ރާއްޖެ ކުޅިވަރު

ޓީސީ ތިންވަނަ އަށް

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ވިކްޓްރީގެ މައްޗަށް 1-0 އިން ކާމިޔާބު ހޯދައި ޓީސީ ސްޕޯޓްސް ކުލަބު ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

މެޗްގައި ޓީސީގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ އަލީ ފާސިރު (ސެންޓޭ) އެވެ.

ޓީސީ ތިން ވަނައިގައި އޮތީ 14 ޕޮއިންޓް ހޯދައިގެންނެވެ. ލީގް ދެ ވަނައިގައި އޮތް އީގަލްސްއަށް ވެސް ލިބިފައިވަނީވެސް 14 ޕޮއިންޓެވެ. ނަމަވެސް އީގަލްސްއަށް ވުރެ ޓީސީ ފަހަތަށް ދިޔައީ ގޯލުގެ ތަފާތުންނެވެ. އެއްވަނާގައި އޮތީ މިރޭ ބީޖީއާ ދެކޮޅަށް ނިކުންނަ މާޒިޔާއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ލީގުގެ ތިން ވަނަ އަކަށް ވުރެ މުހިންމީ މެޗަކަށް ފަހު މެއޗެއް ކާމިޔާބު ކުރުން ކަމަށެވެ.

"ލީގުގައި އޮތް ހިސާބަކާ މެދު ވިސްނާނީ މިބުރު ނިމުމަށް ފަހު، މިހާރު މުހިންމީ މެޗަކަށް ފަހު މެޗެއް ހޯދުން. އަޅުގަނޑުމެން މިއަދު ކުޅުނީ ސަސްޕެންޝަނާއި އިންޖަރީގެ ސަބަބުން ފުރަތަމަ 11 ގައި ކުޅޭ ފަސް ކުޅުންތެރިޔަކު ނުހިމަނައި. މުޅި ޓީމުގައި މިތިބީ ދިވެހި ކުޅުންތެރިން. ނަމަވެސް ވިކްޓަރިގައި ބިދޭސީ ކުޅުންތެރިންވެސް އެބަތިބި އެކުޅުންތެރިން މަސައްކަތް ރަނގަޅުވުމަކީވެސް މެޗް އުނދަގޫވި ސަބަބެއް،" ނިޒާމްބެ ބުންޏެވެ.

ވިކްޓަރީން މި މެޗަށް ނުކުތީ އެސިސްޓެންޓް ކޯޗު އަހުމަދު ނާޝިދު (ނާދު)ގެ ބެލުމުގެ ދަށުންނެވެ. އެއީ މީގެ ދެ ދުވަސް ކުރިން ކޯޗު މުހައްމަދު ނަޒީހު އިސްތިއުފާދިނުމުންނެވެ. ނަޒީހުއާއެކު ވިކްޓަރީގެ ޗެއާމަން ވެސް ވަނީ އިސްތިއުފާދީފަ އެވެ.

ލީގުގައި މިރޭ މާޒިޔާ އާއި ބީޖީ ކުޅޭ މެޗަކީ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) މިފަހުން ގަލޮޅު ދަނޑުގައި ކުޅޭ ފުރަތަަމަ މެޗެވެ. މިމެޗް ފާށާނީ މިރޭ 9:00 ގައެވެ.