އިނގިރޭސި ވިލާތުން އިންޑިއާ އިސްތިއުމާރު ކުރި ދުވަސްވަރު އިންޑިއާއިން ގެންދިޔަ ކޮހިނޫރު ޑައިމަންޑްގެ ތާޖު އަލުން އަބުރައި އިންޑިއާއަށް ގެނައުމަށް ހުށަހެޅުމަށް އިންޑިއާއިން ތައްޔާރުވެއްޖެ އެވެ.
'ކޮހިނޫރު ޑައިމަންޑަކީ ދުނިޔޭގެ އެންމެ ބޮޑު ޑައިމަންޑް ސެޓެވެ. ކޮހިނޫރު ތާޖު މިހާރު ހުރީ ލަންޑަންގެ ޓަވަރުގައި ދައްކާލަން ބަހައްޓާފަ އެވެ.
އެޑައިމަންޑް ސެޓް އަލުން އަނބުރައި އިންޑިއާއަށް ގެނައުމަށް އިނގިރޭސިން ހުށަހެޅުމަށް ނިންމީ އިންޑިއާ ސަރުކާރުގެ އެންމެ މަތީ ފަންތީގެ ކޮމިޓީއަކުންނެވެ.
އިންޑިއާގެ ކެބިނެޓްގެ ވަޒީރުން ހިމެނޭ ކޮމިޓީން ނިންމާފައިވަނީ އެމައްސަލަ ރަސްމީކޮށް އަންނަ މަހު އިނގިރޭސި ވިލާތަށް ހުށަހެޅުމަށެވެ.
މީގެ އިތުރަށް އެ ކޮމިޓީ އިން އިއްޔެ ބޭއްވި ބައްދަލުވުމުގައި، ނިންމާފއި ވަނީ، ސަގާފީ ތަރިކަތައް ބަދަލު ކުރުމާ ގުޅޭ މުއާހަދާއެއްގައި އިނގިރޭސި ވިލާތާއެކު ސޮއި ކުރުމަށެވެ. އަދި އެ މުއާހަދާ އެކުލަވާލަން ޖެހޭނީ ކޮހިނޫރު ޑައިމަންޑް އެނބުރި އިންޑިއާއަށް ގެނެވޭ ގޮތަށް ކަމަށް ވެސް އެ ކޮމިޓީ އިން ވަނީ ނިންމައިފަ އެވެ.
ކޮހިނޫރަކީ 108 ކެރޮޓްގެ ބަރުދަން ހުރި ޑައިމަންޑެކެވެ. މިކޮމިޓީއިން އެ ޑައިމަންޑް އަލުން އަނބުރާ އިންޑިއާޔަށް ގެނައުމަށް ފިޔަވަޅުތަކެއް އެޅުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ނިންމަވައިފަ އެވެ.
އިނގިރޭސި ބޮޑުވަޒީރު ކަމުން ދާދި ފަހުން ވަކިވި ޑޭވިޑް ކެމަރަން، 2010 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެކަމާ ބޭހޭގޮތުން ވިދާޅުވެފައިވަނީ "ކޮހިނޫރު ޑައިމަންޑް އަނބުރައި ގެންދަން އިންޑިއާއިން ނިންމައިފނަމަ ލަންޑަންގެ ދާރުލްއާސާރު ފަޅުވާނެ" ކަމަށެވެ.
އިންޑިއާގެ ގިނަ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި "ކޮހިނޫރު ޑައިމަންޑަކީ އިނގިރޭސިން އިންޑިއާއިން ފައިބައިގެން ދިޔައިރު ވަގަށް ގެންދިޔަ" އެއްޗެކެވެ.
ނަމަވެސް މިއަހަރުގެ އޭޕްރީލް މަހު އިންޑިއާ ސަރުކާރުން އެ ގައުމުގެ ސްޕްރިމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ "ކޮހިނޫރު ގަދަކަމުން ނުވަތަ ވަގަށް ވެސް އިންގިރޭސިން ނުގެންދާ" ކަމަށާއި އެއީ ޕަންޖާބްގެ އޭރު އޮތް ސަރުކާރުން އީސްޓް އިންޑިއާ ކުންފުންޏަށް ދިން ހަދިޔާއެއް" ކަމަށެވެ.
އިންޑިއާ މިނިވަން ވުމުގެ ކުރިންވެސް އިންޑިއާއިން ވަނީ އެ ޑައިމަންޑް ސެޓް އަނބުރައި ހޯދުމަށް މަސައްކަތް ކޮށްފަ އެވެ.
މިއަހަރުގެ މާޗް މަހު އިންޑިއާގެ ސަގަފާތާ ބެހޭ ވަޒީރު މަހޭޝް ޝަރުމާ ވިދާޅުވެފައިވަނީ "ކޮހިނޫރު އަލަން އަނބުރައި އިންޑިއާއަށް ގެނައުމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއިން ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށެވެ.