ހަބަރު

އިންޑިއާގެ ބޮޑު ވަޒީރު އަންނަ މަހު ރާއްޖެ ވަޑައިގަންނަވަނީ

Feb 18, 2015

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު ރާއްޖެއަށް ދަތުފުޅެއް ކުރައްވަން ނިންމަވައިފި އެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައި ވަނީ އަންނަ މަހުގެ ތެރޭ މޯދީ ސްރީ ލަންކާއަށް ދަތުރުފުޅެއް ކުރެއްވުމަށް ފަހު، އެނބުރި އިންޑިއާއަށް ވަޑައިގަތުމުގެ ކުރިން ރާއްޖެ އާއި މޮރިޝަސް އަށް ވަޑައިގަންނަވާނެ ކަމަށެވެ. މޯދީގެ އެ ދަތުރުފުޅަކީ ރައީސް ޔާމީންގެ ދައުވަތަކަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

މޯދީގެ ދަތުރުފުޅުގައި ދެ ގައުމުގެ ހާރިޖީ ގުޅުމަށް 50 އަހަރު މިއަހަރު ފުރޭތީ އެކަން ފާހަގަ ކުރުމަށް ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މޯދީ އާ އެކު އެ ދަތުރުފުޅުގައި ކެބިނެޓް ބައެއް މިނިސްޓަރުންނާއި ގައުމުގެ އިސް ފަރާތްތަކެއް ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައިވެ އެވެ.

ރައީސް ޔާމީން ވަނީ މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް އެ ގައުމަށް ދަތުރުފުޅެއް ކުރައްވައިފަ އެވެ. އަދި ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ވެސް އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.