މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ތިން ހަރަމް އުމްރާ ދަތުރަކަށް ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފި

ހައްޖު ކޯޕަރޭޝަނުން މިއަހަރުގެ ނޮވެމްބަރު މަހު ކުރުމަށް ހަމަޖެހިފައިވާ ތިން ހަރަމް އުމްރާ ދަތުރުތަކަށް ރަޖިސްޓްރީކޮށް، ފައިސާ ދެއްކުމުގެ ފުރުސަތު އެ ކޯޕަރޭޝަނުން ހުޅުވާލައިފި އެވެ.

އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ފައިސާ ދެއްކުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ރަޖިސްޓްރީކުރަން ހުށަހަޅާ ފޯމާއެކު މަދުވެގެން 5،000ރ. ދައްކަން ޖެހެއެވެ. އޭގެ ފަހުން އެމީހަކަށް ފަސޭހަ ގޮތަކަށް މުޅި އަދަދު ދައްކައި ނިންމުމުގެ އިހުތިޔާރު އޮންނާނެ ކަމަށް ހައްޖުކޯޕަރޭޝަނުން ބުންޏެވެ.ތިން ހަރަމް އުމްރާ ދަތުރު ޕެކޭޖެއްގެ އަގަކީ 41،965ރ. އެވެ. ނަމަވެސް ހަތަރު މީހުން، ނުވަތަ އެއަށްވުރެ ގިނަ މީހުންގެ ގްރޫޕަކުން އެއް ފަހަރާ ރަޖިސްޓްރީ ކުރާނަމަ ޑިސްކައުންޓްތަކެއް ލިބޭނެ އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ، ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާ ކަމަށެވެ. ފައިސާ ދެއްކުމުގެ ކަންކަން އޮތީ ހައްޖު ކޯޕަރޭޝަނުން އެހެން ދަތުރުތަކަށްވެސް ފައިސާދެއްކުމުގައި ކަނޑައަޅާފައި އޮންނަ އުސޫލު ކަމަށާއި، އެ ކޯޕަރޭޝަނުންނާއި އިސްލާމިކް ބޭންކުގެ ބްރާންޗް ތަކުން ވެސް ރަޖިސްޓްރީ ކުރުމުގެ ހިދުމަތް ދޭނެ ކަމަށެވެ.

ނޮވެމްބަރު މަހު ހައްޖު ކޯޕަރޭޝަނުން ކުރާ ދަތުރަކީ 18 ދުވަހުގެ ދަތުރެކެވެ. ދަތުރުގައި މުސްލިމުންގެ ތިން ހަރަމް ކަމުގައިވާ މަސްޖިދުލް ހަރަމް، މަސްޖިދުލް އަގުސާ، މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރާނެ އެވެ. އަދި ސައޫދީ އަރަބިއާ އާއި އުރުދުންގެ އިތުރުން ފަލަސްތީނުގައި ހުރި މުސްލިމުންގެ ތާރީހާ ގުޅިފައިވާ މުހިއްމު ތަންތަނާއި ބިނާތައް ބަލައިލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.

ޕެކޭޖަށް ކަނޑައަޅާފައިވާ އަގަކީ ދަތުރާ ގުޅޭ ހުރިހާ ކަމެއް އޭގެ ތެރޭގައި ހިމެނޭ އަގަކަށް ވާތީ، އުމްރާއަށް މާލެއިން ފުރުމާ ހަމައިން ދަތުރު ނިމެންދެން ކުރަންޖެހޭ ހުރިހާ ކަމެއް ހައްޖުކޯޕަރޭޝަނުން ބަލަހައްޓާނެ އެވެ.

ތިން ހަރަމް އުމުރާ ދަތުރަށް އުމްރާވެރިން މާލެއިން ފުރާނީ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ. އެނބުރި އައުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.