ހަވީރުން ހޮވި 2014 ވަނަ އަަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަކީ އެ މަގާމު ލިބުނު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ހައްގުވާ މަގާމެއް ކަމަށާއި އަސަދުﷲ ނޫން ކުޅުންތެރިޔަކަށް މި މަގާމު ހައްގުނުވާ ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ސީޒަންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ދޭ ހަވީރު ރަންބޫޓު ވެސް ހާސިލްކުރި އަސަދުﷲއާ މޮޅު ކުޅުންތެރިއާގެ މަގާމަށް އެންމެ ގާތުން ވާދަކުރީ ނިއު ރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ އަށް ދެވަނަ މަގާމު ލިބުނުއިރު، ތިން ވަނަ އަށް ދިޔައީ ކްލަބް އީގަލްސްގެ އިސްމާއިލް އީސާ (މެސީ) އެވެ. މި މަގާމު އަސަދުﷲ އަށް ލިބުމާއެކު، ކޮންމެ ވެސް ވަރަކަށް ފާޑުކިއުންތައް އަމާޒުވި އެވެ.
"ޔަގީންކުރަން ޖެހޭ އެއް ކަމަކީ އަސަދުﷲ އަކީ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަން. އެކަން ހަޖަމެއް ވެސް ކުރާނެ ކަމެއް ނެތް. އޭނައާއެކު ފޮޓޯއެއް ނަގަން ބޭނުމިއްޔާ އެ ފުރުސަތު އެ އޮތީ ހުޅުވިފައި،" އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި އިއްޔެ ފިލިޕީންސްގެ ޗެރަސް އަތުން މާޒިޔާ މޮޅުވި މެޗަށް ފަހު ސުޒޭން ބުންޏެވެ. "އަސަދުﷲ ނޫން ކުޅުންތެރިޔަކަށް އެ މަގާމު (2014) ގައި ނުލިބޭނެ."
ސުޒޭން ބުނީ މި އަހަރު ވެސް ރާއްޖޭގައި މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަންބޫޓު މާޒިޔާގެ ކުޅުންތެރިއަކަށް ހޯދައިދޭން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ސީޒަންގައި ރަންބޫޓު ގެންދާނީ އަސަދުﷲ ނޫނީ އުމެއިރު. އެ އަމާޒަށް ކްލަބުން މަސައްކަތްކުރާނަން،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ ޗެރަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ދަނޑަށް ވަދެ ތިބި ދިވެހި ސަޕޯޓަރުންގެ ތެރެއިން "މަދު ބަޔަކު" މާޒިޔާއާ ދެކޮޅަށް ތިބުމަކީ ދަށް ފެންވަރެއްގެ ކަމެއް ކަމަށެވެ.
"އެގޮތަށް ބުލީ ކުރާ ގޮތަށް، ހަޅޭ ލެވުމަކީ ވަރަށް ދަށު ދަރައިގެ އަމަލެއް. ފުޓްބޯޅަ ކުރިއަރުވަންޏާ މިކަންތައް އެބަޖެހޭ ހުއްޓާލަން. މަދު ބަޔަކު މި ކުރާ ދަށު ދަރަޖައިގެ ކަންތައްތައް އެފްއޭއެމް އިން ވެސް އެބަޖެހޭ ހުއްޓުވަން،" ސުޒޭން ބުންޏެވެ. "މިއަދު އިދިކޮޅު މި އޮތީ ރާއްޖެއާ އެންމެ ވާދަވެރި އެއް ގައުމު ކަމަށްވާ ފިލިޕީންސްގެ ޓީމެއް. ޗެލެންޖް ކަޕުން ރާއްޖެ ކަޓައިގެން ދިޔައީ ވެސް ފިލިޕީންސް އަތުން. ފުޓްބޯޅަ އަށް ނުވިސްނާ މި ގޮތަށް މި ހަޅޭލަވާނީ. ހިތްހަމަނުޖެހެންޏާ ދަނޑަށް ނުވަންނާނީ. ދަނޑަށް ވަދެ ދިވެހި ކުޅުންތެރިންނަށް ފުއްސާރަ ކުރުމަށް ވުރެ ރަނގަޅު ވާނެ. ނޫ ކުލަވިޔަސް ކޮންމެ ކުލަޔެއްވިޔަސް މިއީ ވަަރަށް ދަށް ފެންވަރު ކަމެއް."