އުރީދޫ

އުރީދޫގެ ފުރަތަމަ ޑިޖިޓަލް އައިލެންޑަކަށް ނ. ލަންދޫ

ނ. ލަންދޫގައި އުރީދޫ ޑިޖިޓަލް އައިލެންޑް އިނީޝިއޭޓިވް އިފްތިތާހު ކުރުމާއެކު، އޭއައިގެ އެހީގައި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އުރީދޫ މޯލްޑިވްސް އިން ކުރާ މަސައްކަތުގެ ބޮޅެއް އިތުރުވީ އެވެ.

މި މަސައްކަތަކީ އުރީދޫއިން މުޅި ރާއްޖޭ އެއްކޮށް ޑިޖިޓަލް މޯލްޑިވްސް އަކަށް ހަދައި ހުރިހާ ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަކީވެސް މިކަމުގައި ޝާމިލްވާ ބަޔަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން މުހިއްމު މަސައްކަތެކެވެ.

ނ.ލަންދޫ ކައުންސިލާ ގުޅިގެން އުރީދޫ އިން އިސްނަގައިގެން އެ ރަށުގެ އިޖުތިމާއީ އަދި އިގްތިސާދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާނެ އެވެ. ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ހާއްސަކޮށް ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ވިޔަފާރި ފަދަ ނާޒުކު ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދިނުމެވެ.

އުރީދޯ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމްގެ އިފްތިތާހީ ރަށެއްގެ ގޮތުގައި ނ. ލަންދޫ ކަނޑައެޅުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް، އެމް-ފައިސާ، ލަންދޫ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ތެރެއަށް މިދިޔަ އަހަރު އިންޓަގްރޭޓް ކުރުމަކީ ރަށުގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ފާހަގަކޮށްލެވޭ ގޮތުގައި އުރީދޫ މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ 80 އިންސައްތަ އަކީ ޑިޖިޓަލްކޮށް ކުރެވޭ މުއާމަލާތްތައް،" ހާލިދު ވިދާޅުވި އެވެ.

ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު ވިދާޅުވީ އުރީދޫ މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށް ގެންދާ މި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ޓެކްނޮލޮޖީގެ ބޭނުން ހިފައި، ރަށުގެ ރައްޔިތުންނަށް އާންމު ހިދުމަތްތަކާއި، މުޅި ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި، އަޅުގަނޑުމެންގެ ކައުންސިލްގެ ވަރަށް ބޮޑު އަމާޒެއް އެބައޮތް. އުރީދޫ މޯލްޑިވްސްއާ ގުޅިގެން މަސައްކަތްކޮށްގެން ލަންދޫގެ ރައްޔިތުންނަށް އިތުރު ފައިދާއެއް ކުރާނެ އާ ޒަމާނުގެ ޑިޖިޓަލް ސޮލިއުޝަންތަކެއް ތައާރަފްކުރެވޭނެ ކަމަށް އުއްމީދު ކުރަން،" އަޒީޒް ވިދާޅުވި އެވެ.
.
އުރީދޫ މޯލްޑިވްސްގެ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު އީޖާދީ ހިދުމަތްތަކުގެ ބޭނުން ހިފައި، އޭއައިގެ އެހީގައި އާ ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމިއޮންނާނެ ކަން ކަށަވަރުކޮށް، ޑިޖިޓަލް މި ޒަމާނުގައި އެންމެ ފަހުގެ ކުރިއެރުންތައް ރައްޔިތުންނަށް ލިބޭނެ ކަން ކަށަވަރުކޮށްދޭ ކަމަށް އުރީދޯ މޯލްޑިވްސް އިން ބުނެ އެވެ.