ދުނިޔެ

އިންޑިއާއަށް ވަޑައިގަތުމުގެ ވިސްނުމެއް ޒާކިރު ނައިކުގެ ނެތް

މި އަހަރު އިންޑިއާއަށް ވަޑައިގަތުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޒާކިރު ނައިކް ވިދާޅުވެއްޖެ އެވެ. ޒާކިރު ނައިކް މިހެން ވިދާޅުވީ، ޓެރަރިޒަމަށް ބާރުލިބޭ ފަދަ ވާހަކަތައް ޒާކިރު ދައްކަވާކަމަށް ބުނެ އެތައް ތުހުމަތަކެއް ކޮށްފައިވަނިކޮށް ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުންނެވެ.

ބަންގްލަދޭޝްއަށް އެންމެ ފަހުން ދިން ޓެރަރިސްޓް ހަމަލާދީފައިވަނީ ޒާކިރު ނައިކަށް ސަޕޯޓްކުރާ ދެ މީހެކެވެ. އެހެންކަމުން ބަންގްލަދޭޝްއިން ވަނީ ޒާކިރު ނައިކް ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ތުހުމަތުކޮށްފަ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ޒާކިރު ވިދާޅުވީ، ކުށެއް ނެތް މައުސޫމް މީހުން މެރުމަކީ އިސްލާމްދީން މަނާކުރާ ކަމެއް ކަމަށާއި އެފަދަ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެބޭފުޅާ ދައްކަވާ ވާހަކަތައް މީޑިއާތަކުން މާނާ އޮޅޭ ގޮތަށް ގެނެސްދެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"އިންޑިއާގެ މީޑިއާތަކުން ދަނީ އަހަރެންގެ ވާހަކަތައް ކޮށައި މަށައިގެން މާނަ އޮޅުވާލަމުން، އެއީ ވަރަށް އަންއެތިކަލް ކަމެއް، އެތައް ސުވާލެއްގެ ޖަވާބު ދެމުން އަހަރެން ހުންނާނެ ޓެރަރިޒަމް ކުށްވެރިކޮށްފައި، ނަމަވެސް ދިހަވަރަކަށް ސުވާލެއްގެ ޖަވާބުގައި ދެ މާނާއެއް ނެގޭ ޖަވާބުތައް ހުރެދާނެ،" ޒާކިރު ވިދާޅުވި އެވެ.

އަމިއްލައަށް މަރުވެގެން ހަމަލާދިނުން ހުއްދަ ކަމަށް، ޒާކިރު ވިދާޅުވުމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން އޭނާ ވިދާޅުވީ، މައުސޫމް މީހުން މެރުމަކީ ހުއްދަ ކަމެއް ނޫން ކަމަށާއި ނަމަވެސް އަމިއްލަ ދިފާއުގައި ނޫނީ ހަނގުރާމައެއްގައި ދުޝްމަނުން ބަލިކުރުމަށް، އެ ނޫން ގޮތެއް ނެތިގެން އަމިއްލައަށް މަރުވެގެން ހަމަލާ ދިނުން ހުއްދަ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ، ހުއްދަ އެއްޗެއް ކަމަށް ވިދާޅުވީ އެ އުސޫލުން ކަމަށް ވެސް ވިދާޅުވި އެވެ.

ޒާކިރު ވިދާޅުވީ، މިހާތަނަށް އިންޑިއާގެ އެއްވެސް ތަހުގީގީ އިދާރާއަކުން އެކަމާ ގުޅިގެން އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށެވެ. އަދި އެ އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް މި އަހަރު އިންޑިއާއަށް ވަޑައިނުގަންނަވާނެ ކަމަށެވެ. އިންޑިއާގައި ޒާކިރުއާ އެއްކޮޅަށް އަދި ދެކޮޅަށް ވެސް ދަނީ މުޒާހަރާތައް ކުރަމުންނެވެ.

ޒާކިރު މިހެން ވިދާޅުވިއިރު، އިންޑިއާގެ ހޯމް މިނިސްޓަރު ކިރެން ރިޖިޖޫ ވިދާޅުވެފައިވަނީ ޒާކިރުގެ ތަގުރީރުތައް ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އިންޑިއާގެ ސެކިއުރިޓީ އެޖެންސީތަކުން ޒާކިރުގެ ތަގުރީރުތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ ހޯމް މިނިސްޓަރު ވަނީ، ބަންގްލަދޭޝްއަށް ދިން ހަމަލާއަކީ ޒާކިރު ދިން ތަގުރީރެއްގެ ސަބަބުން ޓެރަރިޒަމަށް ހިތްވަރު ލިބިގެން ދިން ހަމަލާއެއްކަން ސާބިތުވެ، އެ ގައުމުން ޒާކިރާމެދު ފިޔަވަޅު އެޅުމަށް އެދިއްޖެނަމަ ތަގުރީރު ދިނުމާއި ދީނީ ހަރަކާތްތައް ހިންގުން ޒާކިރަށް މަނާކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މީގެކުރިން ވެސް އިންޑިއާ އަދި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާތަކަކީ ޒާކިރު ދެއްވާފައިވާ ތަގުރީރުތަކުން ހިތްވަރު ލިބިގެން ދިން ހަމަލާތަކެއް ކަމަށް ތުހުމަތުކޮށްފައި ވެއެވެ.