ހަބަރު

ޕީޕީއެމްގެ ކައުންސިލް މިހަފްތާގައި ބާއްވަން މަސައްކަތް ފަށައިފި

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން މި ހަފުތާގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޕާޓީގެ އޮފީހުން ބުނެފި އެވެ. ޕާޓީގެ ކައުންސިލް ބައްދަލުވުން ބާއްވައިދިނުމަށް އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން ވަނީ ޕާޓީގެ ރައީސް މައުމޫންގެ ކިބައިން އެދިފަ އެވެ.

ޕާޓީގެ އިދާރީ ކަންކަމާ މިހާރު ހަވާލުވެ ހުންނެވި ޕީޕީއެމްގެ ޑެޕިއުޓީ އެސްޖީ އަބްދުލް އަލީމް ވިދާޅުވީ، ކައުންސިލް ބައްދަލުވުން ބޭއްވޭނެ ކޯރަމް ހަމަވާ ނަމަ މި ހަފްތާ ވެސް ކައުންސިލް ބައްދަލުވުން ބާއްވާނެ ކަމަށެވެ. އަދި ބައްދަލުވުން ބާއްވާނީ ކުރިން ބައްދަލުވުމުގެ ނޯޓިސް ފޮނުވައި، މެންބަރުންނަށް ބައްދަލުވުމުގައި ބައިވެރިވެވޭތޯ ބަލައި ކޯރަމް ހަމަކޮށްގެން ކަމަށެވެ.

"ބައްދަލުވުން ބޭއްވުމަށް މެންބަރުންގެ ކޯރަމް ހަމަވޭތޯ މިހާރު ބަލަމުން މި އަންނަނީ. ކޯރަމް ހަމަވެއްޖެނަމަ މި ހަފުތާ ތެރޭގައި ވެސް ޕާޓީގެ ކައުންސިލް ބައްދަލުވުން ބާއްވާނެ،" އަލީމް ވިދާޅުވި އެވެ.

ކައުންސިލް ބައްދަލުވުން މިދިޔަ އީދު ބަންދަށް ފަހު ވީހާ ވެސް އަވަހަކަށް ބާއްވާނެ ކަމަށް، ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިވެ އެވެ. އަދި ސަސްޕެންޑް ކޮށްފައިވާ ޕާޓީގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުމަށް ވެސް ވަނީ ތާވަލްކޮށްފަ އެވެ.

މީގެއިތުރަށް އަލީމް ވިދާޅުވީ، ރައީސް މައުމޫން އެދިވަޑައިގެންނެވި ގޮތަށް ޕީޖީ ގުރޫޕްގެ ޔައުމިއްޔާތައް އަދިވެސް ޕާޓީގެ އޮފީހަށް ފޮނުވާފައިނުވާ ކަމަށެވެ. އަދި ޔައުމިއްޔާތައް ނުފޮނުވައި، ފޮނުވާނީ އަހަރީ ރިޕޯޓް ކަމަށް ޕީޖީ ލީޑަރު އަހުމަދު ނިހާން މީޑިއާގައި ވިދާޅުވެފައިވީ ނަމަވެސް އެކަން އެ އޮފީހަށް އަދި ރަސްމީކޮށް އަންގާފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޕީއެމް އެތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، އެ ހިޔާލު ތަފާތުވުންތައް ނައްތާލައި މަޝްވަރާކުރުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ގޮވާލައްވާފަ އެވެ. ކައުންސިލްގެ ބައްދަލުވުމުގައި މިހާރު ޕާޓީގެ ތެރޭގައި ހުރި ހިޔާލު ތަފާތުވުންތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރެވޭނެ ކަމަށް ބެލެވެ އެވެ.