ދުނިޔެ

ބަގާވާތަށް އެހީވި 2،700 ފަނޑިޔާރުން ވަކިކޮށްފި

Jul 17, 2016

ތުރުކީ އަސްކަރިއްޔާގެ ބައެއް ފައުޖުތަކުން، ސަރުކާރާ ދެކޮޅަށް ބަޣާވާތްކޮށް ތުރުކީގެ ސަރުކާރު ވައްޓާލުމަށް ހިންގި ހަރަކާތްތަކަށް އެހީތެރިވި ކަމުގެ ތުހުމަތުގައި 2،700 އަށްވުރެ ގިނަ ފަނޑިޔާރުން ވަޒީފާއިން ވަކިކޮށްފި އެވެ.

އޮފިޝަލުން ބުނީ އެ ފަނޑިޔާރުންނަކީ ބަގާވާތާއި ގުޅުން ހުރި އަދި އެކަމުގެ އަޑީގައި ހުރި ކަމަށް ޝައްކު ކުރެވޭ، އެމެރިކާގައި ދިރިއުޅުއްވާ ފަތުހުﷲ ގުލާން އާ ގުޅުން އޮންނަ ފަނޑިޔާރުން ކަމަށެވެ. ފަނޑިޔާރުންގެ އިތުރުން ޖުޑީޝަރީ ބޯޑުގެ 10 މެމްބަރުންވެސް މަގާމުން ވަކިކޮށްފައިވާ ކަމަށްވެ އެވެ. މި ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ އެގައުމުގެ ޖުޑީޝަރީގެ އެންމެ މަތީ ބޯޑު ކަމަށްވާ ޕްރޮސެކިއުޓާސް ހައި ކައުންސިލްގެ ކުއްލަ ބައްދަލުވުމަކަށް ފަހުގަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިދާރީ ކޯޓުތަކުގެ 48 މެމްބަރުން އަދި އިސްތިއުނާފް ކޯޓުގެ 140 މެމްބަރުން ހައްޔަރުކުރަން ވަނީ އަމުރު ނެރެފަ އެވެ. އަދި މީގެ އިތުރުން 3،000 އެއްހާ ސިފައިންވެސް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްވެ އެވެ.

އަދި ސިފައިންގެ ތެރޭން 2،839 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބަގާވާތާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 161 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މީގެކުރިންވެސް ހަތަރު ފަހަރަކު ތުރުކީ އަސްކަރިއްޔާއިން ވަނީ ބަގާވާތެއް ގެންނަން މަސައްކަތް ކޮށްފަ އެވެ.