ދުނިޔެ

އިނގިރޭސިން ވަކިވުމުން އީޔޫގެ ރީޔާސަތު އެސްޓޭނިއާއަށް

Jul 21, 2016

ޔޫރަޕްގެ އިއްތިހާދުން އިނގިރޭސި ވިލާތް ވަކިވާން ނިންމާފައިވުމުން، އެ އިއްތިހާދު ރިޔާސަތު އަންނަ އަހަރު ޖޫން މަހުން ޑިސެމްބަރަށް ލިބޭނީ އެސްޓޭނިއާ އަށް ކަމަށް، އީޔޫގެ ރައީސް ޑޮނަލްޑް ޓަސްކް ވިދާޅުވެއްޖެ އެވެ.

އީޔޫގެ ގަވާއިދުތައް ބުނާގޮތުން އެ އިއްތިހާދުގެ ރިޔާސަތު ކޮންމެ ހަ މަހަކުން ބަދަލުވާނެ އެވެ.

ޓަސްކް ވިދާޅުވީ މިއަދު ބެލްޖިއަމްގެ ބްރަސަލްސްގައި ބޭއްވި ބައްދަލުވުމުގައި އިނގިރޭސިން އީޔޫއިން ވަކިވުމަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތް ނިންމުމަށް ވަގުތު ދިނުމުގެ ގޮތުން، ރިޔާސަތު އިނގިރޭސިންނާ ހަވާލު ނުކުރުމަށް ބޯޑްގައި އެއްބަސްވެފައިވާ ކަމަށެވެ.

އަޑުތައް ފެތުރޭ ގޮތުން، އަންނަ އަހަރު ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އީޔޫގެ ރިޔާސަތާ ހަވާލުވާނީ މާލްޓާއެވެ. މިހާރު އީޔުގެ ރިޔާސަތު ބަލަހައްޓަނީ ސޮލަވާކިއާއިންނެވެ.