ހަބަރު

ޖޭޕީގެ މުހައްމަދު ހުސައިން ސަރުކާރަށް ތާއީދު ކުރައްވަން ނިންމަވައިފި

Feb 18, 2015

ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި، ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން ސަރުކާރާ އެކު ދެމި ހުންނަވާނެކަން ހާމަ ކުރައްވައިފި އެވެ.

ދުވަހު ނޫސް "ހަވީރަ"ށް އޭނާ މިއަދު ކަށަވަރު ކޮށްދެއްވާފައިވާ ގޮތުގައި، ޖޭޕީ-އެމްޑީޕީން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކަށް އޭނާ ތާއީދު ނުކޮށް ސަރުކާރާ އެކު ހުރުމަށް ވަނީ ނިންމައިފަ އެވެ. އަދި އެގޮތަށް ނިންމެވީ ދާއިރާ ތަރައްގީ ކުރުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާގެ ގާތް ބޭފުޅަކު ވަނީ އެ ނޫހަށް ޔަގީންކަން ދެއްވައިފަ އެވެ. ނަމަވެސް އޭނާ ޖޭޕީގައި ދެމި ހުންނަވާނެ ކަމެއް ނޫނީ އެހެން ޕާޓީއަކަށް ބަދަލުވާނެ ކަމެއް ވެސް އޭނާ ވިދާޅުވެފަ އެއް ނުވެ އެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވި މުހައްމަދު ހުސެއިން މީގެ ކުރިން ހުންނެވީ ޑީއާރުޕީގެ މެންބަރެއްގެ ގޮތުގަ އެވެ. ނަމަވެސް ޑީއާރުޕީ ބަލިކަށިވުމާ އެކު އޭނާ ވަނީ ޖޭޕީއަށް ވަޑައިގެންފަ އެވެ.

އޭނާ އެގޮތަށް ނިންމެވި އިރު، ޖޭޕީގެ ބައެއް މެންބަރުން ޕީޕީއެމްއާ ގުޅޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އަދި އެކަމަށް ހާއްސަ ކޮށްގެން އަންނަ ބުރާސްފަތި ދުވަހު ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.