ދުނިޔެ

ބްރެޒިލްގައި ވަޓްސްއެޕް މަނާކޮށްފި

Jul 20, 2016

ޖިނާއީ އެކި ތަހުގީގުތަކަށް ބޭނުންވާ މައުލޫމާތުތައް، ވަޓްސްއެޕުން ފޯރުކޮށް ނުދޭކަމަށް ބުނެ ބްރެޒިލްގެ ކޯޓަކުން ވަޓްސް އެޕް ބޭނުން ކުރުން މަނާކޮށްފި އެވެ.

މިއީ މިދިޔަ ދެ އަހަރު ތެރޭގައި ބްރެޒިލްގައި ވަޓްސްއެޕް މަނާކުރި ތިން ވަނަ ފަހަރެވެ. މުޅި ގައުމުގައި ވަޓްސްއެޕް ބޭނުންކުރުން މަނާ ކުރުމުން އެތައް މިލިއަން ބަޔަކަށް އުދަނގޫތަކެއް ކުރިމަތިވެފައިވާ ކަމަށް ބީބީސީން ވަނީ ރިޕޯޓްކޮށްފަ އެވެ.

ބްރެޒިލް ސަރުކާރުން އެދިފައިވާ މައުލޫމަތުތައް ފޯރުކޮށް ދިނުމަށް އެދުމުން ވަޓްސްއެޕް ބުނެފައިވަނީ ބްރެޒިލްގެ ސަރުކާރުން އެދިފައިވާ ތަފްސީލުގެ ފުންމިނަށް ވަޓްސްއެޕަށް ވާސިލުވެވެން ނެތް ކަމަށެވެ.

މީގެ ކުރިން ވަޓްސްއެޕް މަނާ ކުރީ މެއި މަހުއެވެ. އޭގެ ސަބަބުން 100 މިލިއަން މީހުންނަށް އަސަރު ކުރިއެވެ.

މާރިޗް މަހު ބްރެޒިލްގެ ސަރުކާރުން ވަނީ ފޭސްބްކް މުވައްޒިފެއް ހައްޔަރު ކުރުމަށް ފަހު ވަޓްސްއެޕް ބްލޮކް ކުރުމަށް މަސައްކަތްކޮށްފައެވެ.