ދުނިޔެ

ޖަރުމަނުގައި ރޭ ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 10 އަކަށް

Jul 23, 2016

ޖަރުމަންގެ މިޔުނިކްގެ ވިޔަފާރި މަރުކަޒެއްގެ ކައިރީ ރޭ ހިނގި ބަޑި ޖެހުމުގެ ހަމަލާގައި 10 މިހުން މަރުވެ 21 މީހުން ޒަހަމް ވެފައިވަ ކަމަށް ޖަރުމަންގެ ފުލުހުން ބުނެފިއެވެ.

މިޔުނިކްގެ ފުލުހުންގެ ޗީފް ހިބާޓްސް އެންޑްރޭ ވިދާޅުވީ މި ހަމަލާ ދިނީ 28 އަހަރުގެ ޖަރުމަން-އިރާންގެ ޒުވާނެއް ކަމަށެވެ.

ފަހުން އެކަހެރި ހިސާބެއްގައި އޭނާ މަރުވެފައި ވަނިކޮށް ފެނިފައިވާ ކަމަށާއި ބެލެވޭ ގޮތުގައި އޭނާ މަރުވީ އަމިއްލަ ގަޔަށް ބަޑި ޖަހައިގެން ކަމަށް އެންޑްރޭ ވިދާޅުވި އެވެ.

މިޔުނިކަށް ނިސްބަތްވާ އެ ޒުވާނާ އަތުގައި ޖަރުމަނާއި އީރާންގެ ޕާސްޕޯޓްވެސް އޮންނަ ކަމަށާއި މީގެ ކުރިން ކުށުގެ ރެކޯޑެއްވެސް ނެތް ކަމަށް އެންޑްރޭ ވިދާޅުވި އެވެ.

"މިހަމަލާގައި އިތުރު މީހަކު ބައިވެރިވާ ކަމުގެ ހެއްކެއް އަދި އަހަރެމެން އަތަކު ނެތް. އަދި މި ހަމަލާ ދިނުމުގެ ސަބަބަކީ ކޮބައިކަމެއްވެސް އަހަރެމެންނަށް ސާފެއް ނުވޭ،" އެންޑްރޭ ވިދާޅުވިއެވެ.

ނަމަވެސް ފުލުހުން ވަނީ ހަމަލާއަށް ފަހު މަންޒަރު ދުށް މީހުންގެ ހެކިބަހަށް އިތުރު މީހުން ހޯދުމަށް މިޔުނިކްގައި ހަރަކާތްތެރިވެފައެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ ހަމަލާގައި ތިން މީހަކު ބައިވެރިވެފައިވާ ކަމަށާއި އެމީހުން ތިބީ ބޮޑެތި ބަޑިތަކެއް ހިފައިގެން ކަމަށެވެ.