އަހުމަދު މަހްލޫފު

ޖަލަށްލިޔަސް އަޒުމެއް ނުގުޑާނެ: މަހުލޫފް

މިއަދު ޖަލު ހުކުމެއްގައި ޖަލަށް ދާން ޖެހިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށާއި ނަމަވެސް ޖަލަށްލިޔަސް އަޒުމެއް ނުގުޑާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިމިނަލް ކޯޓު ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ، އޭނާގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެއް ކަމަށާއި ކުރާނީ ވެސް ސިޔާސީ ހުކުމެއް ކަމަށެވެ. އެހެން ނަމަވެސް އޭނާ މި ސަރުކާރާ ދެކޮޅަށްކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

"އަޅުގަނޑު ޖަލަށްލިނަމަވެސް ދެން އެ މަސައްކަތްކުރަން ތިއްބެވި ބޭފުޅުން އެ މަސައްކަތް ކުރައްވާނެ، މިއީ ވަރަށް ސާފު ކަމެއް، އަޅުގަނޑު އުއްމީދުކުރަނީ އަޅުގަނޑު ގަބޫލުކުރަނީ މިތަނުން އަޅުގަނޑަށް ކިންމެ ބޮޑު ޖަލު ހުކުމެއް ކުރި ނަމަވެސް އިރާދަކުރެވިއްޔާ އަޅުގަނޑަށް އެނބުރި އާދެވޭނެ،" ކޯޓު ބޭރުގައި ހުންނަވާ މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފްގެ މައްޗަށް އެ ކުށް ސާބިތު ވެއްޖެ ނަމަ އެންމެ ބޮޑު ހުކުމަކަށް އޮންނާނީ އޭނާ ހަމަހަށް ޖަލަށް ލުމެވެ. ޖޫރިމަނާ ވެސް ކުރުމަށް ހުކުމް ކޮށްފާނެ އެވެ. އޭގެން އެއްވެސް ހުކުމެއް އައި ނަމަވެސް އޭނާގެ މެންބަރުގެ ކަމުގެ ގޮޑިއެއް ނުގެއްލޭނެ އެވެ. ގޮޑި ގެއްލޭނީ އެއް އަހަރު ދުވަހަށް ވުރެ ދިގު ހުކުމެއް އައިސްފި ނަމަ އެވެ.

އޭނާގެ މައްޗަށް ދެން ދައުވާ ކުރާ އަނެއް މައްސަލަ އަކީ ފުލުހުން ބަންދު ކޮށްފައިވާ ސަރަހައްދަކަށް ބެރިކޭޑް ހުރަސްކޮށް ވަދެފައިވާ މައްސަލަ އެވެ. އެ މައްސަލައިގައި ވެސް އޭނާގެ މައްޗަށް ދައުވާ ކުރަނީ ފުލުހުންގެ ދައުރަށް ހުރަސް އެޅި މައްސަލަ އެވެ.