ހަބަރު

ބޫޓާންގެ އަމާން ހިޔާއަކަށް މިނިސްޓަރު ޒެނިޝާ ޒިޔާރަތްކުރައްވައިފި

Jul 20, 2016

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކާއި ވަކި ޖިންސަކަށް ނިސްބަތްވީތީ އެކި ބާވަތުގެ އަނިޔާ ލިބޭ ފަރާތްތަކަށް ހިމާޔަތް ފޯރުކޮށްދިނުމަށް ބޫޓާންގެ ވެރިރަށް ތިމްޕޫގައި ގާއިމްކޮށްފައިވާ އަމާން ހިޔާއަކަށް ޖެންޑަ މިނިސްޓާ ޒެނިޝާ ޝަހީދު ޒަކީ، ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި، މިދާއިރާއާ ގުޅޭގޮތުން ބޫޓާންއިން ކުރަމުންގެންދާ މަސައްކަތްތަކާބެހޭ ގޮތުން މައުލޫމާތު ހޯދުމަށާއި މި ސަރަހައްދުގައި އަމަލުކުރަމުންދާ 'ބެސްޓް ޕްރެކްޓިސް' އުސޫލުތައް ދެނެގަތުމަށްޓަކައި، އަމާންހިޔާގެ ވެރިންނާއި މުވައްޒަފުންނާ މިނިސްޓާ ޒެނީޝާ ބައްދަލުކުރެއްވިއެވެ. އަދި ހިޔާގައި ދިރިއުޅުއްވާ ފަރާތްތަކަށް އެކިއެކި ހުނަރާއި ތަމްރީންތައް ދަސްކޮށްދޭ ކްލާސްރޫމްތައް މިނިސްޓާ ޒެނީޝާ ބައްލަވާލައްވައި، ހިޔާގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކާ ބެހޭ މައުލޫމާތު އޮޅުންފިލުއްވިއެވެ.

މިނިސްޓާ ޒެނީޝާ ޒިޔާރަތްކުރައްވާފައިމިވާ އަމާންހިޔާ އަކީ، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ބޫޓާންގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ "ރިނިއު" ގެ ފަރާތުން ހިންގާ ހިޔާއެކެވެ.

މިނިސްޓާ ޒެނީޝާގެ ބޫޓާންއަށް ކުރައްވާ މިދަތުރުފުޅަކީ، 2010 ވަނަ އަހަރު ސާކްގެ އެޕެކްސް ބޮޑީއެއްގެ ގޮތުގައި ގާއިމްކުރެވުނު "ސައުތު އޭޝިއާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން" (ސައިވާކް) ގެ ފަރާތުން އިންތިޒާމްކޮށްގެން ބޫޓާންގެ ވެރިރަށް ތިމްޕޫގައި މި ދެ ދުވަހު ކުރިއަށް ގެންދާ ރީޖަނަލް ކޮންސަލްޓޭޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. މި ރީޖަނަލް ކޮންސަންޓޭޝަންގެ މަގުސަދަކީ، ސައިވާކް އާއި ސައުތު އޭޝިއާ ކޯޑިނޭޓިންގ ގްރޫޕް އޮން އެކްޝަން އަގެއިންސްޓް ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން (އެސްއޭސީޖީ) ގުޅިގެން، ދެކުނު އޭޝިއާ ސަރަޙައްދުގެ ގައުމުތަކުގެ ކަމާގުޅުންހުރި ފަރާތްތަކުގެ މެދުގައި، ސަސްޓެއިންނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީ 8.7) ނުވަތަ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ސަރަހައްދީ ފެންވަރުގައި ކަމާ ގުޅުންހުރި ފަރާތްތައް ގުޅިގެން މަސައްކަތްކުރާނެގޮތްތައް ދެނެގަނެ މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.