ދުނިޔެ

މިއުނިކްގެ ޝޮޕިން މޯލެއްގައި ބަޑި ޖަހައި އެތައް ބަޔަކު މަރާލައިފި

Jul 23, 2016

ޖަރުމަނުގެ މިއުނިކްގެ ޝޮޕިން މޯލެއްގައި ބަޑިން ހަމަލާދީ، ހަ މީހުންނަށް ވުރެ ގިނަ މީހުން މަރާލައި އެތައް ބަޔަކު ޒަހަމްކޮށްލައިފި އެވެ.

ބަޑި ހިފައިގެން ހުރި މީހާ ވަނީ، މިއުނިކްގެ އޮލިމްޕިއާ މޯލްތެރެއަށް ވަދެ ބަޑި ޖަހައި، 15 ވަރަކަށް މީހުން މަރާލާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މަރާލާފައި ވަނީ 10 މީހުންނެވެ. އަދި މަރުވީ ހަމީހުން ކަމަށާއި އެތައް ބަޔަކު ޒަހަމްވި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު އަދި ކަށަވަރެއް ނުވެ އެވެ.

މި ހަމަލާ ދިނީ ކޮން މަގުސަދެއްގައި ކަމެއް ވެސް އަދި ނޭނގެ އެވެ. ޖަރުމަނުގެ ފުލުހުން މޯލް ހުރި ސަރަހައްދު ބަންދުކޮށްފައިވާ އިރު ބަޑި ޖެހި މީހާ އެތައް ބަޔަކު މަރާލުމަށް ފަހު ފިލާފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށް ދާއިރު ފުލުހުން ވަނީ އާންމުން ސަމާލުވުމަށް އެދިފަ އެވެ.

މި ހަމަލާއާ އެކު، މިއުނިކް އަށް އިތުރު ޓެރަރިސްޓް ހަމަލާއެއް ދޭން ރާވާފައިވާ ކަމުގެ މައުލޫމާތާ އެކު، މުޅި ސިޓީ ވަނީ އެލާޓަށް ގެނެސް، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން ރޭލް ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައި، ރޭލް ސްޓޭޝަންތައް ވަނީ ހުސްކޮށްފަ އެވެ. އަދި އަސްކަރިއްޔާގެ އެކި ޔުނިޓްތަކާއި ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ހިދުމަތްތައް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ. މުޅި ސިޓީގެ ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަކޮށް މުހިންމު ސަރަހައްދުތަކުގައި ސިފައިން އަންނަނީ ފޯރި މަރަމުންނެވެ.

މިދިޔަ ހަފްތާ ވެސް ޖަރުމަނުގެ ރޭލެއްގެ ތެރޭގައި ޒުވާން ކުއްޖަކު ވަނީ ކޯރާޑިއަކުން ރޭލުގައި ތިބި މީހުންނަށް ހަމަލާދީ އެތައް ބަޔަކު ޒަހަމްކޮށްލައިފަ އެވެ.