ދުނިޔެ

އެމެރިކާގެ ޕާޓީ ކޮންވެންޝަންތައް، ރާއްޖޭގެ ސިޔާސީ ވެއްޓަށް ނަމޫނާއެއް

Jul 29, 2016
6

އިގްތިސޯދާއި މަދަނިއްޔަތާއި ރަށްވެހި ކަމުގެ ރޮނގުން ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ގައުމަކީ އެމެރިކާއެވެ. އެ ގައުމުގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކުން ދުނިޔޭގެ އެކި މައްސަލަތަކަށް ބޮޑެތި އަސަރުތަކެއް ކޮށް ހީވެސް ނުކުރާ ގޮތްގޮތަށް ކަންކަން ބަދަލުވެގެން ހިނގައިދާނެ އެވެ. މިއަހަރަކީ އެމެރިކާގެ ރިޔާސަތަށް އަނެއްކާ ވެސް ބަދަލެއް އަންނާނެ އަހަރެކެވެ. ހަތަރު އަހަރުގެ ދެ ދައުރަށް ފަހު، ބަރަކް އޮބާމާ އެމެރިކާގެ ރިޔާސަތާ އަލްވަދާއު ކިޔުމަށް ތއްޔާރުވަމުން އަންނަ އިރު، މުޅި ދުނިޔެ އޮތީ އެމެރިކާގެ ރައްޔިތުންގެ ނިންމުމަކަށް ބަލަބަލަ އެވެ. މިހާރު ކުރިއަށް މި ދަނީ އެމެރިކާގެ ސިޔާސީ ޑައިނެމިކްގެ އެންމެ ޝައުގުވެރި، އަދި ފޯރި ގަދަ ދުވަސްވަރެވެ.

އެމެރިކާގެ ސިޔާސީ މަސްރަހު ތިލަފަތް އަބަދުވެސް ބުރަވެފައި އޮންނަނީ އެންމެ ބޮޑު ދެޕާޓީ ޑިމޮކްރެޓިކާއި ރިޕަބްލިކަންގެ މެދުގަ އެވެ. މިދުވަސްވަރު ސިޔާސީ ފޯރި އެހާ ގަދަވެފައި ވަނީ، މިއަހަރު ނޮވެމްބަރު މަހު އަށް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް، މި ދެ ޕާޓީ އިން ނެރޭނެ ކެންޑިޑޭޓުން ރަސްމީ ސިފައެއްގައި މިހާރު އިއުލާންކޮށް، ރިޔާސީ ކެމްޕޭން މެކުހަށް ޖެހުމުންނެވެ. އެތެރޭގެ އިންތިހާބަށް ފަހު ރިބަޕްލިކަނުންގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވީ، ޑޮނަލްޑް ޓްރަމްޕެވެ. ޑިމޮކްރަޓުންގެ ޓިކެޓް ކަށަވަރު ކުރެއްވި ކުރީގެ ރައީސް ކްލިންޓަންގެ އަނބިކަނބަލުން، އަދި އެ އިރެއްގައި ފަސްޓްލޭޑީ، ހިލަރީ ކްލިންޓަން އެވެ. އެމެރިކާގެ ސިޔާސީ ފޯރި ގަނޑުގެ ތެރެއިން ރާއްޖެއަށް ނެގިދާނެ އިބުރަތްތަކަކީ ކޮބައި ހެއްޔެވެ؟

އެމެރިކާއިން ވެރިކަން ހިންގުމުގައި ބަލައިގެންފައިވަނީ، ރިޔާސީ ނިޒާމެވެ. ދުނިޔޭގެ އެހެން ގައުމަތަކުން ރިޔާސީ ނިޒާމަށް ވެރިކަމުގެ އުސޫލުތައް ފެއްތުމަށް ބެންޗްމާކަކަށް ބަލަނީ އެމެރިކާ އެވެ. ރާއްޖޭގެ ނިޒާމަކީ ވެސް ރިޔާސީ އެވެ. އެމެރިކާގެ ސިޔާސީ ނިޒާމާއި ރާއްޖޭގެ ސިޔާސީ ނިޒާމުގެ އެއްގޮތް ކަންކަން ކިތަންމެހާ ވެސް ގިނަ އެވެ.

