މީގެ އަށް ވަރަކަށް އަހަރު ކުރިން މާލޭގައި ބޭއްވި ޒޯން ޗެމްޕިއަންސް ލީގް ފުޓްބޯޅަ މުބާރާތަކީ ފުޓްބޯޅައިގައި ގިނަ ތަރިންތަކެއް އުފަންކުރި މުބާރާތެކެވެ. ރާއްޖެއަށް ފުޓްބޯޅައިން ރަންމެޑަލެއް ހޯދައިން ދިން ލަނޑު 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި ކާމިޔާބު ކުރީ ޒޯން މުބާރާތުގައި ރަސްދޫ ޓީމުން ވިދާލި މުހްތާރު ނަސީރު (ޓޫކިލޯ) އެވެ. މިއީ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ކާމިޔާބީގެ އެއް މިސާލެވެ.
ޒޯން ފުޓްބޯޅަ މުބާރާތް ބޭއްވުން ހުއްޓި އަތޮޅު ފުޓްބޯޅައިގެ ވިދުން ފަޑުވީއެވެ. އަހަރުތަކެއް ފަހުން އެފްއޭއެމުން އިއުލާން ކުރީ ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މުބާރާތެވެ. މިނިވަން ޗެމްޕިއަންޝިޕް ނަމުގަ އެވެ. މިއާއެކު އަތޮޅު ފުޓްބޯޅައިގެ ފޯރި އިތުރުވާން ފަށައިފިއެވެ.
މިނިވަން ޗެމްޕިއަންޝިޕް، ޕްލޭންކޮށް، ހަގީގީ ކުލަޖައްސައި އެ މުބާރާތުގެ މަގްސަދަކަށް އެފްއޭއެމްއިން ނިންމީ ގައުމީ ޓީމަށް ބޭނުންވާނެ ހުނަރުވެރި ކުޅުންތެރިން ހޯދުމެވެ. މީގެ އިތުރަށް ފުރަތަމަ ޑިވިޝަންގެ ކުލަބުތަކުގެ ލޯތައް މިނިވަން ޗެމްޕިއަންޝިޕްގެ ކުޅުންތެރިންނަށް އަމާޒު ކުރުމަކީވެސް މިނިވަން ޗެމްޕިއަންޝިޕުން އެފްއޭއެމް ބަލަން ބޭނުވާ އެއް މަންޒަރެވެ.
އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވާ ގޮތުންނަމަ، މިއީ ފުރަތަމަ ޑިވިޝަންގެ ކުލަބުތަކުގެ ސްކައުޓް ޕްރޮގްރާމެވެ.
"ކުލަބުތަކުގެ ވަސީލަތްތަކާއި މާލީ ތަނަވަސްކަން ހުރި ގޮތުން ދިވެހި ކުލަބުތަކަކީ ރަށްރަށަށްގޮސް އެ ކުލަބުތަކަށް ކުޅުންތެރިން ހޯދުމަށް ސްކައުޓް ޕްރޮގްރާމްތައް ހިންގައިގެން ކުޅުންތެރިން ހޯދުމުގެ ގާބިލު ކަން ހުރި ކުލަބުތަކެއް ނޫން. އެހެންވެ މިމުބާރަތަކީ ހުނަރުވެރި އާ ކުޅުންތެރިން ދެނެގަތުމަށް އޮތް ރަނގަޅު ޕްލެޓްފޯމެއް" ޓޮމް ވިދާޅުވިއެވެ.
ކުލަބުތަކާ ހަމަޔަށް އެކުޅުންތެރިން ވާސިލުކޮށް ދިނުމަށްޓަކައި އެފްއޭއެމްއިން ވަނީ މިނިވަން ޗެމްޕިއަންޝިޕްގައި މެކޭނިޒަމްތަކެއް ރާވާފައެވެ. އެގޮތުން މެޗް ކުޅޭ ކޮންމެ ރަށެއްގައި އެފްއޭއެމްގެ ޓެކްނިކަލް އޮފިޝަލަކު މެޗް އޮބްޒާވް ކުރުމަށް ހަރަކާތްތެރިވާނެ ކަމަށް ޓޮމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވިސްނުން ހުރީ މުބާރާތުން ފާހަގަ ކުރެވޭ ކުޅުންތެރިން ގެނެސް މާލޭގައި ވާދަވެރި ދެ މެޗެއްވަރު ކުޅުވައި ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް އެ ކުޅުންތެރިންގެ ކުޅުމުގެ ފެންވަރު ވަޒަން ކުރުމުގެ ފުރުސަތު ހޯދައިދިނުން" ޓޮމް ވިދާޅުވިއެވެ.
