ޗައިނާ އާއި އިންޑިއާއިން ވެސް އަވަށްޓެރި ޝްރީލަންކާގައި ހާއްސަ އިގްތިސޯދީ ސަރަހައްދުތައް، އެސްއީޒެޑް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ ބައިނަލް އަގްވަމީ ވިޔަފާރިއާ ބެހޭ ވަޒީރު މާލިކް ސަމަރަވިކްރަމާ ވިދާޅުވެއްޖެ އެވެ.
ލަންކާގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ސަމަރަވިކްރަމާ ވިދާޅުވީ، އިންޑިއާއަށް ދޫކުރާ ހާއްސަ އިގްތިސޯދީ ޒޯނެއްގައި ތަރައްގީ ކުރަނީ ބޭސްވެރިކަމާ ގުޅޭ ސަމާނާއި ކާރާއި ވެހިކަލްތަކަށް ބޭނުންވާ ސްޕެއާ އުފެއްދުމުގެ މަސައްކަތް ކަމަށެވެ.
ޗައިނާއިން ބޭނުންވަނީ ލަންކާގެ ހަމްބަންޓޯޓާގައި 1500 އޭކަރުގެ ބިމެކެވެ. އެސަރަހައްދު ތަރައްގީ ކުރުމުން އެއް މިލިއަން ވަޒީފާ އުފެދިގެން ދާނެ ކަމަށް ސަމަރަވިކްރަމާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެބިމުގެ ސަރަހައްދު ދޫކުރުމަށް ވާންޖެހޭ ތައްޔާރިތައް ވަމުންދާ ކަމަށެވެ.
އިންޑިއާއަށް ދޫކުރާ ސަރަހައްދު މުޅި ފައިނަލް ނުވާކަމަށް ސަމަރަވިކްރަމާ ވިދާޅުވި އެވެ. ލަންކާއާއެކު އިގްތިސޯދީ ފަންނީ ވަސީލަތްތައް ގާއިމު ކުރުމަށްވާން ޖެހޭ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަންނަ ހަފުތާގައި އިންޑިއާގެ ވަފުދު ލަންކާއަށް ދާނެ ކަމަށް ސަމަރަވިކްރަމާ ވިދާޅުވި އެވެ. އަދި ޗައިނާއިން ވަނީ ފްރީ ޓްރޭޑް އެއްބަސްވުމެއް ކަމަށާއި އެއްބަސްވުމުގައި ސޮއި ކުރާނީ އަންނަ އަހަރު އެވެ. އަދި ސިންގަޕޫރައެކު ވާ އެއްބަސްވުންވެސް އެޖެންޑާގައި ހިމެނޭކަމަށް ސަމަރަވިކްރަމާ ވިދާޅުވި އެވެ.
ސަމަރަވިކްރަމާ ވިދާޅުވީ މިއަހަރު ފާސްކުރި އިންވެސްޓްމެންޓް ބޯޑުގެ ގާނުނުގެ ދަށުން "ހާއްސަ އިގްތިސޯދީ ސަރަހައްދުތަކުގައި މެނުވީ ބޭރުގެ ކަމާ ގުޅުންހުރި ފަރާތްކަށް މަސައްކަތް ނުކުރެވޭނެ،" ކަމަށެވެ.
ލަންކާއިން ވަނީ ސައިފަތާއި ފޮއްޗާއި ޖެމްސްގެ ބާވަތްތައް ބޭރު ކުރުމަށް އިންޑިއާ އާއި ޗައިނާއަށް ވެސް ޑިޔުޓީ ފްރީ މަގުން އެކްސްޕޯޓް ކުރުމަށް ފުރުސަތު ދިނުމަށް އަންނަ ހަފުތާ ނިންމާނެ ކަމަށް ލަންކާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
"މިހާރު ޝްރީލަންކާއާ އެކު ހުރިހާ ގައުމަކުންވެސް ގުޅުން އޮންނާނެ. އޭގެ ސަބަބުން ހުރިހާ ގައުމަކާއެކު ވެސް އިގްތިސޯދީ ގޮތުންނާއި ސިޔާސި ގޮތުންވެސް މަޝްވަރާ ކުރުމަށް ފަސޭހަ ވެގެންދާނެ" ސަމަރަވިކްރަމާ ވިދާޅުވި އެވެ.