ބަންކަރިން ހިދުމަތް

ބަންކަރިންގެ ހިދުމަތް ފަށައިފި

ރާއްޖޭގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފަށައިފި އެވެ.

ހއ. ހޯރަފުށީގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި މި ހިދުމަތް ފަށްޓަވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގައި ހއ. އަތޮޅު ތަމްސީލު ކުރައްވާ ފަސް މެމްބަރުންނެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ބަންކަރިންގެ ހިދުމަތް ދިނުމުގައި އެންމެ އިސްކޮށް މަސައްކަތްކުރާ ކުންފުނި -- އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް އާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބަންކަރިން ހިދުމަތް ފެށީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ.

ބަންކަރިންގެ ހިދުމަތް އިފްތިތާހުކޮށް އެސްޓީއޯއިން އެންމެ ފުރަތަމަ ހިދުމަތް ފޯރުކޮށްދިނީ މޯލްޑިވްސް ސްޓޭޓް ޝިޕިން -- އެމްއެސްއެސް އިން އޮޕަރޭޓްކުރާ "ވައިސީ ބެރިއާ" އަށެވެ.

މި ހިދުމަތް ފެށުމުގެ ގޮތުން ވަނީ އެންމެ ފުރަތަމަ ހިދުމަތް ފޯރުކޮށްދިން ބޯޓުތަކަށް ވޯޓާ ސެލިއުޓް ދީފަ އެވެ.