ރާއްޖެ ކުޅިވަރު

ރިއޯގައި އަމާޒަކީ އިތުރު ރެކޯޑްތަކެއް: ސާއިދު

އަންނަ މަހު ފަސް ވަނަ ދުވަހު ބްރަޒިލްގެ ރިއޯޑީޖެނީރިއޯގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު މުބާރާތް ނުވަތަ އޮލިމްޕިކްސް ގޭމްސްގައި އަމާޒަކީ ބީޓަށް ކޮލިފައިވެ އިތުރު ކުރިއެރުން ހޯދުން ކަމަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބުނެފިއެވެ.

ރޭ ބްރެޒިލަށް ފުރުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓްގައި މީޑިއާ ވާހަކަ ދައްކަމުން ސާއިދު ބުނީ މިއީ މޮޅު ދުވުންތެރިންގެ ވެސް ޓާގެޓް ކަމަށެވެ.

"ރިއޯ އޮލިމްޕިކްސް ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ގޭމްސް ވާދަކުރަނީވެސް ދުނިޔޭގެ އެންމެ މަތީ ފަންތީގެ އެތުލީޓުންގެ ޓާގެޓަކީ ބީޓަށް ކޮލިފައިވުން ދެން އިތުރު ރެކޯޑްތަކެއް ހެދުން" ކަމަށެވެ.

ސާއިދު ބުނީ މީގެ ހަތަރު އަހަރު ކުރިން ރިއޯއަށް ތައްޔާރުވުމަށް މަސައްކަތް ފަށައި، ކުރެވުނު ޓްރެއިނިންއާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

"މިދިޔަ ހަތަރު އަހަރު ތެރޭ އަޅުގަނޑު ހީނުކުރާ ހިސާބަށް ދެވިއްޖެ، އަދިވެސް ކުރިއެރުން ހޯދަން ބޭނުން" މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި މިއަހަރު ޖަނަވަރީ މަހު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ރަން މެޑަލް ހޯދަދިން ސާއިދު ބުންޏެވެ.

އެތުލެޓިކްސް އިވެންޓްގައި ރާއްޖެއިން ވާދަ ކުރަނީ ސާއިދުގެ އިތުރުން އަފާ އިސްމައިލްއެވެ.