ދުނިޔެ

އަދިވެސް ސަރުކާރަށް އޮތް ނުރައްކާ ކުޑައެއް ނޫން: ތުރުކީގެ ދިފާއި ވަޒީރު

Jul 18, 2016

ތުރުކީގެ ގާނުނީ ސަރުކާރާ ދެކޮޅަށް ގެންނަން އުޅުނު އަސްކަރީ ބަޣާވާތް ނާކާމިޔާބުކޮށްލެވުނު ނަމަވެސް ތުރުކީގެ ސަރުކާރަށް އޮތް ނުރައްކާ ކުޑައެއް ނޫން ކަމަށް ތުރުކީގެ ދިފާއީ ވަޒީރު ފިކްރީ އިސްކް ވިދާޅުވެއްޖެއެވެ.

އިސްތަންބޫލުގައި ހުންނަ ތުރުކީގެ ރައީސް ރަޖަބުތޮއްޔިބު އުރުދުގާންގެ ގެކޮޅު ހުންނަ ސަރަހައްދުގައި، ބަޣާވާތާ ދެކޮޅަށް ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑިވްލަޕްމެންޓް ޕާޓީގެ ސަޕޯޓަރުން ކުރިއަށް ގެންދާ ހަރަކާތުގައި މިއަދު ހެނދުނު ވާހަކަ ދައްކަވަމުން އިސްކް ވިދާޅުވީ ސަރުކާރާ ދެކޮޅަށް ގެންނަށް އުޅުނު ބަޣާވާތް ނާކާމިޔާބު ކޮށްލެވުނު ނަމަވެސް ތުރުކީގެ ސަރުކާރަށް އޮތް ނުރައްކާ ނެތި ހިނގައްޖެ ކަމަށް ނުބުނެވޭނެ ކަމަށެވެ.

އިސްކް ވިދާޅުވީ ތުރުކީގެ މާޒީގާއި މިހާތަނަށް ގިނަ ބަޣާވާތްތަކެއް ފެނިގެން ހިނގައްޖެ ކަމަށާއި ނަމަވެސް އެންމެ ފަހުން ގެންނަން އުޅުނު ބަޣާވާތަށްވުރެ ނުރައްކާ ބޮޑު ބަޣާވާތެއް ފެނިފައިނުވާ ކަމަށެވެ.

އިސްކް ވަނީ ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބް އުރުދުގާން ވަކި އެއްޗެއް އަންގަވަންދެން، ބަގާވާތާ ދެކޮޅަށް ކުރިއަށް ގެންދާ އިހްތިޖާޖުތައް ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.

"ތުރުކީގެ ސަރުކާރަށް އޮތް ނުރައްކާ ކުޑަ އެއް ނޫން. އެހެންވެ އަހަރެން އިސްތަންބޫލްގެ ރައްޔިތުންނަށް މިގޮވާލަނީ ރައީސް (އުރުދުގާން) ވަކި އެއްޗެއް އަންގަވަންދެން. ތި ހަރަކާތް ކުރިއަށް ގެންދިއުމަށް. ހަރަކާތުގެ ބައިވެރިން ގެތަކަށް ދިއުމަށް އަންގަވަންދެން މިހަރަކާތުގައި ތިއްބަވާތި،" އިސްކް ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭ ދަންވަރު ގެންނަން އުޅުނު ބަޣާވަތުގައި 164 މީހުން ވަނީ މަރުވެފައެވެ. ބަޣާވާތަށް އެހީތެރިވި ކަމަށް ބުނެ މިހާތަނަށް 6000 މީހުން ވަނީ ހައްޔަރުކޮށްފައެވެ.