ދުނިޔެ

ފުލުހުންނަށް ދޭ ހަމަލާތަކާ ދެކޮޅަށް މުޅި ގައުމު ތެދުވަންޖެހޭ: އޮބާމާ

Jul 18, 2016

އެމެރިކާގެ ފުލުހުންނަށް ދޭ ހަމަލާތަކާ ދެކޮޅަށް މުޅި ގައުމު އަޑު އުފުލަން ޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ބަރަކު އޮބާމާ ވިދާޅުވެއްޖެއެވެ. އެބާމާ މިހެން ވިދާޅުވީ ރޭ، އެމެރިކާގެ ތިން ފުލުހުންނަށް ހަމަލާދީ މަރާލުމާ ގުޅިގެން ޓީވީ މެދުވެރި ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. މިހާދިސާގައި ތިން ފުލުހަކު ވަނީ ޒަހަމްވެސް ވެފައެވެ.

މިހާދިސާގެ ތުހުމަތު ކުރެވިފައިވަނީ އެމެރިކާގެ ކަނޑުގެ ސިފައިންގެ މީހެއްގެ ގޮތުގައި ކުރިން މަސައްކަތްކޮށްފައިވާ ގެވިން ލޯންގް ކިޔާ މީހެއްގެ މައްޗަށެވެ. އެމެރިކާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ ގެވިން އަކީ އިރާގް ހަނގުރާމައިގައި ބައިވެރިވެފައިވާ މީހެއް ކަމަށެވެ.

މިދިޔަ ހަފުތަގައި އެމެރިކާގެ ޑަލަސްގައި ހަ ފުލުހުން މަރާލި ހަދިސާގައިވެސް ހަމަލާ ދީފައިވަނީ އެމެމެރިކަގެ އަސްކަރިއްޔާގައި މަސައްކަތް ކޮށްފައިވާ މީހެކެވެ.

މިހާދިސާއާ ގުޅިގެން، އޮބާމާ ވިދާޅުވީ މި ހާދިސާއިން އެނގިގެން ދަނީ އެމެރިކާ ފުލުހުންނަށް ކޮންމެ ދުވަހަކީވެސް ނުރައްކާ ދުވަހެއް ކަން ކަމަށެވެ.

އޮބާމާ ވަނީ އޭނާގެ ވާހަކަ ފުޅުގައި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓަރްމްޕަށް އަމާޒުކޮށް ފާޑުވިދާޅުވެފައެވެ.

އޮބާމާ ވިދަޅުވީ އެމެރިކާގެ ކޮންމެ ރައްޔިތަކުވެސް މިވަގުތު ވާހަކަ ދައްކަން ޖެހޭނީ އެމެރިކާ ބައިބައި ކުރުމަށް ނޫން ކަމަށާއި އެމެރިކާގެ އެކުވެރި ކަމަށް ކަމަށެވެ.

ފުލުހުންގެ އަތުން އެމެރިކާގެ ކަޅު ނަސްލުގެ މީހަކު މަރުވުމުން ޓްރަމްޕް ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ފުލުހުންނަށް ހަމަލާދިން ގެވިން ލޯންގަކީ ކަޅު ނަސްލަށް ނިސްބަތްވާ މީހެކެވެ. ފުލުހުންނާ ދެކޮޅަށް ހަމަލާ ދިނީ މީގެ ދެ ހަފުތާ ކުރިން، އެމެރިކާގެ ފުލުހުން ކަޅު ނަސްލުގެ މީހުންނަށް ހަމަލާ ދިނުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯ މެސެޖެއްގައި ވަނީ ބުނެފައެވެ.