ހަބަރު

ނައިބު ރައީސް ޖިހާދަށް މަޖިލީހުން ރުހުންދީފި

މިދިޔަ މަހު 22 ގައި ރައީސް އަބްދުﷲ ޔާމީން ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވި އަބްދުﷲ ޖިހާދަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ޖިހާދަށް ރުހުން ދޭން މަޖިލީހުގައި މިއަދު ނެގި ވޯޓްގައި 51 މެންބަރުން ވަނީ ޖިހާދު ނައިބު ރައީސްކަމަށް އައްޔަން ކުރަން ރުހުން ދީފަ އެވެ. ނުފެންނަ ކަމަށް 12 މެންބަރުން ވޯޓުދެއްވި އެވެ.

އެ މައްސަލައިގެ ބަހުސްގެ މަރުހަލާގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް ވިދާޅުވީ ޖިހާދަކީ ގާބިލް ބޭފުޅެއް ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ. އެގޮތުން ދައުލަތުގެ ގިނަ މަގާމުތައް ފުރުއްވުމާއި ތައުލީމުގެ ގޮތުން ވެސް ގާބިލް ބޭފުޅެއްކަން މެންބަރުން ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ޖިހާދަކީ މަޑުމައިތިރި އަހުލާގު ރަނގަޅު ބޭފުޅެއްގެ ގޮތުގައި ވެސް މެންބަރުން ސިފަކުރެއްވި އެވެ. އަދި ނައިބު ރައީސް އަކީ ރައީސް ވިދާޅުވާ މަސައްކަތްތައް ކުރައްވާ ރައީސްއަށް ވަފާތެރި ބޭފުޅެއްގެ ގޮތުގައި ހުންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ.

މަޖިލީހުން ނައިބު ރައީސްއަށް ރުހުން ދީފައިވާ އިރު ފަސް މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަވެސް ވަނީ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ ކޮމިޓީގަ އެވެ. އެއީ ހެލްތު މިނިސްޓަރު ކަމަށް، އަބްދުﷲ ނާޒިމް އިބްރާހިމް އާއި ޖެންޑާ އެންޑް ފެމިލީ މިނިސްޓަރު ކަމަށް ޝެނީޒާ ޝަހީދު ޒަކީ އަދި ޔޫތު މިނިސްޓަރު ކަމަށް ހަމަޖައްސެވި އިރުތިޝާމް އާދަމް އާއި ފިނޭންސް މިނިސްޓަރު ކަމަށް އަހުމަދު މުނައްވަރުގެ އިތުރުން ހޯމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު ޒުހޫރަށް ރުހުން ދިނުމެވެ.

ޖިހާދު ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަގާމުން ވަކި ކުރެއްވުމަށްފަހު މަގާމު ހުހަށް އޮންނަތާ އަށެއްކަ މަސް ދުވަސް ފަހުންނެވެ.