ދުނިޔެ

ބަޣާވާތް ނާކާމިޔާބުކޮށްލައިފިން: އުރުދުގާން

Jul 16, 2016
4

ތުރުކީގެ ސިފައިންގެ ބަޔަކު ރޭ ގެންނަން އުޅުނު އަސްކަރީ ބަޣާވާތް ނާކާމިޔާބު ކޮށްލެވިއްޖެ ކަމަށް އެ ގައުމުގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ދާދި ދެންމެއަކު އިއުލާން ކުރައްވައިފި އެވެ.

ބަޣާވާތް ގެންނަން ސިފައިންގެ ބަޔަކު މަސައްކަތް ކުރި ވަގުތު، ޗުއްޓީއެއް ހޭދަ ކުރައްވަން ތުރުކީގެ ރިސޯޓް ރަށެއްގައި ހުންނެވި އަރުދުގާން ވަނީ ރޭ ފަތިހުގެ ވަގުތެއްގައި އެނބުރި އިސްތަންބޫލަށް ވަޑައިގެންފަ އެވެ. އޭނާ ދާދި ދެންމެއަކު، އިސްތަންބޫލްގައި އޭނާގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވާ، އުރުދުގާން ވިދާޅުވީ، ބަޣާވާތް ނިމުމަކަށް ގެނެސް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް މިހާރު ނަގާފައިވާ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ބަޣާވާތް ރޭވުމުގެ އަޑީގައި ތިބީ، އަމިއްލައަށް އަރުވާލެވިގެން އެމެރިކާގެ ހިމާޔަތުގައި ދިރިއުޅުއްވާ އެ ގައުމުގެ ދީނީ ލީޑަރެއް ކަމަށްވާ ފެތުހުﷲ ގުލެން އެވެ. އެހެން ނަމަވެސް އެ ތުހުމަތުތައް އޭނާ ދޮގު ކުރައްވަ އެވެ.

އަރުދުގާން ވިދާޅުވީ މިއީ އޭނާ ގައުމަށް ވީ ވަރަށް ބޮޑު ހިޔާނާތެއް ކަމަށާއި އެކަމުގައި ހައްގު އަދަބު ލިބެން ޖެހޭ އެންމެންނަށް ހައްގު އަދަބު ދޭނެ ކަމަށެވެ. ހިތްވަރެއް ހުރި ނަމަ ގައުމަށް އެނބުރި އައުމަށް އިލްތިމާސް ކުރައްވަމުން އަރުދުގާން ވިދާޅުވީ، ގައުމުން ބޭރުގައި ތިބެގެން ގައުމު ހަލަބޮލިކޮށް ހަމަނުޖެހުން ހިންގުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އަދި ގައުމުގެ ހާލަތު މުޅިން ހަމަޖެހެންދެން އާންމުން މައިދާންތަކުގައި މަޑުކުރުމަށް ވެސް އަރުދުގާން ވަނީ އެދިވަޑައިގެންފަ އެވެ.

ބަޣާވާތް ކުރި ސިފައިންނާއި އާންމުން، އަދި އަރުދުގާން އަށް ވަފާތެރި ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 60 މީހަކު މަރުވެފައިވާ ކަމަށް ތުރުކީ އިން ހާމަ ކުރެ އެވެ. އޭގެ ތެެރޭގައި ގިނައީ އާންމުންނެވެ. ބަޣާވާތުގައި ބައިވެރިވި، 754 ސިފައިންގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އަސްކަރިއްޔާގެ 29 ކާނަލުންނާއި ފަސް ޖެނެރަލަކު ވަނީ މަގާމުތަކުން ވަގުތީ ގޮތުން އެއްފަރާތްކޮށްފަ އެވެ. އަދި އެގައުމުގެ ސިފައިންގެ އިސްވެރިއަކަށް ވަގުތީ ގޮތުން ވަނީ އާ ބޭފުޅަކު އައްޔަންކޮށްފަ އެވެ.

އިންޓަނެޓްގައި އާންމުވެފައިވާ ވީޑިއޯތަކުން ވެސް ފެންނަ ގޮތުގައި އިސްތަންބޫލަށް ވަންނަން އޮތް މައި ބްރިޖް ބަންދުކޮށްލައިގެން ތިބި ސިފައިން ވަނީ އަމާންދީ ފުލުހުންނާ ހަވާލުވެފަ އެވެ. އަދި ބައެއް ތަންތަން ހިސޯރުކޮށްގެން ތިބި ސިފައިން ވެސް އަމިއްލައަށް ވަނީ ފުލުހުންނާ ހަވާލުވެފަ އެވެ. އަދި މަގުމައްޗަށް ނިކުތް ގިނަ ޓޭންކްތައް ވެސް ދޫކޮށް ސިފައިން ވަނީ ފިލައިފަ އެވެ.

ބަޣާވާތް ކުރި ސިފައިން ވަނީ ތުރުކީގެ ގާނޫނު ހަދާ މަޖިލީހަށް ވެސް ހަމަލާދީއެ އިމާރާތް ވަރަށް ބޮޑަށް ހަލާކުކޮށްލައިފަ އެވެ. ބަޣާވާތް ކުރި ސިފައިން އެކި އިމާރާތްތަކަށް ހަމަލާދިނުމަށް ބޭނުން ކުރަމުން ދިޔަ ހެލިކޮޕްޓަރެއް ވަނީ ސަރުކާރުގެ އަމުރަށް ސިފައިންގެ ޖެޓްތަކުން ހަމަލާދީ ވައްޓާލައިފަ އެވެ.