ރާއްޖެ ކުޅިވަރު

ރިއޯ އޮލިމްޕިކްސްގައި ރާއްޖޭ ދިދަ އުފުލުމުގެ ޝަރަފް ސަޖަންއަށް

Jul 28, 2016

އަންނަ މަހު ފަސް ވަނަ ދުވަހު ބްރަޒިލްގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު މުބާރާތް ނުވަތަ އޮލިމްޕިކްސް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ރާއްޖޭގެ އެއްވަނަ އަންހެން ފެތުންތެރިޔާ އާމިނަތު ސަޖަންއަށް ދީފި އެވެ.

ޓީމް ބްރަޒިލްއަށް ފުރުމުގެ ކުރިން މިރޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ދިދަ ސަޖަންއާ ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް އެވެ.

އެތުލީޓުންނާ ބައްދަލު ކުރައްވައި މިނިސްޓަރު ވިދާޅުވީ އެތުލީޓުންގެ ކުރިއެރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި އަދި މުބާރާތުގައި އެތުލީޓުންނަށް ދިމާވާ ދަތިތައް މިނިސްޓްރީއަށް ހިއްސާ ކުރުމަށް ކޮންޓިޖެންޓްގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އެތުލީޓުންނަށް ހިތްވަރު ދެއްވާ ރާއްޖެއިން ވާދަ ކުރާ ކުޅިވަރުތަކުގައި މިހާރު އެތުލީޓުން ތިބި ހިސާބަށްވުރެ ކުރިއަށް ޖެހިލުމަށް ހިތްވަރު ދެއްވާފަ އެވެ.

ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ލިބުނު ސަޖަން ބުނީ "ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގައި ވާދަ ކުރުމަކީވެސް ލިބޭ ޝަރފެއް. އެއަށްވުރެ ބޮޑު ޝަރަފަކީ އެ ގޭމްސްގައި ގައުމީ ދިދަ އުފުލުމުގެ ޝަރަފް ލިބުން" ކަމަށެވެ.

ސަޖަން ވަނީ މިއަހަރު ޖަނަވަރީ މަހު އިންޑިއާގައި ބޭއްވި ދެކުނު އޭޝިއާގެ ކުޅިވަރު މުބާރަތުގައި އޭޝިއަން ގޭމްސްގައި 800 މީޓާ ފްރީސްޓައިލް އިވެންޓުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފަ އެވެ.

ރިއޯ އޮލިމްޕިކްސްގައި ރާއްޖެއިން ވާދަ ކުރަނީ އެތުލެޓިކްސްއާއި ފެތުމުގެ އިވެންޓްގައެވެ. ފެތުމުގެ އިވެންޓްގައި ވާދަ ކުރަނީ ޝަޖަންގެ އިތުރުން ނިޝްވާން އިބްރާހިމްއެވެ. އެތުލެޓިކްސްގައި ވާދަ ކުރަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އަދި އަފާ އިސްމާއިލްއެވެ.