ހަބަރު

ބޮޑު ދެ މަގެއްގެ ޓްރެފިކް ފްލޯ މުޅިން ބަދަލުކޮށްލައިފި

Jul 21, 2016

އަލިކިލެގެފާނު މަގާއި ހުސްނުހީނާ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށްޓަކައި ވަގުތީ ގޮތުން ބައެއް ބަދަލުތައް އެ ދެ މަގުގެ ޓްރެފިކް ފްލޯއަށް ފުލުހުން ގެނެސްފި އެވެ. އިއްޔެ އިން ފެށިގެން އެ ދެ މަގުގައި ވެހިކަލްތަކަށް ދުއްވޭ ކޮޅު ވަނީ ބަދަލުކޮށްފަ އެވެ.

މި ދެ މަގަކީވެސް އެއްކޮޅަށް ދުއްވާ ދެ މަގެވެ. މިގޮތުން ހުސްނުހީނާ މަގަކީ މިހާރު އުތުރުން ދެކުނަށް ދުއްވާ މަގެކެވެ. އަލި ކިލެގެފާނު މަގަކީ ދެނުނުން އުތުރަށް ދުއްވާ މަގެކެވެ.

ފުލުހުން ބުނީ، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ފުލުހުންގެ ބެލުމުގެދަށުން މި ދެ މަގުގައި، މިހާރު ދުއްވާ ކޮޅު ބަދަލުކޮށް ޓްރެފިކް ފްލޯ ތަރުތީބު ކުރަމުން ދާނެ ކަމަށެވެ. އެގޮތުން އަލިކިލެގެފާނު މަގުން ދުއްވާނީ އުތުރުން ދެކުނަށް ދުއްވާ ގޮތަށެވެ. އަދި ހުސްނުހީނާ މަގުން ދުއްވާނީ ދެކުނުން އުތުރަށެވެ. މިބަދަލާ އެއްގޮތަށް ދުއްވާއިރު ފުލުހުން އެ މަގުތައް މޮނިޓކޮށް ބަލަހައްޓަމުން ގެންދާނެ އެވެ.

ޓްރެފިކް ފްލޯއަށް ބަދަލު ގެނައީ، އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލު އަދި އަރަބިއްޔާ ސްކޫލްގެ ކިޔެވުމުގެ ދަންފަޅި ފެށޭ ވަގުތު އަދި ނިމޭ ވަގުތުތަކުގައި ޗާންދަނީ މަގުގެ ޓްރެފިކަށް ލުއި ދިނުމުގެ ގޮތުންނެވެ. މި ބަދަލުގެ ސަބަބުން މަގުތަކުގެ ތަރުތީބު ރަނގަޅު ކުރެވި، ދަތުރު ތަކަށް ފަސޭހަވާނެ ކަމަށް ފުލުހުން ބުނެ އެވެ.

މިބަދަލުތަކަކީ ދާއިމީ ބަދަލުތަކެއްގެ ގޮތުގައި ނިންމަން ހަމަޖައްސާފައިވަނީ މިގޮތަށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުން ލިބިގެންދާ ފަސޭހަ ތަކާއި ދަތިތައް ބަލައި ދިރާސާ ކުރުމަށްފަހުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.