ޕީޕީއެމް

"ބައްދަލުވުމުން ނިކުތީ ރައީސް ގުޅައި އަންގައިގެނެއް ނޫން"

ރޭ ބޭއްވި ޕީޕީއެމްގެ ކުއްލި ކައުންސިލް ބައްދަލުވުމުން ނިކުތީ އެގޮތަށް އަމަލުކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ނޫން ކަމަށް ކައުންސިލް މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. ރޭގެ ބައްދަލުވުމުގެ މެދު ތެރެއިން ކައުންސިލް ބައްދަލުވުމުގައި ތިއްބެވި 21 މެންބަރުން ވަނީ ބައްދަލުވުން ދޫކޮށް ނުކުންނަވައިފަ އެވެ.

ރޭގެ ބައްދަލުވުމުން މި 21 މެންބަރުން ނިކުންނެވީ، ރައީސް ޔާމީން ފޯން ކުރައްވައި އަންގަވައިގެން ކަމަށް ބުނެ ބައެއް މީޑިއާތަކުގައި މިއަދު ރިޕޯޓްކޮށްފައިވާއިރު އަބްދުއްރަހީމް އެ ވާހަކަތައް ދޮގުކުރައްވަ އެވެ. ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ އަބްދުއްރަހީމް "އަވަސް"އަށް ވިދާޅުވީ، ރޭގެ ކައުންސިލް ބައްދަލުވުމާ ގުޅޭ ގޮތުން ބައްދަލުވުގެ ކުރިން ވެސް އަދި ބައްދަލުވުމުގެ ތެރޭގައި އިންވަނިކޮށް ވެސް ރައީސް ޔާމީންއާ އެއްވެސް ވާހަކައެއް ނުދެކެވޭ ކަމަށެވެ. އަދި ރައީސް ޔާމީން ފޯން ކޯލެއް ވެސް ނުލިބޭ ކަމަށެވެ.

"ކައުންސިލް ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް ޔާމީން އެއްވެސް އިރުޝާދެއް ނުދެއްވާ، ބައްދަލުވުމުގެ ތެރެއިން އަޅުގަނޑަށް ގުޅާފައެއް ވެސް ނުވޭ އަދި ބައްދަލުވުން ފެށުމުގެ ކުރިން ވެސް ވާހަކަ ދެކެވިފައެއް ނުވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރޭގެ ޖަލްސާއިން ނިކުންނަން ޖެހުނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ބައްދަލުވުން ކުރިއަށްދާތީ، ސައްހަ ނޫން ބައްދަލުވުމެއްގައި ނުތިބުމަށް ކަމަށެވެ. އަދި، ބައްދަލުވުމުން ނިކުތީ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިޒުނަ ހޯދެއްވުމަށްފަހު ކަމަށް ވެސް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕާޓީގެ ކައުންސިލްގެ ގިނަ މެންބަރުން ގަބޫލު ކުރަނީ، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އާއި އައިމިނަތު ނާދިރާ ޕާޓީ އިން ވަކިކޮށްފައި ވާތީ އެ ބޭފުޅުންނަށް ޕާޓީގެ ކައުންސިލްގައި ނުތިއްބެވޭނެ ކަމަށެވެ. އަދި އަސާސީ ގަވައިދުގައިވާ ގޮތުން ސުލޫކީ ކޮމެޓީން އަޅާ ފިޔަވަޅަކާ މެދު ހިތްހަމަ ނުޖެހޭނަމަ އިސްތިއުނާފު ކޮމެޓީއަށް ހުށަހަޅަންޖެހޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް ފާރިސް އާއި ނާދިރާ އިސްތިއުނާފަށް ގޮސްފައިނުވާ ކަމަށާއި އިސްތިއުނާފަށް ދިޔުމުން ވެސް އެ ކޮމެޓީން ވަކި ގޮތެއް ނިންމަންދެން ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިނުވެވޭނެ ކަމަށް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ފާރިސް އާއި ނާދިރާ އެ ބައްދަލުވުމުގައި ތިއްބެވީމަ އަޅުގަނޑުމެން ދެންނެވިން އެ ބޭފުޅުންނަށް ކައުންސިލް ބައްދަލުވުމުގައި ނުތިއްބެވޭނެއޭ، ރައީސް މައުމޫން ވިދާޅުވީ، އެ ދެ ބޭފުޅުންނަށް ކައުންސިލް ބައްދަލުވުމުގައި ތިއްބެވޭނެ ކަމަށާއި އެ ބޭފުޅުންނަށް ފިޔަވަޅު އަޅާފައިވާ ސައްހަ ނޫން ބައްދަލުވުމެއްގައި ކަމަށް، ދެން އަޅުގަނޑުމެން ދެންނެވިން އެހެންކަމަށްވާނަމަ އަޅުގަނޑުމެން ބައްދަލުވުން ނިކުތުމުގެ އިޒުނަ ދެއްވާށޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ފާރިސް އާއި ނާދިރާގެ މައްސަލާގައި ޕާޓީގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު ރޭ ބޭއްވި ކައުންސިލް ބައްދަލުވުން ވެސް އެއްވެސް ނަތީޖާއެއް ނުނެރެވި ވަނީ ހުއްޓާލަން ޖެހިފަ އެވެ. ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނު ދޫދެއްވަންޖެހޭ ކަމެއް ނެތް ކަމަށާއި ނަމަވެސް މަޝްވަރާކުރައްވާނެ ކަމަށެވެ. ރައީސް ޔާމީން ވެސް ވަނީ މަޝްވަރާކޮށް ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލުކުރުމަށް ގޮވާލައްވާފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް މައުމޫނަކީ ރާއްޖޭގައި ސިޔާސީ ގޮތުން ހުންނެވި އެންމެ ތަޖުރިބާކާރު ބޭފުޅާ ކަމަށާއި ރައީސް ޔާމީނަކީ މިހާރު ރާއްޖޭގައި ހުންނެވި ސިޔާސީ ގޮތުން އެންމެ ހަރުދަނާ ބޭފުޅާ ކަމަށެވެ. އެހެންކަމުން މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން އަބަދުވެސް އިރުޝާދު ދެއްވަނީ ރައީސް މައުމޫނަށް ގަދަރުކުރެއްވުމަށާއި ޕާޓީގެ އަސާސީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އަބަދުވެސް ރައީސް މައުމޫނަށް އިހުތިރާމްކޮށް ގަދަރުކުރާ ކަމަށެވެ. ރޭ ވެސް ބައްދަލުވުމުން ނިކުތީ ރައީސް މައުމޫނަށް ދެއްވަންޖެހޭ ގަދަރު ދެއްވައި، އެމަނިކުފާނަށް ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވުމަށްފަހުގައި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.