މޮޅު ކުޅުންތެރިޔާގެ އެވޯޑަކީ މުޅި ޓީމުގެ މަސައްކަތުން ލިބުނު އިނާމެެއް ކަމަށް، އިއްޔެރޭ ނިމިގެންދިޔަ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އިސްމައީލް ސާޖިދު (ކުޑަކާއްޓޭ) ބުނެފިއެވެ.
ފައިނަލް މެޗަށް ފަހު 'އަވަސް' އާ ވަހަކަ ދައްކަމުން މުބާރާތުގެ ޗެމްޕިއަން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ބާރު ޖެހުންތެރިޔާ ބުނީ އޭނާއަށް މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނު ނަމަވެސް މުބާރާތް ކުޅުނީ ވަކި މަގާމެއް ހޯދަން ވިސްނައިގެން ނޫން ކަމަށެވެ.
"ވަކިވަކި އެވޯޑްތަކަށް ވުރެ މުހިންމީ ޓީމަށް މުބާރަތުގެ ޗެމްޕިއަންކަން ހޯދައިދޭން. އެކަން ހާސިލް ވެއްޖެ. އަލްހަމްދުﷲ" ކުޑަކާއްޓޭ ބުންޏެވެ.
މިދިޔަ ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާގެ މަގާމުގައި ހުރި ކާއްޓޭ އަކީ މި ފަހަރުގެ އެސޯސިއޭޝަން ކަޕުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރު ވެސްމެ އެވެ.