ދުނިޔެ

މަރުގެ އަދަބުދޭން ފަށަން ތުރުކީން ވިސްނަނީ

ތުރުކީގައި އަލުން މަރުގެ ހުކުމް އިއްވަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ އެކަން ކުރައްވާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން ވިދާޅުވެއްޖެއެވެ.

'ސީއެންއެން'އަށް ދެއްވި އިންޓަވިއުގައި ވާހަކަ ދައްކަވަމުން އުރުދުގާން ވިދާޅުވީ، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން މަސައްކަތް ކުރުމަކީ ގައުމުގެ ކަރާމަތް ނަގާލުން ކަމަށާއި. އެކަމުގައި ބައިވެރިވެފައިވާކަން ޝަރީއަތައް ސާބިތުވެ މަރަން ހުކުމްކޮށްފިނަމަ އެނިންމުން ތަންފީޒު ކުރައްވާނެ ކަމަށެވެ.

"މަރުގެ ހުކުމް ތުރުކީގައި އަލުން އިއްވަން ފެންނަނަމަ، ގާނޫނު ހަދާ މަޖިލީހުގައި އެކަމަށް ބަހުސްކޮށް، ގާނޫނުތަކެއް އެކަށައަޅަން ޖެހޭނެ. އެކަން ކުރަން ޖެހެނީ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކޮށްގެން" އުރުދުގާން ވިދާޅުވިއެވެ.

ތުރުކީގައި ވަނީ މީގެ ކުރިން މަރުގެ އަދަބު ދެމުން އައި ނަމަވެސް މީހުން ނުމަރަން ނިންމީ 2004 ވަނަ އަހަރު އެވެ. އެއީ ޔޫރަޕިއަން ޔޫނިއަންގެ މެންބަރަކަށްވުމަށް ތުރުކީން ދުރުރާސްތާ ޕްލޭންއެއް އިއުލާން ކުރުމުންނެވެ.

އެންމެ ފަހުން ތުރުކީގައި މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1984 ވަނަ އަހަރު ބޭއްވި ރިއާސީ އިންތިހާބަށް ފަހު އެވެ. އެއީ 1980 ވަނަ އހަރު ނަޖުމުއްދީން އަރުބަކާންގެ ސަރުކާރު އަސްކަރީ އިންގްލާބަކުން ބަދަލު ކުރުމަށްފަހު، ތުރުކީގައި ބޭއްވި ފުރަތަމަ މިނިވަން އިންތިހާބެވެ.

އިދިކޮޅު ރޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ލީޑަރު ކަމާލް ކިލްކިދޮރޮގުލޫ ވިދާޅުވީ ސަރުކާރުން ހުށަހަޅާ އެފަދަ ޕްރަޕޯސަލަކާ މެދު މަޝްވަރާ ކުރާނެ ކަމަށެވެ. ނަމަވެސް އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވެފައިވަނީ އަލުން މަރުގެ އަދަބު ދިނުމާ ދެކޮޅުކަމަށެވެ.

ތުރުކީގައި މަރުގެ އަދަބު އުވާލުމަށް ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑިވްލަޕްމެންޓް ޕާޓީން 2002 ވަނަ އަހަރު ތުރުކީ މަޖިލީހަށް ހުށަހެޅުމުން، ސީއެޗްޕީއަކީ އޭރު މަރުގެ އަދަބު ގާނޫނު އުވާލުމާ ދެކޮޅަށް ވޯޓް ދިން ޕާޓީއެކެވެ.