ދުނިޔެ

ސިންގަޕޫރުން ލަންކާގެ ހުޅަނގު ސަރަހައްދު ތަރައްގީ ކުރަނީ

Jul 21, 2016

ވަރަށް ބާރަށް ކުރިއަރަމުން އަންނަ، އަވަށްޓެރި ޝްރީލަންކާގެ ހުޅަނގު ސަރަހައްދު ތަރައްގީ ކުރުމުގައި އެހީވުމަށް ސިންގަޕޫރުން އެއްބަސްވެއްޖެ އެވެ.

ސިންގަޕޫރުން ސްރީލަންކާ ސަރުކާރާ އެކު އެއް ބަސްވެފައިވަނީ ހުޅަނގު ސަރަހައްދު، ވިޔަފާރި ސިޓީއެއްގެ ގޮތުގައި ތަރައްރައްގީކޮށް ފައިނޭޝަލް ހަބަކަށް އެތަން ބަދަލު ކުރުމަށެވެ. އެ މަޝްރޫއު ކުރިއަށް ގެންދާނީ ލަންކާ އާއި ސިންގަޕޫރާ ދެމެދު ދާދިފަހުން، ސޮއި ކުރި ފްރީ ޓްރޭޑް އެގްރިމަންޓްގެ ދަށުންނެވެ.

އެ ތަން ތަރައްގީ ތަރައްގީ ކުރާނީ، ސިންގަޕޫރުގެ އިންޓަނޭޝަނަލް އެންޕްރައިސިސްއިން (އައިއީ)ންނެވެ.

އައީއީގެ ސީއީއޯ ޓަން ސޫން ކިން ވިދާޅުވީ ހުޅަނގު ސަރަހައްދު ތަރައްގީ ކުރާނީ އެ ސަރހައްދުގެ އުމްރާނީ ތަރައްގީއަށާއި އިގްތިސޯދީ ކުރިއެރުން ހޯދުމަށް ލަންކަގެ ކުންފިތަކާއި ގުޅިގެން، ސިންގަޕޫރުގެ ކުންފުނިތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު ލިބޭނެ ގޮތަކަށް ކަމަށެވެ.

ހުޅަނގު ސަރަހައްދަކީ ލަންކާގެ އިގްތިސޯދީ އުފެންދުންތެރިކަމުގެ 40 ޕަސަންޓެވެ. ލަންކަގެ ސަރުކަރުގެ އަމާޒަކީ 2020 ވަނަ އަހަރު އަންނަންވާއިރަށް އެ ނިސްބަތް ތިން ގުނަ ކުރުމެވެ.

ލަންކާގެ ދާހިލީ ހަނގުރާމަ ނިމުމަށް ފަހު އެ ގައުމު އަންނަނީ ވަރަށް ބާރަށް ކުރިއަރަމުންނެވެ. އެގޮތުން ޗައިނާ ސަރުކާރުން އަންނަނީ ޕޯޓް ސީޓިގެ ނަމުގައި ބޮޑު ޝަހަރެއް ވެސް ލަންކާގައި ތަރައްގީ ކުރަމުންނެވެ.