ރާއްޖެއިން މިސާލަކަށް ބަލައިގަންނަން ޖެހޭ، އެއްކަމަކީ އެމެރިކާގެ ޕާޓީތަކުގެ އެތެރޭގެ ޑިމްކޮރަސީގެ ހަރުދަނާ ކަމެވެ. ޕާޓީ އެތެރޭގެ ޑިމޮކްރަސީގެ ވަރުގަދަކަން ދައްކުވާލަދޭ އެންމެ އެންމެ މުހިންމު ސިޔާސީ ހަރަކާތަކީ ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ ރިޔާސީ ޕްރައިމަރީ އެވެ. އެއަށް ފަހު ބާއްވާ ޕާޓީގެ ގައުމީ ކޮންވެންޝަން ނުވަތަ ގައުމީ ޖަލްސާ އަކީ އެމެރިކާގެ ޓިމޮކްރަސީގެ ވަރުގަދަ ކަމުގެ ދިރިހުރި މިސާލެކެވެ. ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް މި އުސޫލުތައް ހަމަ ނަކަލު ކޮށްލުން ވެސް އެންމެ ރަނގަޅެވެ.

މިދިޔަ ހޯމަ ދުވަހު ފެށި ޑިމްކްރެޓިކް ޕާޓީގެ ކޮންވެންޝަން ތާރީހީ އެތައް ކަމަކާ އެކު ރޭ ވަނީ ނިންމާލައިފަ އެވެ. އިދިކޮޅު ރިޕަބްލިކަނުންގެ ކޮންވެންޝަން ބޭއްވީ، މިމަހު 18 އިން 21 އަށެވެ. ޕާޓީީގެ ކޮންވެންޝަނަކީ، އެމެރިކާގެ މަލްޓި ޕާޓީ، ޑިމްކޮރަސީގައި އެންމެ މުހިންމު އެއް ރުކުނެކެވެ. މެދުކެނޑުމެއް ނެތި، ޕާޓީ ކޮންވެންޝަންތައް އެމެރިކާގައި ބާއްވާތާ މިހާރު ބަރާބަރު 184 އަހަރު ވެއްޖެ އެވެ. އެމެރިކާގައި އެންމެ ފުރަތަމަ ޕާޓީ ކޮންވެންޝަން ބާއްވާފައިވަނީ 1832 ވަނަ އަހަރު ޑިމްކޮރެޓިކް ޕާޓީ އިންނެވެ. ޕާޓީގެ ކޮންވެންޝަންގެ ކާމިޔާބުކަން ފެނި ރިޕަބްލިކަން ޕާޓީން ކޮންވެންޝަން ހަރަކާތް ފެށީ 1956 ވަނަ އަހަރު އެވެ. އޭރުން ފެށިގެން މެދުކެނޑުމެއް ނެތި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ޕާޓީގެ ފޯރި ގަދަ ކޮންވެޝަނެއް ބާއްވައި ޕާޓީ ސިޔާސަތުތައް ހޫނު ބަހުސްތައް ކޮށް ކަނޑައަޅަ އެވެ.

