ވިޔަފާރި

އަންނަ މަހުން ފެށިގެން ބާ ނޫޓު ބޭނުން ނުކުރެވޭ ގަރާރު ނެރެފި

Jul 21, 2016
2

އަންނަ މަހުގެ އެކަކުން ފެށިގެން ފައިސާގެ މުއާމަތާތްތަކަށް ބާ ނޫޓު ބޭނުން ނުކުރެވޭ ގޮތަށް ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި، ގަރާރު ރައީސް އޮފީހުން މިއަދު ގެޒެޓްކޮށްފި އެވެ.

ބާ ނޫޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ނެރެފައިވާ 2ރ، 10ރ، 20ރ، 50ރ، 100ރ، އަދި 500ރ. ގެ ކަރުދާސް ނޫޓުތަކެވެ. -- މިތާނގައި ބަޔާންކޮށްފައިވާ 2ރ އަކީ އެންމެ ކުރިން ނެރެފައިވާ އެ އަދަދުގެ ކަރުދާސް ނޫޓަށެވެ --

އެ ގަރާރުގައި ބުނެފައިވަނީ، މަތީގައި ބަޔާން ކޮށްފައިވާ ފައިސާގެ ނޫޓް ތަކަކީ ރާއްޖޭގެ ލީގަލް ޓެންޑާ ނުވަތަ ގާނޫނުން ހުއްދަކުރާ ފައިސާ ނޫން ކަމަށް ކަނޑައަޅައި ދިނުމަށް މަރުކަޒީ ބޭންކުން ދީފައިވާ ލަފައާ އެއްގޮތަށް މިއަހަރުގެ އޮގަސްޓު މަހުގެ އެކަކުން ފެށިގެން އެ ނޫޓުތަކަކީ ރާއްޖޭގެ ލީގަލް ޓެންޑާގެ ގޮތުގައި ބޭނުންކުރެވޭނެ ފައިސާ ނޫން ކަމުގައި ހަމަޖައްސަވާފައިވާ ކަމަށެވެ.

އަންނަ މަހުގެ އެކަކުން ފެށިގެން ބާ ނޫޓުތައް ބޭނުން ނުކުރެވޭ ގޮތަށް ކަނޑައަޅާފައިވާއިރު، އަދިވެސް އެތައް މިލިއަން ރުފިޔާގެ ބާ ނޫޓުތައް އެމްއެމްއޭ އަށް ލިބިފައި ނުވާކަން އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފަ އެވެ.

ބާ ނޫޓުތައް ބޭނުންކުރަން ދީފައިވާ މުއްދަތު ހަމަވުމަށްފަހު ވެސް ކުރިއަށް އޮތް އެއް އަހަރަށް ބޭންކް ތަކުން އެ ފައިސާ ބަލައިގަންނާނެ އެވެ. އަދި ފަސް އަހަރާ ހަމަޔަށް އެމްއެމްއޭ އިން ވެސް އެ ފައިސާ ބަލައިގަންނާނެ އެވެ.