ހަބަރު

ހުޅުމާލެ ހޮސްޕިޓަލުގައި ނޮވެމްބަރު މަހު ކެންސަރު ސެންޓަރެއް ހުޅުވަނީ

  • ސެންޓަރު ހަދަނީ މަނިޕާލް ހޮސްޕިޓަލުން
  • ކީމޯ އާއި ރޭޑިއޭޝަން ހިދުމަތް ލިބޭނެ
  • ދިވެހިންގެ ގިނަ ބަޔަކު ކެންސަރަށް ފަރުވާ ހޯދާ

ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާދޭ ސެންޓަރެއް ގާއިމްކުރުމަށް، އިންޑިއާގެ މަޝްހޫރު މަނިޕާލް ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ސެންޓަރު ގާއިމްކޮށް އެ ހޮސްޕިޓަލުގައި ކެންސަރުގެ ފަރުވާ ދޭން ފަށާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މިއަދު ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ކެންސަރު ސެންޓަރު ގާއިމްކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ މަނިޕާލް ހޮސްޕިޓަލުގެ ފަރާތުން ސީއީއޯ އަޖޭ ބަކްޝީ އެވެ. އެންސްޕާގެ ފަރާތުން ސީއީއޯ މުޖުތަބާ ޖަލީލެވެ. އަދި އާސަންދައިގެ ފަރާތުން މެނޭޖިން ޑިރެކްޓަރު، މައުމޫނު އަބްދުއްސަމަދު އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، ކެންސަރު ބައްޔަށް ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކު ކޮންމެ އަހަރަކު އެތައް ހޭދައެއް ކުރަމުންދާއިރު، އެ ފަރުވާ ރާއްޖޭގައި ތިބެގެން ލިބޭނެ މަގު ފަހިކޮށްދެވޭ ކަމީ ސިއްހީ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މަނިޕާލް ހޮސްޕިޓަލާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލުން ދޭ ފެންވަރުގެ ކެންސަރުގެ ފަރުވާ ރާއްޖެއިން ލިބޭގޮތް ވުމުން ރާއްޖެއިން ބޭރަށް ކޮންމެ އަހަރަކު ދާ އެތައް ދިވެހިންނަކަށް ލުއި ލިބިގެންދާނެ ކަމަށާއި އެއީ ސިއްހީ ދާއިރާއަށް މިސަރުކާރުން ކަނށައަޅާފައިވާ އެންމެ މުހިއްމު ލަނޑުދަނޑި ތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިދިޔަ އަހަރު އެކަނިވެސް 912 މީހުން ކެންސަރަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަސް ގޮސްފައިވޭ. އަދި 550 މީހުންނަކީ ހަމައެކަނި ކީމޯ ތެރަފޕީއަށް ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހުން، ކެންސަރު ބައްޔަށް އާސަންދައިގެ ދަށުން ދާ ކޮންމެ މީހަކަށް ގާތްގަނޑަކަށް 75-80 ހާހާ ދެމެދުގެ އަދަދެއް އާންމުކޮށް ހަރަދުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު އެކަނިވެސް އާސަންދައިގެ ދަށުން ކެންސަރަށް ފަރުވާކުރުމަށް 60 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އިޝާރާތްކުރައްވާ މިނިސްޓަރު ނާޒިމް ވިދާޅުވީ، ރާޢްޖޭގައި ކެންސަރުގެ ފަރުވާ ފެށުމުން އެ ހަރަދުންވެސް ބޮޑު ބައެއް ސަލާމަތްކުރެވޭނެ ކަމަށެވެ. މިދިޔަ އަހަރު އާސަންދައިގެ ދަށުން ކެންސަރަށް ފަރުވާ ހޯދަން ދިޔަ މީހުންގެ ޓިކެޓަށް އެކަނިވެސް 11 މިލިއަން ރުފިޔާ އަރާފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި ތިބި ކެންސަރު ބަލިމީހުންގެ ހާލަތު ރަނގަޅުގޮތެއްގައި ދެނެގަނެ މޮނިޓާ ކުރުމަށް ކެންސާ ޑޭޓާބޭސް އެއް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަނިޕާލް ހޮސްޕިޓަލްގެ ސީއީއޯ އަޖޭ ބަކްޝީ ވިދާޅުވީ، އެ ހޮސްޕިޓަލަކީ މިހާރުވެސް ދިވެހިންގެ ގިނަ ބަޔަކު ކެންސަރަށް ފަރުވާ ހޯދަން ދާ ހޮސްޕިޓަލަކަށް ވުމުން، ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދޭނެ ފެށުމުން އެ ހޮސްޕިޓަލަށް ފަރުވާ ހޯދަން ދާ މީހުންގެ ނިސްބަތް މަދުވާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ލިބޭ ގެއްލުމެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެހޮސްޕިޓަލުން އިސް ނަގައިގެން ހުޅުމާލެ ހޮސްޕިޓަލާއެކު ފަށާ މަސައްކަތަކީ ދެ ފަރާތަށް ވެސް ފައިދާކުރާނެ ކޮލިޓީ މަސައްކަތަކަށް ވާނެ ކަމަށެވެ.

އަޖޭ ވިދާޅުވީ "ކުރިއަށް އޮތް ހަތަރު ވަރަކަށް މަސް ތެރޭ، އަންނަ ނޮވެމްބަރު މަހު ސެންޓަރު ހުޅުވޭނެ ކަމަށް މި ލަފާކުރަނީ، އެއާ އެކު ކީމޯ ރޭޑިއޭޝަން ތެރަޕީ ދޭން ފަށާނެ،" ކަމަށެވެ.

ހުލުމާލެ ހޮސްޕިޓަލުގައި ކެންސަރު ސެންޓަރެއް ގާއިމްކުރި ނަމަވެސް އައިޖީއެމްއެޗްގައި މިހާރު ދެމުންދާ ފަރުވާތައް މިހާރެކޜވެސް އެއްގޮތަށް އެ ހޮސްޕިޓަލުންވެސް ދެމުންދާނެ އެވެ. ސަރުކާރުގެ ހޭދައެއް ނެތި ޕަނިޕާލް ހޮސްޕިޓަލްގެ އިސްނެގުމާއެކު ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމްކުރަން މިއަދު ސޮއިކުރި އެ ސެންޓަރު ހުޅުވުމަށްފަހު ފުރަތަމަ ތިން މަސް ދުވަހު އެތަނުގައި ފަރުވާ ދޭނީ މަނިޕާލް ހޮސްޕިޓަލުގެ ޑޮކްޓަރުންނެވެ. އެ ދުވަސްތަކުގައި ދިވެހި ޑޯކްޓަރުންނާއި ނަރުހުންނަށް ފަރުވާދޭ ގޮތުގެ ތަމްރީނުތައް ކުރިއަށްދާނެ އެވެ.

ހުޅުމާލެ ކެންސަރު ސެންޓަރުގައި ދޭނީ ކެންސަރު ޖެހުމުން ކުރާ އޮޕަރޭޝަންތަކަށްފަހު ދޭ ކީމޯ ރޭޑިއޭޝަން ތެރަޕީތަކެވެ. އެ ސެންޓަރު ފަށަން ނިންމާފައިވަނީ 10 އެނދާ އެކު އެވެ.