ދުނިޔެ

ހިލަރީގެ ރަނިންމޭޓަކަށް ވާޖިނިއާގެ ސެނެޓާ ޓިމް ކެއިން

Jul 23, 2016

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވަދަ ކުރާ ޑިމޮކްރެޓިކް ޕަޓީގެ ރިޔާސީ ކެޑިޑޭޓް ހިލަރީ ކްލިންޓަންގެ ރަނިންމޭޓަކަށް ވާަޖިނިއާގެ ސެނެޓާ ޓިމް ކެއިންގެ ނަން އިއުލާކުރައްވައިފިއެވެ.

ހިލަރީ އޭނާގެ ސަޕޯޓަރުންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އަހަރެންގެ ރަނިންމޭޓަކަށް ސެނެޓާ ޓީމް ކެއިން ހަމަޖެއްސެވުމަކީ ލިބޭ އުފަލެއް ކަމަށާއި އެކަން އެންމެ ފުރަތަމަ ސަޕޯޓަރުންނާ ހިއްސާ ކުރާ ކަމަށެވެ.

އެ މެސެޖަށް ފަހު ހިލަރީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓިމް ކޭންއަކީ އެހެން މީހުންގެ ހައްގުގައި މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ބޭނުންފުޅުވެ ވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އޭނާގެ ދިރިއުޅުން ވަނީ އެކަމަށް ހުސް ކުރައްވާފަ ކަމަށެވެ.

"ހައްލު ނުވެ އޮތް ކަމެއް ހަައްލު ކުރަން ކެއިންއާ ހަވާލުކޮށްފިނަމަ، އޭނާ އެކަން ހައްލު ކުރައްވާނެ ކަމާމެދު ޝައްކު ނުކުރައްވާ،" ހިލަރީ ވިދާޅުވި އެވެ.

މީގެ ކުރިން އެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ހިލަރީ ވިދާޅުވެފައިވަނި ކެއިން އަކީ ދުނިޔޭގެ ފެންވަރުގެ މޭޔަރެއް އަދި ސެނެޓާއެއް ކަމަށެވެ.

"ކެއިންގެ ދިގު ސިޔާސީ ހަޔާތުގައި މިހާތަނަށް އިންތިހާބެއްގައި ނާކާނިޔާބުވެ ވަޑައިގެންފައެއް ނެތް. އޭނާއަކީ ދުނިޔޭގެ ފެންވަރުގެ މޭޔަރެއް އަދި ގަވަރުނަރެއް އަދި ސެނެޓާއެއް،" ހިލަރީ ވިދަޅުވެފައިވެއެވެ.

އުމުރުން 58 އަހަރުގެ ކެއިން ސިޔަސީ ދާއިރާއަށް ވެންނެވުމުގެ ކުރިން އޭނާއަކީ މަދަނީ ހައްގުތަކަށާއި ބޯހިޔާ ވަހިކަމުގެ ހައްގު އިންސާފުވެރި ކަމާއެކު ފޯރުކޮށް ދިނުމަށް ގޮވާލައްވާފައިވާ ބޭފުޅެކެވެ.