އެފްއޭއެމްއިން މިނިވަން ޗެމްޕިއަންޝިޕްގެ ތައާރަފުކުރުމުގެ އަނެއް ބޭނުމަކީ މާލެ އާދެވެން ނެތް ކުޅުންތެރިންނަށް ވާދަވެރި މަހައުލެއްގައި މެޗްތަކެއް ކުޅުމުގެ ފުރުސަތު ތަނަވަސްކޮށްދީ އެ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް އެހީތެރިވުމެވެ.
ދިވެހި ފުޓްބޯޅައިގައި މާލެއަށް ނިސްބަތްވާ ކުޅުންތެރިން ޑޮމިނޭޓް ކުރުމުގެ ޒަމާންނިމި، މިއަދު ފުރަތަމަ ޑިވިޝަން ކުލަބުތަކުގައި އަދި ގައުމީ ޓީމުގައިވެސް ޑޮމިނޭޓް ކުރަނީ އަތޮޅުތަކަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ދެން އޮތީ އެކުޅުންތެރިންނަށް ގައުމީ ޓީމާ ހަމައަށް ވާސިލުވުމުގެ ބްރިޖް ގާއިމުކޮށްދިނުމެވެ. މެދުކެނޑުމަކަށްފަހު މިދިޔަ އަހަރު ބޭއްވި މުބާރާތުގައިވެސް ހުނަރުވެރި ކުޅުންތެރިންތަކެއް ފާހަގަ ކުރެވުނެވެ. އޭރު ގައުމީ ޓީމްގެ ކޯޗަކަށް ހުރި ނިއުޒިލޭންޑްގެ ރިކީ ހާބަޓްވެސް ވަނީ އެކަން ފާހަގަކޮށްފައެވެ. ހާބަޓްވަނީ އައްޑޫގައި މިނިވަން 50 ޗެމްޕިއަންޝިޕްގެ ސެމީފައިނަލް ދެ މެޗާއި ފައިނަލް މެޗް ބަލާފައެވެ.
އަތޮޅުތަކުން ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ގެނެސް ފުރަތަމަ ޑިވިޝަންނަށް ތާރަފްކޮށްދިންް އެއް ކޯޗަކީ ވެލެންސިއާގެ މިހާރުގެ ކޯޗް އިސްމާއީލް އާސިފް (ކުޑަހީނާ) އެވެ. މިދިޔަ ސީޒަންގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އާއި އަލީ ފާސިރު (ސެންޓޭ) އަކީވެސް ކުޑަހީނާ ހުޅުވައިދިން ދޮރުން ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅައިގައި ވާދަ ކުރާ ކުޅުންތެރިންނެވެ. މިއަދު އެކުޅުންތެރިން ތަރިންނަށްވެސް ވެއްޖެއެވެ. އެންމެންނަށް ފާހަގަ ކުރެވިއްޖެއެވެ.
ކުޑަހީނާ ބުނީ އަތޮޅު ފުޓްބޯޅަ މުބާރާތް ބޭއްވުން ހުއްޓާލުމުން، އަތޮޅުތެރޭގެ ފުޓްބޯޅަ ވީރާނާވެގެން ދިޔަކަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައިގެ ޑިވެލޮޕްމެންޓަށްވެސް އަސަރުކުރި ކަމަށެވެ.
"މިހާރުވެސް ރާއްޖޭގެ އެންމެ މަތީ ފަންތީގައި ބޯޅަކުޅެނީ އަތޮޅުތަކަށް ނިސްބަތްވާ ކުޅުންތެރިން. މެދުކެނޑުމެއް ނެތި އޭރު އެމުބާރާތް ކުރިއަށް ގެންދެވުނު ނަމަ، މިއަދު އެތައް ކުޅުންތެރިންނެއް ގަލޮޅު ދަނޑުން ތަރިންގެ ގޮތުގައި ފާހަގަ ވީސް" ކުޑަހީނާ ބުންޏެވެ.
އޭނާ ބުނީ މިދިޔަ އަހަރު މުބާރާތް އޮތް ގޮތުން މުބާރާތުގައި ވާދަ ކުރާ ޓީމުތަކަށް އަސަރު ކުރިކަމަށެވެ. އެއީ މުބާރާތް މެދުކެނޑި ދުވަސްތަކެއް ވޭތުވުމާއި މުބާރާތް ދިގުވުމުންވެސް އެއްފެންވަރެއްގައި ޓީމުތައް ހިފަހައްޓަންވެސް އުނދަގޫވި ކަން ފާހަގަ ކުރެވުނު ކަމަށެވެ.
"ރަށްރަށުން މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ މަލީގޮތުން ތަނަވަސް ބައެއް ނޫން، އެ މުބާރާތައް އެކަނި ފަންޑެއް ހޯދައިގެން ނިކުންނަނީ، މުބާރާތް މެދުކެނޑި ދިގުވެގެން ޓީމުތަކަށް އުނދަގޫވާކަން. ބައްދަލުވާ ރަށްރަށުގެ ކޯޗުން އެބަހުރި ފާހަގަކޮށްފަ" ކުޑަހީނާ ބުންޏެވެ.
މިނިވަން ޗެމްޕިއަންޝިޕުން ފުރަތަމަ ޑިވިޝަންގައި ކުޅުމުގެ ފުރުސަތު ކުޅުންތެރިންނަށް ހޯދައިދިނުމުގެ އަމާޒަކަށްވާއިރު، ކުލަބުތަކަށްވެސް މުބާރާތުގެ އެކި ސްޓޭޖުތަކުން މެޗުތައް ބަލާލުމުގެ ފުރުސަތު ތަނަވަސްވާނެ ގޮތަކަށް މުބާރާތް އިންތިޒާމް ކުރުމީ މުހިންމު ކަމެކެވެ. އެކަން ކުރެވެން އޮތީ ފުރަތަމަ ޑިވިޝަންގެ ކުލަބުތަކުގެ އޮފް ސީޒަނާ ދިމާކޮށް މުބާރާތް ބާއްވައިގެން ކަމަށް ހީނާ ވަނީ އެކަން ފާހަގަކޮށްފައެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އޮފް ސީޒަނަކީ ސްކޫލްތަކުގެ ބޮޑު ޗުއްޓީއާވެސް ދިމާވާ ދުވަސްވަރެވެ. އޮފްސީޒަނަށް މުބާރާތް އިންތިޒާމް ކުރުމުން ޓީމުތަކަށް ކުޅުންތެރިން ހޯދުމުގައިވެސް ފަސޭހަ ވެގެންދާނެއެވެ.
މިއަދު މިނިވަން ޗެމްޕިއަންޝިޕް ފެށޭއިރު، އަތޮޅު ފުޓްބޯޅަ މުބާރާތުގެ ސިސްޓަމަކީ ފުޓްބޯޅައަށް ކިހާ މުހިންމު މުބާރާތެއްކަން ދިވެހި ފުޓްބޯޅައިގެ މާޒީން ފެންނަން އެބައޮތެވެ. އެކަމަށް އިތުރު ދިރާސާއެއް ބޭނުމެއް ނުވެއެވެ. ދިގު މުއްދަތެއްގެ މެދުކެނޑުމަކަށްފަހު އަތޮޅު ފުޓްބޯޅަ މުބާރާތް ނުވަތަ މިނިވަން ޗެމްޕިއަންޝިޕް މިއަދު އެފަށަނީ އޭގެ ދެވަނަ ސިލްސިލާއެވެ. މީގެ ފައިދާ ފުޓްބޯޅައަށް ވަގުތުން ނުފެނިދާނެއެވެ. އެއީ ކޮންމެ ގަހެއްގައި މޭވާ އަޅަނީވެސް އެގަސް ކޯދުލައި ހެދުމަށްހު ފޯދޭ ފަހުންނެވެ. ދިވެހި ފުޓްބޯޅައިގެ ހިންގުންތެރިންނަށް އޮތީ ދަނޑު މުޑުވަށްކޮށް ފެންދީ ބެލެހެއްޓުމެވެ. ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ލަނޑު ޖެހި ދެ ވަނަ ޓޫކިލޯއެއް އުފަން ވުމުގެ ފޮނިމީރުކަން ދިވެހި ފުޓްބޯޅައަށް ލިބޭނީ އޭރުންނެވެ.