ހަބަރު

ސަރުކާރުން ހުށަހަޅާ ބިލްތަކާ ދެކޮޅަށް ފާރިސް ވޯޓު ދެއްވަން ފައްޓަވައިފި

Jul 20, 2016
7

ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހަށް ހުށަހަޅާ ގިނަ ބިލްތަކާ ދެކޮޅަށް ދިއްގަރު ދާއިރާގެ މެންބަރު، ފާރިސް މައުމޫން ވޯޓު ދެއްވަން ފައްޓަވައިފި އެވެ.

ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު މުހައްމަދު ލަތީފް ސިވިލް ސާވިސްގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހާ ދެކޮޅަށް ފާރިސް ވަނީ މަޖިލީހުގައި ވާހަކަ ދައްކަވާ ވޯޓު ވެސް ދެއްވައިފަ އެވެ. މެންބަރު ލަތީފް ހުށަހެޅުއްވީ މިނިސްޓްރީތަކަށް ޕާމެނެންޓް ސެކްރެޓަރީ އައްޔަން ކުރާ އިރު މިނިސްޓަރުގެ ލަފާ ހޯދަން ޖެހޭނެ ގޮތަށް ގާނޫނު އިސްލާހު ކުރާށެވެ. މިދިޔަ ހޯމަ ދުވަހު އޮތް އެ މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން ފާރިސް ވިދާޅުވީ ސިވިލްސާވިސްގެ ގާނޫނަށް ގެންނަން އުޅެނީ އެ ގާނޫނުގެ މުޅި ރޫހާ ހިލާފް އިސްލާހަކަށް ވާތީ ތާއީދު ނުކުރާނެ ކަމަށެވެ.

އެއަށް ފަހު އޮތް ވޯޓްގައި ވެސް ފާރިސް ވަނީ އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވައިފަ އެވެ.

ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރަށާއި ޕީޕީއެމްގެ ބައެއް އޮފިޝަލް ވައިބާ ގްރޫޕްުތަކަށް ފާރިސް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ޕީޕީއެމްގެ ޕީޖީ ގްރޫޕްގައި އޭނާ މިހާރު ބައިވެރި ނުކުރާތީ އެ ގްރޫޕްގެ ނިންމުންތައް އޭނާއަށް ނޭނގޭ ކަމަށެވެ. އެހެންވެ ވޯޓު ދެއްވާނީ ޕީޕީއެމްގެ އަސާސީ ގަވާއިދު އަސްލަކަށް ބަލައިގެން އެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

ބިޑްކުރުމެއް ނެތި، ފަޅުރަށްތައް ކުއްޔަށް ދެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަށް ވޯޓު ދޭން ތްރީލައިން ވިޕް ނެރެފައި ވަނިކޮށް ފާރިސް އެ ވިޕާ ހިލާފުވި މައްސަލައިގައި އޭނާ ޕާޓީ އިން ވަކިކުރަން ވަނީ ނިންމައިފަ އެވެ. މިއީ ޕީޕީއެމްގެ ޕީޖީގެ ނިންމުމާ ފާރިސް ހިލާފުވި ތިން ވަނަ ފަހަރު ކަމަށް ވެސް ޕީޕީއެމްގެ ޕީޖީ މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެން ނަމަވެސް ފާރިސް ޕީޕީއެމް އިން ވަކިކުރި ކުރުން ގަބޫލު ނުކުރެވޭ ކަމަށް ޕާޓީގެ ރައީސް އަދި އޭނާގެ ބައްޕާފުޅު މައުމޫން ވަނީ ވިދާޅުވެފަ އެވެ.

ފާރިސް ހިމެނޭ ކޮމިޓީތަކުން ވެސް އޭނާ މިހާރު ވަނީ ވަކިކޮށް، އެހާ މުހިންމު ނޫން ކޮމިޓީތަކަށް ބަދަލުކޮށްފަ އެވެ.