ދުނިޔެ

ތިން މަސްދުވަހަށް ތުރުކީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި

Jul 21, 2016

މިދިޔަ ހުކުރު ދުވަހުގެ ރޭ ތުރުކީއަށް ގެންނަން އުޅުނު "ބަޣާވާތަށް"ފަހު އެގައުމުގައި ތިން މަސް ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ.

ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން ތިން މަސް ދުވަހުގެ ކުއްލި ނުރައް ކަލުގެ ހާލަތު އިއުލަން ކުރީ އަސްކަރިއްޔާއިން ގެންނަން އުޅުނު "ބަޣާވާތު" ގައި 246 މީހަކު މަރުވެ 1500 މީހުން ޒަހަމްވި ހާދިސާއަށް ފަހު "ތުރުކީގެ ރައްޔިތުންނަށް އަދިވެސް ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް" ބުނެއެވެ.

އެގައުމުން ވަނީ "ބަޣާވާތަށް" އެހީތެރިވި ކަމަށް ބުނެ 6000 ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ސިފައިންގެ އިސް ޖެނެރަލުންނާއި އެހެން ވެސް ބައެއް ފަރާތްތައް ހިމެނެ އެވެ.

"ގައުމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭނަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ހައްގު، ތުރުކީގެ ގާނޫނު އަސާސީގެ 120 ވަނަ މާއްދާއިން ރައީސްއަށް ލިބިދޭ. މި ހާލަތުގެ ބޭނުމަކީ ޑިމަކޮރަސީއަށް ހުރި ހުރަސްތައް ނައްތާލައި ރައްޔިތުންނާއި އާންމުންގެ ހައްގުތަކަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ފިޔަވަޅުތަކެއް އެޅުން،" ޓީވީގައި ވާހަކަ ދައްކަވަމުން އުރުދުގާން ވިދާޅުވި އެވެ.

ތުރުކީގެ ގާނޫނު އަސާސީގެ 120 ވަނަ މާއްދާގައި ބުނެފައިވަނީ ގައުމުގެ ސަލާމަތަށާއި އިސްތިގްލާލަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނަނަމަ، ގައުމުގެ ސަރަހައްދުން ބައެއްގައި ނުވަތަ މުޅި ގައުމުގައި އެއް މަސް ދުވަހަށް ވުރެ ކުރު ނޫން، އަދި ހަ މަސްދުވަހަށް ވުރެ ދިގު ނުވާނެ ގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިދާނެ ކަމަށެވެ.

ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު ތަންފީޒު ވާނީ ތުރުކީގެ ގެޒެޓްގައި އެކަން އިއުލާން ކުރުމުންނެވެ. މިއަދު އެކަން އިއުލާން ކުރާނެ އެވެ.