ވޮލީބޯލް އެސޯސިއޭޝަން ކަޕް މިލްކު ކުރަން ނިކުތް ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ބަލިކޮށް މޯލްޑިވިއަން ސްޕޯޓްސް ރެކްރިއޭޝަން ކުލަބު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މޯލްޑިވިއަން މެޗް ކާމިޔާބު ކުރީ، ތިން ސެޓް އެއްސެޓުންނެވެ. ފުރަތަމަ ސެޓް މޯލްޑިވިއަން ކާމިޔާބު ކުރީ 25-17 ން ނެވެ. ދެވަނަ ސެޓް ކާމިޔާބު ކުރީ 25-18 ންނެވެ.
ތިން ވަނަ ސެޓް ޑީއެސްސީ ކާމިޔަބު ކުރީ 25-18 އިންނެވެ. މެޗުން މޮޅުވި ސެޓް މޯލްޑިވިއަން ކާމިޔާބު ކުރީ 25-19 ންނެވެ.
މުބަރަތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މޯލްޑިއަންގެ އިސްމާއީލް ސާޖިދު ބެޓިސްއެވެ. މުބާރާތުގެ 19 އހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޕޯޓްސް ސިޓީ ކުލަބުގެ މުޙައްމަދު މިމްރާހްއެވެ. އެކާވިސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މޯލްޑިވިއަންގެ ހަސަން ނިލާމްއެވެ.
މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ޑީއެސްސީއެވެ.
މިރޭ ޑީއެސްސީ އަތުން ބަދަލު ހިފި މޯލްޑިވިއަން ވަނީ ގުރޫޕް ސްޓޭޖު މެޗާއި ސެމީފައިނަލް ފުރަތަމަ މެޗްގައި ޑީއެސްސީ އަތުން ބަލިވެފައެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން މޯލްޑިވިއަންގެ ކޯޗް އިބްރާހިމް ރަޝީދު (ސަތޯ) ބުނީ ކުރިން ދެ މެޗުން ބަލިވި ނަމަވެސް މިރޭގެ މެޗަށް ނިކުތް އިރު ވަރަށް ބޮޑު އުންމީދެއް އޮތް ކަމަށާއި، ފައިނަލް މެޗަށް އައީ އެ މެޗްތަކުގައި ބޭނުންނުކުރި ޓެކްޓިކްސްތަކަށް ތައްޔާރުވެގެން ކަމަށެވެ.
"އަޅުގަނޑު ކުޅުންތެރިން ގާތު ބުނިން މުބާރާތުގެ މެޗަކަށް ވުރެ މުހިންމީ މުޅި މުބާރާތޭ. ފޮކަސް ކުރީ މުޅި މުބާރާތަށް. ފައިނަލް މެޗަށް އައީ ވަރަށް ބޮޑަށް އެކަމަށް ތައްޔާރު ވެގެން. މެޗްގައި ބޭނުން ނުކުރަ ޓެކްޓިކްސް ބޭނުން ކުރިން އެތީމުގެ ލޯންގޭ (އަހްމަދު އަބްދުލް ކަރީމް) 'ބަނދެލައިގެން' އަޅުގަނޑުމެން މި މެޗްގައި ކުޅުނީ." ސަތޯ ބުންޏެވެ.
މުބާރާތުގެ ޑްރީމް ޓީމް
ބެސްޓް އައުޓްސައިޑް އެޓޭކާރ: އިސްމާއީލް ސާޖިދު (ބެޓިސް) – މޯލްޑިވިއަން
ދެ ވަނަ އަށް އެންމެ މޮޅު އައުޓްސައިޑް އެޓޭކާރ: އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) –ޑީއެސްސީ
ބެސްޓްބްލޮކާރ: އަހްމަދު އަނިލް ނަސީރު – ޑީއެސްސީ
ދެ ވަނަ އަށް އެންމެ މޮޅު ބްލޮކާރ: އަލީ އާމިރު - މޯލްޑިވިއަން
އެންމެ މޮޅު އޮޕަސިޓް ޕްލޭއާރ: މުޙައްމަދު ޝާއިން – ޕޮލިސް ކުލަބު
އެންމެ މޮޅު ސެޓަރު: އިޝާން އަހްމަދު – ޑީއެސްސީ
އެންމެ މޮޅު ލިބަރޯ: ޖަވާމް އަލީ – މޯލްޑިވިއަން
އެންމެ މޮޅު ކޯޗް: އިބްރާހިމް ރަޝީދު (ސަތޯ) މޯލްޑިވިއަން