ހަބަރު

މަހުލޫފަށް ހުކުމް އިއްވުން އަނެއްކާ ވެސް ކެންސަލް

Jul 21, 2016
2

ފުލުހުންނަށް ފިލަށް އުޅުނު ކަމުގެ ކުށުގައި މިހާރު ވެސް ޖަލު ހުކުމެއް ތަންފީޒު ކުރާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، އަހުމަދު މަހުލޫފްގެ މައްޗަށް ކުރާ ދެވަނަ ދައުވާގެ ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓްގައި މިއަދު ބާއްވަން ހަމަޖެއްސި މަޖިލިސް ކެންސަލްކޮށްފި އެވެ. އިއްޔެ ވެސް އެ މައްސަލައިގައި ހުކުމް އިއްވަން ޝެޑިއުލް ކުރި ނަމަވެސް މިއަދަށް ވަނީ ފަސްކޮށްފަ އެވެ.

ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ހުއްދަ ނެތި ވަދެފައިވާ ކަމަށް ބުނެކޮށްފައިވާ އެ ދައުވާގައި، މަހުލޫފްގެ މައްޗަށް ހުކުމް ކުރަން ބާއްވާ މަޖިލިސް އޮތީ، މިއަދު މެންދުރު 11:00ގަ އެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ބުނީ އެ ޝަރީއަތުގެ މަޖިލިސް މިހާރު ކެންސަލްކޮށްފައިވާ ކަމަށެވެ. އެއީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ އެވެ. އަދި އެ މަޖިލިސް ދެން ބާއްވާނެ ދުވަހެއް ވެސް ކޯޓަކުން އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުންގެ ބަންދުގައި ހުރެ ފިލަން މަސައްކަތް ކުރިކަން ސާބިތުވެ، މަހުލޫފް ގެންދަވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ފުރިހަމަކުރައްވަމުންނެވެ.