ދުނިޔެ

"އައިއެސް ކަމަށް ހީކޮށް" އެމެރިކާއިން ސިރިޔާގެ 60 އާންމުން މަރައިލައިފި

Jul 21, 2016
4

'އިސްލާމިކް ސްޓޭޓް' ގެ ނަމުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ގުރޫޕްގެ "ބައެއް ކަމަށް ހީކޮށް" އެމެރިކާއިން ސިރިޔާގެ 60 އާންމުން މަރައިލައިފި އެވެ.

މަރުވި މީހުންގެ ތެރޭގައި 44 ކުޑަކުދިންނާއި 17 އަންހެނުން ހިމެނޭ ކަމަށް ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިޔުމަން ރައިޓްސްއިން ވަނީ ބުނެފަ އެވެ.

އެމެރިކާއިން ސީރިޔާގެ އާންމުން މަރައިލައިފައިވަނީ ސީރިޔާގެ އުތުރުގައި އޮންނަ ހަލަބުގެ މަންޖިބްގެ ސަރަހައްދަށް ދިން ވައިގެ ހަމަލާތަކެއްގަ އެވެ. އެމެރިކާއިން ވަނީ އެ ސަރަހައްދަށް ފުލުފުލުގައި ވައިގެ މަގުން 30 ހަމަލާ ދީފަ އެވެ.

އަލްޖަޒީރާއިން ބުނީ އެސަރަހައްދަށް އެމެރިކާގެ އަސްކަރީ ކޯލިޝަނުން ހަމަލާ ދެމުން ގެންދާކަން އެމެރިކާގެ އަސްކަރީ އިން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިޔުމަން ރައިޓްސްގެ ޑިރެކްޓާ ރާމީ އަބްދު ރަހްމާން ވިދާޅުވީ، "އޮބްޒަވޭޓްރީން ގަބޫލު ކުރަނީ މަންޖިބްގެ ވައިގެ ހަމަލާތަކަކީ އޮޅުމަކުން ދިން ހަމަލާތަކެއް" ކަމަށެވެ.

އެމެރިކާގެ ޑިފެންސް ސެކެޓްރީ އޭޝް ކާޓާ ވިދާޅުވީ މިމައްސަލަ އިތުރަށް ތަހްގީގު ކުރަމުން ދާކަމަށާއި އެމެރިކާގެ އަމާޒަކީ ސީރިޔާގެ އާންމުން ރައްކާތެރިކޮށްދިނުން ކަމަށެވެ.

"އެންމެ ފަހުން ދިން ހަމަލާތަކުގައި ސީރިޔާގެ އާންމުންނަށް އަމާޒުވެފައިވާކަން އަހަރެމެންނަށް އެނގިފައިވަނީ. މިދަނީ އެކަން ތަހްގީގް ކުރަމުން. އަހަރެމެންގެ އަމާޒަކީވެސް ސީރިޔާގެ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުން،" ކާޓާ ވިދާޅުވި އެވެ.

މަންޖިބްގެ ކޮމިޔުނިޓީ ލީޑަރެއް ކަމަށްވާ ހަސަނުލް ނިފީ އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ މަންޖިބްގެ ހަމަލާތަކުގެ ސަބަބުން ޒަހަމްވި މީހުންގެ އަދަދު 200 އަށް އެރުން އެކަށީގެންވާ ކަމަށެވެ.

'ރަޝިޔާ ޓްޑޭ' (އާރްޓީ) ގައި ވާހަކަ ދައްކަމުން މެދުއިރުމަތިގެ ސިޔާސީ އެނަލިސްޓެއް ކަމަށްވާ މަރުވާ އުސްމާން ބުނީ "އޮޅިގެން 30 ހަމަލާ ފުލުފުލުގައި ދޭނެކަމަށް ގަބޫލު ނުކުރެވޭ. އެކަމާ ބެހޭގޮތުން ސުވާލު އުފައްދަން ޖެހޭ" ކަމަށެވެ.

އައިއެސްއިން ދަނީ ރައްގާ ސަރަހައްދުގައި އެ މީހުންގެ ހިމާޔާތެއްގެ ގޮތުގައި ވެސް އާންމުން ބޭނުން ކުރަމުންނެވެ.