ދުނިޔެ

ސައުދީގައި މިއަހަރު 100 އަށް ވުރެ ގިނަ މަރުގެ ހުކުމް ތަންފީޒު ކޮށްފި

Jul 23, 2016

ސައުދިއަރަބިއްޔާގައި މަރުގެ ހުކުމް އިއްވާފައި ތިބި މީހުންގެ ތެރެއިން މިއަހަރުގެ މިހާތަނަށް 100 އަށް ވުރެ ގިނަ މީހުންނަށް އަދަބު ތަންފީޒުކޮށްފި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މަރުގެ ހުކުމް ތަންފީޒުކުރި އަދަދަށްވުރެ ގިނަ އަދަދެކެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީ އާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ ހުކުރު ދުވަހު ތަންފީޒުކުރި މަރުގެ ހުކުމްތަކާއެކު އެހުކުމް ތަންފީޒުކުރި މީހުންގެ އަދަދުވަނީ 101 އަށް އަރާފަ އެވެ.

ސައުދީގައި މަރުގެ އަދަބު ދެނީ ހައްގަކާއި ނުލާ މީހުން މަރާ މީހުންނަށާއި، ޑްރަގް ޓްރެފިކް ކުރުން، ފޭރުން، ރޭޕް ކުރުން އަދި ދީނުން ބޭރުވާ މީހުންނަށެވެ. އާންމުގޮތެއްގައި އެގައުމުގައި މަރުގެ ހުކުމް ތަންފީޒުކުރަނީ ބޯ ކަނޑާލައިގެންނެވެ. މިދިޔަ ހުކުރު ދުވަހު އަނެއްކާވެސް މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ މާތް ވެގެންވާ ރަމަޟާން މަހަށް މެދުކަނޑާލުމަށްފަހު އެވެ.

ސައުދީގައި މިދިޔަ އަހަރު ޖުމްލަ 158 މީހަކަށް މަރުގެ އަދަބު ތަންފީޒުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޝީއީންގެ އިމާމެއްވެސް ހިމެނެ އެވެ.