެ ބިރުވެރިކަން ވަރަށް ރަނގަޅަށް ފެނިގެންދެ އެވެ. ނަމަވެސް ނަހުލާ ބުނާހެން މިއީ ހަމަ އަދި ފިލްމުގެ ކުޑަކުޑަ ތަންކޮޅެއް ނަމަވެސް ޓީޒާ ބަލައިލުމުންވެސް ބިރުވެރިކަން ހިތުތެރޭގައި އެނބުރިގަނެ އެވެ. ކިތަންމެ ބިރުވެރި ނަމަވެސް މިއީ އޭގައި ލޯބީގެ ވާހަކަތަކެއްވެސް ފެނިގެންދާނެ އެވެ. ފިލްމުގައި ހަރަކާތްތެރިވި ބައެއް ތަރިންގެ ތަޖުރިބާ ހިއްސާކުރުމުން އަދި ފިލްމުގެ ބައެއް ޕޯސްޓަރުތަކުންވެސް ފިލްމުގެ ބިރުވެރިކަން ހިތަށް ގެނެވޭނެ އެވެ.

4426 ގެ މަންޒަރެއް. -- ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމަންޓް

ރުހާނީ ކަންތައްތަކެއް އެކުލެވޭ ފިލްމެއް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ފިލްމުގައި ބޭނުންކުރި ކަޅު ބުޅަލަކީ އެކަމުގެ ހެއްކެކެވެ.

"ކޮންމެވެސް ސީން އެއްގައި ބިރުން ގޮސް ހަމަ އަސްލަށްވެސް ރޮވުން ވަރަށް ގިނައިން" ފިލްމުގައި ބިރުވެރި އެތައް ކަންކަމެއް ކުރިމަތިވާ ޝީލާ ތަޖުރިބާ ހިއްސާކުރަމުން ބުންޏެވެ.

4426 ގެ މަންޒަރެއް. -- ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމަންޓް

ފިލްމުގެ ޓީޒާއިން ފެނިގެންދާ އެއް މަންޒަރު ކަމަށްވާ އައްޒަ ކުއްލިއަކަށް އަލީ ފާރޫގްގެ ދެ އިނގިލި ކާލާ މަންޒަރަކީ ފިލްމުގެ ބިރުވެރިކަން އިހުސާސްކުރެވޭނެ މަންޒަރަކަށް ވެ އެވެ. ފިލްމު އަދި ޓީޒާ ފުރިހަމަވެފައިވަނީ އިކުރާމްގެ ބެކް މިއުޒިކް އަދި ޖުމެއިހްގެ މޭކަޕްކުރުމުގެ ހުނަރާއިވެސް އެކުގަ އެވެ.

އާދަޔާހިލާފަށް ލޭއޮހޮރުވުން ބޮޑު ފިލްމެއްކަން ފިލްމުގެ ބައެއް ޕޯސްޓަރުތަކުންވެސް އެނގިގެންދެ އެވެ.

4426ގެ ސެޓު. -- ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމެންޓް

ފިލްމަށް ހާއްސަކޮށް ޑިޒައިން ކޮށްފައިވާ ސެޓެއްގައި ފިލްމު ނަގާފައިވާއިރު އިތުރު ދެ ރަށެއްގައިވެސް ފިލްމުގެ މަންޒަރުތައް ވަނީ ނަގާފަ އެވެ.

މި ފިލްމުގައި ލިޕްސިންގް ކުރާ އެއްވެސް ލަވައެއް ނީންނާނެ އެވެ. އެކަމަކު ޕްރޮމޯޝަނަލް ލަވަތައް ހިމެނޭނެ އެވެ. އޭގެތެރެއިން އެއް ލަވަ އަޑު އިވޭނީ މޯލްޑިވިއަން އައިޑޮލް އިން ފިޔަޖަހައިގެން ލަވަ ކިޔުންތެރިއެއްގެ އަޑުންނެވެ. ފިލްމުގެ ޑައިރެކްޝަނުގައި ނަހުލާ އާއެކު އަހްމަދު ޝިނާން ހަރަކާތްތެރިވެފައިވެ އެވެ. ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފިލްމުތައް ބަލައިލުމުން ޝިނާންގެ ހުނަރާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ.

4426 ގެ މަންޒަރެއް. -- ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމަންޓް

ފިލްމުގެ ޝޫޓިންގައި ފިލްމުގެ ބައެއް ތަރިންނަށް މިވަނީ ބައެއް ކަހަލަ އަނިޔާތައްވެސް ލިބިފަ އެވެ. އެގޮތުން ޖިމީގެ އެއްދަތްވެސް ވަނީ ބިންދައިގެން ގޮސްފަ އެވެ. މަތީ ދަތްޕިލައިގެ، ވާތްފަރާތުން މެދު ދެ ދަތް ބައިންދާފައި ދެން ހުރި ދަތެވެ. މިދަތް ބިންދައިގެން ދިޔައީ އިމާރާތެއްގެ ދެ ވަނަ ބުރިން، ފުރަތަމަ ބުރިއަށް ވެއްޓެން ޖެހޭ މަންޒަރެއް ނެގުމުގެ ތެރެއިންނެވެ.

4426 ގެ މަންޒަރެއް. -- ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމަންޓް

މިކަހަލަ އެތައް މަންޒަރެއް ފިލްމުގައި ފެނިގެންދާއިރު މިހުރިހާ މަންޒަރެއްވެސް ނަގާފައިވަނީ މާޝަލް އާޓްސްގެ ތަމްރީނުތަކާއިވެސް އެކީގަ އެވެ. މަހެއްހާ ދުވަހަށް މި ތަމްރީނުތައްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ކޮންމެއަކަސް ބިރުވެރިކަމުން ފުރިފައިވާ މި ފިލްމުގެ ޓީޒާވެސްމިވަނީ ފެނިގެންގޮސްފަ އެވެ. އިތުރު އިންތިޒާރެކެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345