ނޭޝަނަލް ކޮންވެންޝަންގެ ބޭނުމަކީ ކޮބާ؟

ކުރިން ދެންނެވިހެން ޕާޓީ ކޮންވެންޝަން ބާއްވަނީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އޮންނަ ރިޔާސީ އިންތިހާބާ ދިމާކޮށެވެ. ޕާޓީގެ އެތެރޭގެ، ރިޔާސީ ޕްރައިމަރީ އަށްފަހު އެވެ. ރިޔާސީ އިންތިހާބަށް ކެނޑިޑޭޓުން ހޮވަނީ ޕާޓީގެ އެތެރޭގައި ބާއްވާ ރިޔާސީ ޕްރައިމަރީއަށް ފަހުގަ އެވެ. ޕްރައިމަރީއެއްގައި އާންމުކޮށް ޕާޓީގެ އެތެރޭގައި ސިޔާސީ ހިޔާލު، ދެ ކަފިވެ ފެކްޝަންތައް އުފެދެ އެވެ. އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް ދޭ ސިޔާސީ ހަމަލާތަކުގެ ސަބަބުން، ޕާޓީ ތެރޭގައި ފެކްޝަންތައް އުފެދި ނިކަން ވަރުގަދަ ހަނގުރާމައެއް ޕާޓީ ތެރޭގައި އޮންނަނީ ފެށިފަ އެވެ.

ޕާޓީ ކޮންވެންޝަންގެ ބޭނުމަކީ ރިޔާސީ ޕްރައިމަރީގައި ފެނުނު ހޫނުކަން ފިނިކޮށް މުޅި ޕާޓީ އެއް ހިޔާލަކަށް ގެނެސް ޕްރައިމަރީ ކާމިޔާބު ކުރި ކެނޑިޑޭޓަށް، ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށް އަތާ އަތްގުޅާލައި، ބައިއަތު ހިފުމެވެ. ޕްރައިމަރީގައި ވާދަ ކޮށް ނާކާމިޔާބުވި ކެނޑިޑޭޓްވެސް ކޮންވެންޝަންގައި ބައިވެރިވެ، އޭނާގެ ވާދަވެރިއާޔަށް ކެމްޕޭން ކޮށްދިނުމުގެ މަސައްކަތް ފައްޓަވާނެ އެވެ. ޕާޓީގެ މެންބަރުން ޖޯޝުގައި ކެކިއަރާނެ އެވެ. ޕާޓީގެ ލީޑަރުންާއި ޕާޓީގެ މުހިންމު ބޭފުޅުން ވަރުގަދަ ތަގުރީރުތަކެއް ދެއްވާނެ އެވެ.

ނިމި ދިޔަ ކޮންވެންޝަންތަކަށް ބަލާއިރު، ޑިމްކޮރެޓިކްގެ ރިޔާސީ ޕްރައިމެރީގައި ހިލަރީއާ ވަދަ ކުރެއްވި، ސެނެޓާ، ބާނީ ސަންޑާސް ވެސް ޑިމޮކްރެޓިކް ކޮންވެންޝަނަށް ހާޒިރުވެ ހިލަރީ އަށް ތާއީދު ހޯދުމަށް ވަނީ ވާހަކަ ދައްކަވައިފަ އެވެ.

ޕާޓީ ކޮންވެންޝަނަށް އަންނަ އިރު، ރިޔާސީ ޕްރައިމަރީއެއްގައި، ވާދަކުރާ ކެނޑިޑޭޓާއި ރަނިންމޭޓް ކޮބައިކަން އޮންނާނީ ސާފުކޮށް އެނގިފަ އެވެ. ނަމަވެސް ކޮންވެންޝަނަކީ ރިޔާސީ ކެނޑިޑޭޓާއި ރަނިންމޭޓްގް ރަސްމީ ގޮތުން އިއުލާން ކުރުމަށް ޕާޓީން ބާއްވާ އެންމެ ވަރުގަދަ ސިޔާސީ ހަރަކާތެވެ. ކޮންވެންޝަނާ ހަމައިން ޕާޓީގެ ރިޔާސީ ކެމްޕޭން އަދި ކިރިޔާ ރަސްމީކޮށް އެ ފެށުނީ އެވެ.

ދެން ކޮންވެންޝަންގައި ކުރާނެ އެންމެ މުހިންމު މަސައްކަތަކީ، ޖެހިގެން އަންނަ އަހަރު އޮންނަ ޖެނެރަލް އިލެކްޝަންގައި ވާދަކުރާނެ ކެޑިޑޭޓުން ކަނޑައެޅުމެވެ.

