ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޕީއެސްޖީ އާއި ޗެލްސީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުގެ 36 ވަނަ މިނިޓުގައި ޗެލްސީން ލީޑު ނެގީ ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިޗް ޖެހި ލަނޑުންނެވެ. މިއީ ޔޫރަަޕްގެ މުބާރާތެއްގައި 2013 ވަނަ އަހަރުގެ ފަހުން އިވަނޮވިޗް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
ޕީއެސްޖީ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ 54 ވަނަ މިނިޓުގައި އުރުގުއޭގެ ފޯވަޑް އެޑިސަން ކަވާނީ ޖެހި ލަނޑުންނެވެ. މިއީ އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ކަވާނީ ޖެހި ހަ ވަނަ ލަނޑެވެ.
މި ނަތީޖާއާ ޗެލްސީން ހިތްހަމަޖެހޭނެ އެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ޗެލްސީ އަތުން ޕީއެސްޖީ ކެޓީ އަވޭ ގޯލުގެ ތަފާތުންނެވެ. މިދިޔަ ސީޒަންގައި ޕީއެސްޖީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި 3-1 އިން ޗެލްސީ ބަލިވި ނަމަވެސް، ޗެލްސީ ވަނީ 3-3ގެ އެގްރިގޭޓް ނަތީޖާއަކުން ސެމީގެ ޖާގަ ހޯދައިފަ އެވެ.
މެޗަަށް ފަހު ޕީއެސްޖީގެ ކޯޗު ލޯރެން ބްލޯންކް ބުނީ މި ނަތީޖާއާއެކު މި ވަގުުތު އެޑްވާންޓޭޖް އޮތީ ޗެލްސީ އަށް ކަމަށެވެ.
"މި ނަތީޖާ މި އޮތީ އަހަރެމެންނަށް ފައިދާ ކުރާ ގޮތަކަށް ނޫން. ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ. އެކަމަކު ނަސީބު ދެރަކަމުން އަހަރެމެން ކޮޅަށް ލަނޑެއް ވަނީ،" ބްލޯންކް ބުންޏެވެ. "ޗެލްސީ އަށް މި ވަގުތު އެޑްވާންޓޭޖް އޮތީ. ޗެލްސީ އަކީ ކައުންޓާ އެޓޭކްގައި ކުޅެން މޮޅު ޓީމެއް. އެހެންވީމަ އަހަަރަމެން އެކަމަށް ވެސް ވިސްނަން ޖެހޭ. އެކަމަކު އަހަރެމެންގެ އެޓޭކް ވަރުގަދަ. އަހަރެމެންނަށް ޔަގީން ކޮންމެ ޓީމެއް ކޮޅަށް ވެސް ލަނޑު ޖެހޭނެކަން."
ޗެލްސީގެ ކޯޗު މޮރީނިއޯ ބުނީ މިއީ ރަނގަޅު ނަތީޖާއެއް ކަމަށެވެ.
"މިއީ ބަލިވާ ކަހަލަ މެޗެއް. އެކަމަކު މި ލިބުނީ ހިތްހަމަޖެހޭ ވަރުގެ ނަތީޖާއެއް. ދެވަނަ ލެގުން ނަތީޖާ އެނގޭނީ. މިއީ ފަސޭހަ މެޗެއް ނޫން. އަމިއްލަ ދަނޑުގައި ނަތީޖާ ނެރުމުގެ ފުރުސަތު މިހާރު މި އޮތީ،" މޮރީނިއޯ ބުންޏެެވެ. -- ބީބީސީ