ހަބަރު

އެޗްއާރްސީއެމްގެ ބަޖެޓުން މިލިއަނެއްހާ ރުފިޔާ ގެއްލިފައި

  • ޓިކެޓް ކެންސަލްކުރުމުން ރިފަންޑަށް ގިނަ ފައިސާ ލިބެން ޖެހޭ
  • ސްކޮލަޝިޕް އެއްބަސްވުމާ ހިލާފުވި މުވައްޒަފުންނަށް ފިޔަވަޅު ނާޅާ
  • ބަޖެޓަށް ވުރެ އިތުރަށް ލައްކައެއްހާ ރުފިޔާ ހަރަދުކުރި

އެޗްއާރުސީއެމް އިން އެކި ހަރަދުތައް ކުރުމުގައި އިހުމާލުވެފައި ވުމުގެ ސަބަބުން އެ ކޮމިޝަންގެ ބަޖެޓުން، 1.3 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އެކޮމިޝަންގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ. އަދި ހަރަދު ކުރި ގޮތުގެ ސަބަބުން މިއަދަދަށް ފައިސާ ގެއްލުނު އިރު އެ ކޮމިޝަނުން ވަނީ، ބަޖެޓް ކުރިވަރަށް ވުރެ އިތުރަށް ކޮމިޝަންގެ އެކި ކަންކަމަށް މިދިޔަ އަހަރު ހަރަދުކޮށްފަ އެވެ.

އެޗްއާރްސީއެމްގެ 2015 ވަނަ އަހަރުގެ މާލީ ބަޔާންތައް ހިމަނާފައިވާ އޮޑިޓް ރިޕޯޓުގައި އެ ކޮމިޝަނުން މިދިޔަ އަހަރަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް ހަރަދުކޮށްފައިވާކަން ފާހަގަވެ އެވެ. އެގޮތުން މިދިޔަ އަހަރަށް ކޮމިޝަނަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރަށް 97،569ރ. ކޮމިޝަނުން ހަރަދުކޮށްފައިވާއިރު، މައިގަނޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކުރި ހަރަދުތަކުގެ ތަފްސީލު އެކަށީގެންވާ ގޮަތަކަށް ބަލަހައްޓަމުން ގޮސްފައި ނުވާ މައްސަލައެކެވެ.

ރިޕޯޓުގައި ބުނީ، ރަސްމީ އެކި ކަންކަމުގައި ބޭރަށް ދިއުމަށް ފްލައިޓް ޓިކެޓް ނެގުމަށްފަހު ދަތުރުތައް ކެންސަލް ކޮށްފައިވީ ނަމަވެސް އެކަމާގުޅޭ ލިޔެލިޔުންތައް ކޮމިޝަނުން ރަނގަޅަށް ބަލަހައްޓާފައި ނުވާ ކަމަށެވެ. އަދި އޭގެ ސަބަބުން، ޓިކެޓް ރިފަންޑް ކުރުމުގައި ދައުލަތަށް އަށް ހާސް ރުފިޔާ އަށްވުރެ ބޮޑު ގެއްލުމެއް ކޮންމެ ފަހަރަކު ވެސް ލިބިފައިވާކަމަށެވެ.

".. މީގެ އިތުރުން 2015 ވަނަ އަހަރުގެ ނިޔަލަށް ޓިކެޓް ރިފަންޑުގެ ގޮތުގައި ކޮމިޝަންގެ ދަތުރުކޯޑަށް އަނބުރާ ޖަމާކުރަންޖެހޭ 52،423 ރުފިޔާ ލިބިފައި ނުވުމާއި ފައިސާ ހޯދުމަށް ކޮމިޝަނުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވުން،" އޮޑިޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުންވެސް، ފާއިތުވި ފަސް ވަރަކަށް އަހަރު ތެރޭގައި އެ ކޮމިޝަނުން ހިއުމަން ރައިޓްސް އާ ގުޅޭ ކޯސްތަކެއް ފުރިހަމަކުރުމަށް ފުރުސަތު ދިން ހަތަރު މުވައްޒަަފަކު ކޯސް ފުރިހަމަ ނުކޮށް މާލެ އައުމުން، ސްކޮލާޝިޕް އެއްބަސްވުމާ އެއްގޮތަށް ކޯހުގެ ހަރަދު ހޯދަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ކޮމިޝަންގެ ބަޖެޓުން ކޯހަށް ހަރަދުކޮށްފައިވާ 1.2 މިލިއަން ރުފިޔާ އަނބުރާ ހޯދަން މަސައްކަތް ކޮށްފައި ނުވާކަން ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

މިދިޔަ އަހަރުގެ މެދަކާ ހަމައަށް އެޗްއާރްސީއެމްގެ ރައީސާއަކަށް ހުންނެވީ މަރިޔަމް އަޒުރާ އަހުމަދެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ މަގާމަށް އައްޔަންކުރެވުނީ، އާމިނަތު އީނާސް އެވެ. ރައީސާ ކަމަށް އީނާސް އައްޔަނުކޮށް، މެންބަރުންގެ ބޯޑު ބަދަލުކުރީ، ކުރީގެ ރައީސާ މަރިޔަމް އަޒުރާ އަހުމަދާއި މެންބަރުންގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.