ދުނިޔެ

ޖަޕާނުގެ ކަނޑަށް އަމާޒުކޮށް އުތުރު ކޮރެއާއިން ތިން މިސައިލެއް ޓެސްޓްކޮށްފި

ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް އަމާޒުކޮށް އުތުރު ކޮރެއާއިން ތިން މިސައިލެއް ޓެސްޓްކޮށްފި ކަމަށް ދެކުނު ކޮރެއާ އާއި އެމެރިކާއިން ބުނެފިއެވެ.

ދެކުނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ވިދާޅުވީ މި ތިން މިސައިލް ޓެސްޓްކޮށްފައިވަނީ އުތުރުގެ ހުޅަނގުގައި އޮންނަ ހަވާންގްޖޫ ސިޓީއިން ކަމަށެވެ.

އެމެރިކާއިން ބުނީ މީގެ ތެރެއިން ފުރަތަމަ ދެ މިސައިލަކީ ކުރު ރާސްތަގެ ދެ މިސައިލްކަމަށާއި ތިން ވަނަ މިސައިލަކީ މެދު ރާސްތާގެ މިސައިލެއް ކަމަށެވެ.

މި ތިން މިސައިލް ވެސް ޓެސްޓްކޮށްފައި މިވަނީ، އެމެރިކާ އާއި ދެކުނު ކޮރެޔާ ގުޅިގެން، އުތުރު ކޮރެއާގެ "ނުރައްކަލުން" ސަލަމަތްވުމަށް މިސައިލް ޑިޓެކްޓް ސިސްޓަމެއް ބަހައްޓަން ތައްޔާރުވަމުން ދާކަމަށް އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އުތުރު ކޮރެއާއިން ނިއުކްލިއާ ޓެސްޓްގެ އިތުރުން ބެލަސްޓިކް މިސައިލް ޓެސްޓްކޮށް ކޮރެޔާ ސަރަހައްދަށް ނުރައްކާ ކުރާ ކަމަށް ބުނެ، އެމެރިކާއިން ވަނީ އދ. މެދުވެރިކޮށް އެގައުމާ ދެކޮޅަށް ދަތި ކުރުމުގެ އާ ފިޔަވަޅުތަކެއް އަޅައިފައެވެ.