ކޮންވެންޝަނަށް އެމެރިކާގެ 50 ސްޓޭޓުން މަންދޫބުން، ނޫނީ ޑެލިގޭޓުންގެ ވަފުދުންތައް ބައިވެރިވެ އެވެ. މިއަހަރުގެ، ރިޕްބަލިކަން ޕާޓީގެ ކޮންވެންޝަނަށް 2472 ޑެލިގޭޓުންވަނީ ބައިވެރިވެފަ އެވެ. ރިޔާސީ ޓިކެޓް ދެނީ ވެސް، މި ޑެލިގޭޓުންގެ މެދުގައި ނަގާ، ފެންނަ ނުފެންނަ ވޯޓަކަށް ފަހު އެވެ. އެކަމަށް މަދުވެގެން 1237 ވޯޓް ބޭނުންވާނެ އެވެ. މިއީ ކޮންވެންޝަނުން ރިޔާސީ ކެނޑިޑޭޓަށާއި ރަނިންމޭޓަށް ދޭ ރުމުހުމެކެވެ.

ޕާޓީ ކޮންވެންޝަނުން ފާހަގަ ކުރެވޭ އެންމެ މުހިންމު އެއްކަމަކީ އިލްމީ ނުވަތަ އެކެޑެމިކް ފެންވަރެއްގައި އިދިކޮޅު ކެނޑިޑޭޓްގެ ސިޔާސަތުތަކަށް ފާޑް ކިޔުމެވެ. މިއީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ނެތް ކަމެކެވެ. މިކަމަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކޮންމެހެން ތައާރަފްކުރަން ޖޭހޭ ކަމެކެވެ.

ރާއްޖޭގައި ސިސްޓަމް އޮންނަ ގޮތުން ނަމަ، ޕާޓީގެ ގައުމީ އާންމު ޖަލްސާއެއް ފަސް އަހަރުން އެއް ފަހަރު ބާއްވަ އެވެ. އެކަމަކު އެ ޖަލްސާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ޕާޓީގެ ގޮފިތަކުން މަންދޫބުން ވެސް ބައިވެރިވެ އެވެ. އެކަމަކު މިހާތަނަށް އެ ގައުމީ ޖަލްސާތައް ފެނުނީ ވަރަށް ވަދުކޮށެވެ. ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކޮށްލައި ޕާޓީގެ މަގާމުތަކަށް މީހުން އައްޔަން ކުރުން ފިޔަވައި އެހެން މާބޮޑު ކަމެއް ނުކުރެވެ އެވެ. ސިޔާސީ ގޮތުން މާ މޮޅެތި ހިޔާލުތަކެއް ވެސް ނުނެރެވެ އެވެ. ހަމައެކަނި ކުރާހާ ވެސް ކަމަކީ ޕާޓީގެ ރިޔާސަތުން ހުށަހަޅާ ކޮންމެ އެއްޗަކަށް އާ ބަސް ބުނެ ވޯޓް ދިނުމެވެ. އެމެރިކާގެ މިހިރަ ކޮންވެންޝަންތައް ނަމޫނާއަކަށް ބަލައިގެން، ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ގައުމީ އާންމު ޖަލްސާތައް ގަވާއިދުން ބޭއްވުމާއި އެ ޖަލްސާތަކުގެ ފޯމެޓް ބަދަލު ކުރުން ކިހިނެތް ވާނެ ހެއްޔެވެ؟ އޭރުން ޕާޓިގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރެވި، ތާކުންތާކުން ނުޖެހޭ ފެކްޝަންތައް ޕާޓީތަކުގެ ތެރޭގައި އުފެދުން ވެސް ހައްލު ކުރެވޭނެ އެވެ. އަދި ޕާޓީތަކަކީ ރައްޔިތުންގެ ބައިވެރިވުމާއި ބަސް އޮންނަ ހަގީގީ އެ މީހުންގެ އެއްޗަކަށް ބަދަލު ކުރުމަށް އެމެރިކާގެ މި މޮޑެލް ތަޖުރިބާކޮށްލުން އެންމެ ރަނގަޅުވާނެ އެވެ.