ދުނިޔެ

ހިލަރީގެ އީމެއިލް ހެކްކޮށްދިނުމަށް ޓްރަމްޕް ރަޝިޔާއަށް ގޮވާލައިފި

އެމެރިކާގެ ރިއާސީ އިންތިހާބުގައި ވާދަކުރާ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ހިލަރީ ކްލިންޓަންގެ އީމެއިލްތައް ހެކްކޮށްދިނުމަށް އިދިކޮޅު ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ރަޝިޔާ އަށް ގޮވާލައިފި އެވެ.

ނިއުޔޯކްގައި ބޭއްވި ޕްރެސްކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ރިޕަބްލިކަން ޕާޓީގެ ޓްރަމްޕް ވަނީ އެމެރިކާގެ ހާރިޖީ ވަޒީރު ކަމުގައި ހިލަރީ ހުންނެވިއިރު އޭނާގެ ޕާސަނަލް އީމެއިލް ރަސްމީ މުއާމަލާތްތައް ކުރެއްވުމަށް ބޭނުން ކުރެއްވިކަމުގެ ތުހުމަތު އަލުން ތަކުރާރު ކުރައްވާފައެވެ.

ޓްރަމްޕް ވަނީ ބޭރު ގައުމު ތަކުގެ ޖާސޫސުންނަށް އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކަންކަން ބެލުމަށް ގޮވާލައިފައެވެ.

"ރަޝިޔާއަށް އަޑުއިއްވަން ބޭނުން. އަހަރެން އުންމީދު ކުރަނީ ހިލަރީގެ އީމެއިލުން ގެއްލިފައިވާ އިތުރު 30000 އީމެއިލް ހޯދާނެ ކަމަށް" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ ރަޝިޔާގެ ރައީސް ވަލްޑަމިއާ ޕުޓިންއާ ދެމެދު އޮތް ވާދަވެރިކަން ސިފަ ކުރައްވައި އެމެރިކާއާ ރަޝިޔާގެ ގުޅުން ރަނގަޅު ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ އެމެރިކާގެ ރައީސް ކަމަށް ވަޑައިގެންފިނަ ރަޝިޔާއާއެކު އޮންނަ ގުޅުމަށް ގިނަ ކުރިއެރުންތަކެއް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕްގެ ވާހަކަތަކަށް ކުރީގެ ރައީސް ބިލް ކްލިނަޓަންގެ އަނބިކަނބަލުން ހިލަރީގެ ކެމްޕޭން ޓީމުން ވަނީ ވަގުތުން ރައްދުދީފަ އެވެ.

ހިލަރީގެ ސީނިއާ ޕޮލިސީ އެޑްވައިޒާ ޖޭކް ސްލިވަން ވިދާޅުވީ މިއީ އެމެރިކާގެ ރިޔާސީ ކެނޑިޑޭޓަކު އިދިކޮޅު ކެނޑިޑޭޓާ ދެކޮޅަށް ޖާސޫސް ކުރުމަށް ބޭރުގެ ފަރާތްތަކަށް ފާޅުގައި ގޮވާލެއްވި ފުރަތަމަ ފަހަރު ކަމަށެވެ. އެއީ ސިޔާސީ ވާދަވެރިކަމެއް ނޫން، އެއީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރަން ދިން ދައުވަތެއް ކަމަށް ސްލިވަން ވިދާޅުވިއެވެ.