ދުނިޔެ

445 މިލިއަން ޑޮލަރުގެ ކޮރަޕްޝަން، އައިއެމްއެފްގެ ވެރިޔާ ހޫނު ފެނަށް

Jul 23, 2016

އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ އިސްވެރިޔާ އަދި މެނޭޖިން ޑިރެކްޓާ ކްރިސްޓީން ލެގާޑް ނާޖާއިޒް ފައިދާ ހޯދުމުގެ ގޮތުން ހިންގާފައިވާ ކަމަސް ތުހުމަތު ކުރެވޭ، 445 މިލިއަން ޑޮލަރު މުއާމަލާތްތަކަކާ ގުޅޭ ކޮރަޕްޝަން މައްސަލައެއްގައި ދައުވާ ކުރުމަށް ފްރާންސްގެ ކޯޓަކުން ނިންމައިފި އެވެ.

ލެގާޑްގެ މައްޗަށް ކުރެވޭ ތުހުމަތަކީ ފްރާންސްގެ މަހުޖަނެއް ކަމަށްވާ ބާނާޑް ޓައިޕޭއަށް 445 މިލިއަން ޑޮލަރުގެ ދޫކުރި މައްސަލައެކެވެ.

ދެހާސް އަށް ވަނަ އަހަރު ޓައިޕޭ ވަނީ ކުޅިވަރު ސާމާނު އުފައްދާ މަޝްހޫރު ކުންފުނި އެޑިޑާސްއިން އޭނާ ގަތް ސާމާނުގެ އަގު، މާކެޓްގައި ދަށްކުރި ކަމަށް ބުނެ، ދައުވާކޮށްފަ އެވެ. އެ ދައުވާއާ ގުޅިގެން، އޭރު ފްރާންސްގެ ފިނޭންސް މިނިސްޓަރަކަށް ހުންނަވައި ލެގާޑް ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް އެފައިސާ ޓައިޕޭއަށް ދޫކޮށްފައެވެ.

ލެގާޑޭގެ މައްޗަށް އުފުލާފައިވަނީ ނުހައްގުން ރައްޔިތުންގެ ފަނޑުން ފައިސާ ހޭދަ ކުރި ކަމުގެ ދައުވާއެވެ.

މިއަހަރު ޖަނަވަރީ މަހު އައިއެމްއެފްގެ އެމްޑީ ކަމަށް ދެވަނަ ދައުރަކަށް އިންތިހާބުވި ލެގާޑްގެ ވަކީލް ޕެޓްރިކް މައިސޮންނެވޫ ވިދާޅުވީ "މިމައްސަލަ އިތުރަށް ބަލައިފިނަމަ ލެގާޑްގެ ކުށެއް ނެތް ކަން ސާބިތު ވާނެ" ކަމަށެވެ.

މިމައްސަލަ ލެގާޑްގެ މައްޗަށް ސާބިތު ވެއްޖެނަމަ އޭނާ އެއް އަހަރަށް ޖަލަށް ލުމަށް ހުކްމުކޮށް 15000 ޔޫރޯއިން ޖޫރިމަނާ ކުރާނެއެވެ.

މީގެ ކުރިން ވެސް އައިއެމްއެފްއާ އިސްވެރިންގެ މައްޗަށް ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވެ އެވެ. އައިއެމްއެފްގެ ތަރުޖަމާން ގެރީ ރެއިސް ވިދާޅުވީ އައިއެމްއެފްގެ ބޯޑްގައި އެކަމާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށެވެ. އަދި އޭނާ ބުނި ގޮތުގައި، ބޯޑުން ގަބޫލު ކުރަނީ އެ މައްސަލައިން ލެގާޑް ސަލާމަތް ވާނެ ކަމަށެވެ. އަދި ބޯޑުން އޮތީ ލެގާޑްއާ އެކު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.